މުޞީބާތަށް އުފާކޮށްބަލަ!: ސުވަރުގޭގަ ގިނަވާނީ ދަތިޙާލާ މުޞީބާތުގަ ގިނަ ދުވަހު އުޅެންޖެހުނު މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
މުޞީބާތަށް އުފާކޮށްބަލަ!: ސުވަރުގޭގަ ގިނަވާނީ ދަތިޙާލާ މުޞީބާތުގަ ގިނަ ދުވަހު އުޅެންޖެހުނު މީހުން!

އެންމެންހެން ދައްކަނީ މުޞީބާތް ކުރިމަތިވުމުން ޖެހޭ ދަތިޙާލުގެވާހަކައެވެ! އުފުލަން ޖެހޭ ތަކްލީފްތަކުގެ ވާހަކައެވެ. އެކަމުން އެނގެނީ މިންވަރަށް އީމާން ނުވެވޭ ކަމެވެ. މުޞީބާތްތައް ކުރިމަތިވުމަކީ ދިރިއުޅުމުގެ އެއްބައިކަން ޤަބޫލުނުކުރެވޭ ކަމެވެ. މުޞީބާތްތައް ކުރިމަތިވުމަކީ ކިތަންމެ ފައިދާހުރި ކަމެއް ނަމަވެސް އެއްވެސް މީހަކު އެކަމަސް ކުރިމަތިލާން ބޭނުން ނުވާކަމެވެ.  

ޙަޤީޤަތަކީ މުޞީބާތެއް ކުރިމަތިވުމުން ކެތްތެރިވެއްޖެ ނަމަ އެކަމުން ފައިދާ ނުކުރާނެ ހަމައެކަކުވެސް ނުހުންނާނެ ކަމެވެ! ދުނިޔޭގައި އެކަމުގެ ފައިދާ ނުފެނުނު ނަމަވެސް އާޚިރަތުގައި އެކަމުގެ ފައިދާ ނުފެނިއެއް ނުދާނެއެވެ. އަދި ކީއްހެއްޔެވެ؟ މުޞީބާތަށް ކެތްތެރިވާ މީހުންނަށް ދުނިޔޭގައި އެކަމުގެ ފައިދާ ދެއްކެވި ނަމަވެސް އާޚިރަތުގައި ލިބެންވާ ބައިން އެއްވެސް މިންވަރެއް މަދު ނުވެ ތިބާއަށް ލިބިގެންދާނެއެވެ! އިން ޝާ ﷲ 

މުޞީބާތުގެ ވާހަކަ މިހައި ގިނައިން ދައްކަން މިޖެހެނީ މުޞިބާތް ކުރިމަތިވުމުން މާޔޫސްވާ މީހުން ގިނަކަމުންނެވެ. އެ މާޔޫސްކަމުގައި އަޅުކަމާއި އަދި ދީނާއިވެސް ދުރުވެވޭ ހިސާބަށް ކަންކަން ދާތީއެވެ!  

ދުނިޔެއިން ފެންނަމުންދާ ތަޖުރިބާއަށް ބަލާއިރު މުޞިބާތް އުފުލަން ނުޖެހޭ ގިނަ ބައަކު ދުނިޔެ ދޫކުރަނީ ޣާފިލުކަންމަތީގައެވެ. އަޅުކަމާއި ދުރުހެލި ބައެއްގެ ގޮތުގައެވެ. މަރުހަނދާންވެސް ނުކުރާ ބައެއްގެ ގޮތުގައެވެ. އެފަދަ މީހުންނަށް ޤިޔާމަތް ދުވަހު ކުރިމަތިވެދާނެ މުޞީބާތްތަކުގެ ބޮޑުކަމާއިއެވެ! 

އިސްވެ ދިއަ އުންމަތްތައް އުފުލަން ޖެހުނު ތަކްލީފްތަކުގެ ބޮޑުކަމުގެ ވާހަކަ ކީރިތި ޤްރްޢާނުގައި ބަޔާން ކުރައްވަވާފައި އެވަނީވެސް ޢިބްރަތަކަށެވެ. އެކަންކަމުން ޢިބްރަތް ޙާޞިލުކުރުމަށެވެ.  

"ތިއަބައިމީހުންގެ ކުރީގައި އުޅެ ގޮސްފައިވާ މީހުންގެ ޙާލްތައް ތިއަބައިމީހުންނާ ހަމައަށް އަދި ނައިސްވަނިކޮށް، ތިއަބައިމީހުން ސުވަރުގެ ވަންނާނެކަމަށް ތިއަބައިމީހުން ހީކުރީހެއްޔެވެ؟ އެއުރެންނަށް ތަދުމަޑުކަމާއި ބަލިމަޑުކަން ޖެހުނެވެ. އަދި އެއުރެންނަށް ގުޑުންއަރައިގެން ދިއައެވެ. ރަސޫލާ އާއި އެކަލޭގެފާނުގެ އަރިހުގައި ތިބި އީމާންވި މީސްތަކުންނަށް ބުނެވިއްޖައުމަށް ދާނދެނެވެ. ﷲ ގެ ނަޞްރު އަންނާނީ، ދެން ކޮންއިރަކުން ބާވައެވެ؟ ދަންނާށެވެ! ހަމަކަށަވަރުން، ﷲގެ ނަޞްރު ވަނީ ދާދި ގާތުގައެވެ." (އަލްބަޤަރާ: 214) 

މުޞީބާތް ކުރިމަތިވެގެން ތިމާއަށް ކުރި ފައިދާގެ ވާހަކަ ދައްކާ މީހުން ވަރަށް މަދެވެ. އެކަމުން އެނގެނީ ޝުކުރުވެރިވާ މީހުން މަދުކަމެވެ. ނުވަތަ މުޞީބާތް ފިލައި ދިއުމުން އެކަމުގެ ހަނދާން ވެސް ނުހުންނަ ކަމެވެ.

  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން