މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކުށްކުރާ ޢުމުރު ދަށްވަމުން އައިސް 12 އަހަރަށް މިވަނީ ދަށްވެފައެވެ. އެކަމުގެ އެއްސަބަބަކަށްވެގެން ދިއައީ 18 އަހަރު ނުފުރޭނަމަ ކުށްކުރިނަމަވެސް ޚާއްޞަ ޢިނާޔަތްތަކެއް ލިބުމެވެ. އެހެންވެ ކުށް ކުރުވާ މީހުން އެކަމުގެ ނާޖާއިޒު ފައިދާ ނަގަމުން ދިއުމެވެ. މަސްތުވާތަކެތި ވިއްކުމަށާއި މާރާމާރީތައް ހިންގަން 18 އަހަރު ނުފުރޭ ކުދިން ބޭނުންކުރަން ފެށުމެވެ.
މައިންބަފައިންނަށް ލިބޭ އާމްދަނީ މަދުވުމުން ކުދިންގެ ހުރިހާ ބޭނުންތަކެއް ފުއްދައިދިނުން ދަތިކަމަކަށްވެފައިވާއިރު ކުދިން ބޭނުންވާ ކަންކަން އަންނަނީ އިތުރުވަމުންނެވެ. އެންމެ ފަހުގެ ފޯނު ބޭނުންވެއެވެ. އެންމެ އަގުބޮޑު ޕެކޭޖްވެސް ބޭނުންވެއެވެ. އެންމެ ފަހުގެ ލެޕްޓޮޕާއި ޓެބް ވެސް ބޭނުންވެއެވެ. އެންމެ ރީތި ފޭރާން ބޭނުންވެއެވެ. އެންމެ ސްމާޓްކޮށް ހުންނަންވެސް ބޭނުންވެއެވެ.
ވީމާ އެކަންކަން ލިބިގަތުމަށްޓަކައި ފައިސާ ހޯދަން އެންމެ ފަސޭހަ މަގު އިޚްތިޔާރުކުރެވެނީއެވެ. އެމަގުން ކުދިން ހިނގަންފެށުމުން ބެލެނިވެރިންގެ އަތުން ކުދިންގެ ކޮންޓްރޯލް ބެލެނިވެރިނަށް ގެއްލިގެންދެއެވެ. އެންމެ ބޮޑު ސަބަބަކީ ކުޑްކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ޖެދިފައިވާ ޤާނޫނުތަކުގައި ހުރި ބައެއް ބަލިފައިތަކެވެ.
ﷲ ތައާލާ ނަހީކުރައްވަވާފައިވާ ކަންކަމަށް، މުންކަރާތްތަކަށް އަރައިގަންނަ މީހުންނަށް ޙައްޤު އަދަބު ނުދެވޭނަމަ ދަރިން ތަރުބިއްޔަތެއް ނުކުރެވޭނެއެވެ. ފާފަތައް ކުރާ މީހުންނަށް ޙައްޤު އަދަބު ލިބޭތަން ދަރިންނަށް ފެންނަން އެބަޖެހެއެވެ. އެހެން ނޫންނަމަ އެކންކަމަށް ކުދިން ޖެހިލުމެއް ނުވާނެއެވެ.
ﷲ އަށް ބިރުވެތިވުމަށާއި ސިޔާސީ ފައިދާއަށް ޤައުމުގެ އިޖުތިމާޢީ ފޭރާން ވީދާނުލުމަށް ވެސް އުސްތާޛް ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ބައަކު މީހުންގެ ތެރޭގައި މުންކަރާތް ޢާއްމުވެ އެކަން ނުހުއްޓުވައިފިނަމަ ﷲ ގެ ކޯފާ އާއި ޢަޛާބު އަންނާނީ އެންމެން ޝާމިލުވާ ގޮތަށެވެ. އެހިސާބަށް ދިޔުމުގެ ކުރިން ފިޔަވަޅު އަޅައި ހުއްޓުވަން އެބަޖެހެއެވެ.
އިސްލާމް ދީނަކީ އިންސާނުންނަށް ޙަޤީޤީ ފައިދާކުރާނެ ކޮންމެ ކަމަކަށް ހިތްވަރުދީ މަގުފަހިކޮށްދޭ ދީނެވެ. ހަމައެފަދައިން އިންސާނުންނަށް ގެއްލުންހުރި ކޮންމެ ކަމެއް މަނާކުރާ ދީނެވެ. ވީމާ ތަންފީޒީ އިދާރާތަކުން މިކަންކަމަށް އެކަށީގެންވާ ސަމާލުކަން ނުދީ އަޅައިނުލާ ތިބެންވެއްޖެނަމަ މުޅި ޖީލު ހަލާކުވެގެން ހިނގައިދާނެއެވެ. އެއީ މުޖުތަމަޢުއަކަށް ލިބޭނެ އެންމެ ބޮޑު އެއް ދެރައެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް