"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިއަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިއަބައިމީހުން ކައިއުޅޭށެވެ! އަދި ތިއަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާ ކަމުގައިވާނަމަ، އެކަލާނގެއަށް ޝުކުރުވެރިވާށެވެ." (އަލްބަޤަރާ: 172)
ޙަރާމްތަކެތީގެ ތެރޭގައި 2 ބާވަތެއްގެ ތަކެތި ހިމެނެއެވެ. އެއީ ކައި ބޮއި ހެދުން ﷲ ތަޢާލާ ޙަރާމްކުރެއްވެވި ތަކެއްޗާއި ޙަރާމް ގޮތުގައި ހޯދައިގެން ކައިބޮއި ހަދާ ޙަލާލުތަކެއްޗެވެ! އެތަކެތި އެއިގެ ޒާތުގައި ޙަލާލް ނަމަވެސް ޙަރާމް ގޮތަކުން އެތަކެތި ލިބިގެންފިނަމަ ވާނީ ޙަރާމް ތަކެއްޗަށެވެ.
ޙަރާމް ތަކެތި ކައި ބޮއި ހަދާ މީހާ އެހުރީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވެގެންނެވެ. ﷲ ތަޢާލާއަށް ނުކިޔަމަންތެރިވެގެން ހުރެ ތިމަންނާގެ ދުޢާ ޢިޖާބަކޮށް ދެއްވެވުން އެދި ދެންނެވުމަކީވެސް ކިހިނަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟
މީސްތަކުންނޭވެ! ދުޢާ އިޖާބަ ނުކުރައްވަވާނެ ޙާލަތަކަށް ނުދާށެވެ! ތިމާއަށް ނިކަމެތިކަމެއް މެދުވެރިވެ ﷲ ތައާލާއަށް އާދޭސް ދަންނަވަން ޖެހޭނީ ކޮން ވަގުތަކުކަން އެނގޭނީވެސް ކާކަސް ހެއްޔެވެ؟ އެހެން ނޫން ނަމަވެސް މުސްލިމުންނަކީ އަބަދުވެސް ދުޢާކުރުމަތިގައި ދެމިތިބެން ޖެހޭ ބައެކެވެ.
ބަކަރި ހުއިހައްޕާއިރު ތިމާގެ ބިން ފިޔަވައި އެހެން މީހެއްގެ ބިމުން ބަކަރިތަކަށް ހުއި ކާންދެވިއްޖެނަމަ ތިމާގެ ބަކަރިތަކުން ލިބޭ ކިރާއި މަސް ތިބާއަށް ޙަލާލް ނުވާނެ ކަމުގެ ބިރު އޮތްއިރު މީސްތަކުންގެ ޙައްޤުތައް އަމިއްލަ އަތުން ނަގައިގެން ކާން ބިރު ނުގަންނަނީ ކީއްވެގެން ހެއްޔެވެ؟
މީސްތަކުންނޭވެ! ޙަލާލް ރިޒުޤް ކައިބޮއި ހަދަން ބޭނުންވާ މީހާ، އެބިމަކީ އެމީހެއްގެ ބިންކަން ޔަޤީން ނުވާ ބިމަކުން އެމީހާ ގެންގުޅޭ ގެރިބަކަރިތަކަށް ކާން ދިނުމެއް ނެތެވެ. އެފަދަ ބިމެއްގައި ހުއި ކިތަންމެ ގިނަވެފައި ބޭނުން ނުކޮށް ދޫކޮށްލާފައި އޮތް ނަމަވެސް އެ ހުއިގެ ބޭނުންކުރަންޖެހޭނީ އެބިމުގެ ވެރިފަރާތުގެ ހުއްދަ ލިބިގެންނެވެ. ނޫން ނަމަ އެމީހަކަށް ޙަލާލެއް ނުވާނެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުން މިކަންކަމަށް ސަމާލުކަންދޭށެވެ! ކައިބޮއި ހަދަނީ ޙަލާލުތަކެތިކަން ކަށަވަރުކުރާށެވެ! ޙަލާލުތަކެތި ކައިބޮއި ހެދުމަކީ އެމީހަކު ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުމަށް އޮތް ޝަރުޠެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން