20، 22 އަހަރުގެ އަންހެނަކު 35، 40 އަހަރުގެ ފިރިހެނަކާއި ކައިވެނިކުރަން އުޅޭނަމަ ނުވަތަ ކައިވެނިކޯށްފިނަމަ ގިނަ ބައަކު އޭނާއަށް ބޮޑެތި ތުހުމަތުކުރެއެވެ. އެއުޅެނީ އޭނާގެ ތަނަވަސްކަމަށް ދަހިވެތިވެގެން ކަމަށް ބުނެއެވެ. ހިހޫތަނުން ކާލައިގެން އިންނަން ފަސޭހައަކަށް ކަމަށްވެސް ބުނެއެވެ.
އެއްބަސްވަމެވެ. އެފަދަ އަންހެނުންވެސް އުޅޭނެއެވެ. ނަމަވެސް އެއީ އެހައި ގިނަ ބައެއް ނޫނެވެ. ގިނަ އަންހެނުން އެފަދަ ނިންމުންތައް ނިންމާ ސަބަބުވެސް މިކިޔައިދެނީއެވެ.
ގިނަ އަންހެނުން ދިރިއުޅުމެއް ފަށަން މަސައްކަތްކުރަނީ ނުވަތަ ފަށަނީ ދާދި އެއް ޢުމުރެއްގެ ބައިވެރިއަކާއިއެކުގައެވެ. އެކަމަށް އަންހެނުންވެސް އިންވެސްޓްވެސް ކުރެއެވެ. ކައިވެންޏަށްވެސް އިންވެސްޓްކުރެއެވެ. ކައިވެންޏަށްފަހު ލިބޭ މުސާރައިންވެސް އިންވެސްޓްކުރެއެވެ. އެކަމަކި އިށާހިތަކު އޮންނަނީ އިންވެސްޓްމަންޓް ގެއްލިފައެވެ. ހުސްއަތާ މަގުމައްޗަށް ނުކުންނަން ޖެހިފައެވެ.
އެޙާލަތުކުރިމަތިވުމުން ދެންވާގޮތަކީ ދެވަނަ ކައިވެންޏަށް އިންވެސްޓްކުރަން ބޭނުންނުވަނީ އެވެ. އިންވެސްޓަރަކު ފެނުމުން އޭނާގެ ޢުމުރަށް ނުބަލައި ކައިވެނިކުރަނީއެވެ. އެއީ ކޮންމެހެން އޭނާގެ އަތުން ތަނަވަސްކަން ބޭނުންވެގެނެއް ނޫނެވެ. ތިމާ ހޯދާ އާމްދަނީން ދިރިއުޅުމަށް ޚަރަދުނުކޮށް ތިމާއަށް ލިބޭނެކަން ޔަޤީންކުރަނީއެވެ.
އަހުރެން މިވާހަކަކޮޅު މިބުނަނީ އަހުރެންގެ އަމިއްލަ ވިސްނުމަކުން ނޫނެވެ. ދޮށީ ފިރިހެނުންނާއި ގުޅިގެން ތިބި އެތައް އަންހެނުންނާއި ސުވާލުކުރުމުން އެމީހުން ދެއްކި ވާހަކައިގެ މައްޗަށް ބަލައިގެންނެވެ. އަދި އެމީހުންގެ ފިރިންގެ ކިބައިން ލިބުނު މަޢުލޫމާތަށްވެސް ބަލައިގެންނެވެ. އެމީހުންގެ އަނބިން އުޅެނީ ފިރިންގެ ތަނަވަސްކަމުގެ ދަހިވެތިކަމުގައި ކަމަށް ބުނީ އެންމެ 10 އިންސައްތަ ފިރިންނެވެ.
މިއީ ކައިވެނީގެ ކަންކަމުގައި ލަފާދޭ ޢިލްމުވެރިއަކު ދައްކާފައިވާ ވާހަކައެއްގެ ކުރު ޚުލާޞާއެކެވެ.
- އަލަފް / މިއަދުނޫސް