ޢަލީ އިޙްޞާން ފިރާޤް
ދިޙްޔަތުލް ކަލްބީގެ ސިފައިގައި ޖިބްރީލުގެފާނު:
ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހުއަކީ އިސްލާމްދީނުގެ މަތިވެރި ނަބިއްޔާ صلّى اللّـه عليه وسلّم ގެ ދަރަޖަ މަތިވެރި ޞަޙާބީބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ޞަޙާބީބޭކަލެކެވެ. އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ މަދީނާގައި އުޅުއްވި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޞަޙާބީބޭކަލުންގެ ތެރެއިން އެންމެ ބުރުސޫރަފުޅު ރީތި ޞަޙާބީގެ ގޮތުގައެވެ. ސިޔަރު ޢައުލާމުއް ނުބަލާއުގައި ލިޔުއްވައިފައިވާ ގޮތުގައި، ވަޙީގެ މަލާއިތާ ޖިބްރީލު އަމީން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ބައެއް ފަހަރު ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހުގެ ސިފަފުޅުގައި ވަޑައިގަންނަވައެވެ. މިކަން ޞައްޙަ ޙަދީޘް ބަސްފުޅުތަކުންވެސް ސާބިތުވެއެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم، أمّ المؤمنين أمّ سلمة رضى اللّـه عنــها ގެ ގެކޮޅުގައި ހުންނެވި ދުވަހެއްގައި ޖިބްރީލުގެފާނު ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ހުންނެވީ ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހުގެ ސޫރަފުޅުގައެވެ. އޭރު އެތަނުގައި أمّ المؤمنين أمّ سلمة رضى اللّـه عنــها ވެސް ހުންނެވިއެވެ. ޖިބްރީލުގެފާނު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ވާހަކަފުޅު ދެއްކެވުމަށް މަޑުކޮށްލެއްވުމަށްފަހު ވަޑައިގެންނެވިއެވެ.
ޖިބްރީލުގެފާނު ވަޑައިގެންނެވުމުން މާތް ރަސޫލާ أمّ سلمة އާ ސުވާލުކުރެއްވިއެވެ. [އެއީ ކާކުކަން އެނގިވަޑައިގަންނަވާތޯއެވެ؟] އެކަމަނާ ޖަވާބު ދެއްވިއެވެ. [އެއީ ދިޙްޔާއެވެ.] އެކަމަނާ މިހެން ވިދާޅުވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއަށް އެއީ ޖިބްރީލުގެފާނު ކަމުގައި ވިދާޅުވިއެވެ.
{صحيح مسلم، كتاب فضائل الصحابة رضى الله تعالى عنهم، باب مِنْ فَضَائِلِ أُمِّ سَلَمَةَ أُمِّ الْمُؤْمِنِينَ رضى الله عنها ، ޙަދީޘް ނަންބަރު 2451}