ކުޑަކުޑަ މިޘާލަކުން ފަށާނަމެވެ. ޤާނޫނުތަކުން ކުރާ އަމުރަށް ކިޔަމަންތެރިވަނީ ކީއްވެގެން ހެއްޔެވެ؟ ހަމަ އެންމެ ސަބަބަކާއި ހުރެއެވެ. އެއީ އަމުރަށް ކިޔަމަންތެރިނުވެއްޖެނަމަ އަދަބުދޭނެތީއެވެ. އަދަބު ލިބުމުން ތިމާށއަށް ގެއްލުންވާނެތީއެވެ. އެއްވެސް އަދަބެއް ނުލިބޭނެ ނަމަ ނުވަތަ އެއްވެސް ގެއްލުމެއް ނުލިބޭނެނަމަ އަޅައިވެސްލާނީ ދާދި މަދު މީހެކެވެ.
ދިރިއުޅުމުގެ ކަންކަން މިއަދު މިއޮތީ ބަދަލުވެފައެވެ. ބައިވެރިޔާއަށް ކުރާ އަމުރަކަށް ކިޔަމަންތެރިނުވެއްޖެނަމަ ދީފާނެ އަދަބަކަށް ޖްހިލުންވާނީ މަދު ބައިވެރިއެކެވެ. ގިނަ ބައެއްގެ ވިސްނުމަކަށްވާނީ ބޮޑުވަރަކަށް ވަރިކުރާނީ ނޫންހެއްޔެވެ؟ ނުވަތަ ވަރިވެގެންދާނީ ނޫން ހެއްޔެވެ؟ އެކަމުން ވާނީ ކޮން ކަމެއް ހެއްޔެވެ؟ އަވަހަށް އަނެއް ކައިވެނިކުރީމާ ނިމުނީ ނޫން ހެއްޔެވެ؟
ވީމާ ތިމާ ބޭނުންވާ ގޮތަށް ބައިވެރިޔާ ލައްވައި ތިމާ ބޭނުންވާ ކަންކަން ކުރުވަން ބޭނުންވާނަމަ ފުރަތަމަ ކަމަކަށް ބައިވެރިޔާ ބޭނުންވާ ކަންކަން އޭނާއަށް ކޮށްދޭށެވެ! ހަމައެކަނި އަމުރުކުރުމަކުން ފައިދާއެއް ނުކުރާނެއެވެ. ލޯބި ލިބެން ބޭނުންވާނަމަ ލޯބިދޭށެވެ ބުނާ އުޞޫލުންނެވެ.
މިވާހަކަ މިބުނަނީ ވަކި މީހަކަށް ނޫނެވެ. ދެމަފިރިންނަށެވެ. ކޮންމެ މީހަކުވެސް އަނެކާ ބޭނުންވާ ކަންކަން ކޮށްދޭށެވެ. އަނެކާއަށް އަޅައިލާށެވެ! ފަރުވާ ބަހައްޓާށެވެ. އެހީތެރިވެދޭށެވެ. ތިމާގެ ވާޖިބުތައް ރަނގަޅު ގޮތުގައި އަދާކުރުމަށްފަހު އަނެކާގެ ކިބައިން ކަންކަމަށް އެދޭށެވެ.
ދެން އޮތީ މަޖުބޫރީ ޙާލަތުގައި ކަންކަން ކޮށްދޭން ޖެހުމެވެ. މަޖުބޫރީ ޙާލަތުގައި ކަންކަން ކޮށްދިންނަނަމަވެސް އެކޮށްދެނީ ކޮށްދޭ ހިތަކުން ނޫނެވެ. ކޮށްދޭ ހިތުން ކަންކަން ކޮށްދިނުމާ ވަރަށް ތަފާތުވާނެއެވެ. އެކަމުން ލިބެންވާ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ވީމާ ޙައްލަކީ ދެމީހުންވެސް އަނެކާގެ ބޭނުންތަކަށް ސަމާލުކަންދިނުމެވެ.
- ޝަމްވީލާ / މިއަދުނޫހަށް