ތިމާއަށް ފާފައެއް ކުރެވިފައި އޮތުމަކީ ތައުބާވުމަށްފަހު އެކަން ހަނދާނުގަވެސް ބަހައްޓަންޖެހޭނެ ކަމެއް ނޫން! ﷲ ތަޢާލާގެ ދީލަތިވަންތަކަން މާބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ތިމާއަށް ފާފައެއް ކުރެވިފައި އޮތުމަކީ ތައުބާވުމަށްފަހު އެކަން ހަނދާނުގަވެސް ބަހައްޓަންޖެހޭނެ ކަމެއް ނޫން! ﷲ ތަޢާލާގެ ދީލަތިވަންތަކަން މާބޮޑު!

ޒުވާން ޢުމުރުގައި ނުވަތަ އެނޫން ޢުމުރެއްގައިވެސް ފާފައެއް ކުރެވިފައި އޮތުމަކީ އެމީހަކު އެކަމުން ތައުބާވުމަށްފަހު މާޔޫސްވާން ޖެހޭނެ ކަމެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އެކަމަކާއިމެދު އެއްވެސް ވަރަކަށް ވިސްނަން ޖެހޭނެ ކަމެއްވެސް ނޫނެވެ. ﷲ ތަޢާލާގެ ރަޙްމާންވަންތަކަމާއި ރަޙީމްވަންތަކަން އެއަށްވުރެ މާބޮޑެވެ.  

މީހާ ތައުބާވުމުން ކަލެއަށް ޒުވާން އުމުރުގައި ފާފަތައް ކުރެވިފައިވޭ ނޫންހޭ؟ ޒުވާން އުމުރު ހޭދަކުރި ގޮތާއިމެދު ސުވާލު ކުރައްވަވާނެ ނޫންހޭ؟ ފަދަ ސުވާލުތަކަކީ ޝައިޠޯނާ އުފައްދުވާ ސުވާލުތަކެކެވެ. އެހެނީ އެމީހަކު ތައުބާވެ، އެގޮތުގައި ދެމިހުރިނަމަ އެމީހަކީ އެއްވެސް ފާފައެއް ނުކުރާ މީހަކު ފަދަކަން ޤުރްއާނުން އެނގެން އެބައޮތެވެ. އަދި ތައުބާވުމުން އެމީހަކަށް ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވަވާނެކަންވެސް އެނގެން އެބައޮތް ނޫން ހެއްޔެވެ؟  

އަދި އެކަމުގެ އެންމެ ފުރިހަމަ ދަލީލަކީ ޞަޙާބީންނެވެ. އެބޭކަލުންނަކީ އެބޭކަލުންގެ ޒުވާން އުމުރުގައި ޝަރީކުކުރެއްވެވި ބޭކަލުންނެވެ. އެއިގެ ތެރެއިން ބައެއް ބޭކަލުންނަށް ދުނިޔޭގައި ތިއްބަވަނިކޮށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ރަސޫލް ވަނީ ދެއްވަވައިފައެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަބޫބަކުރުގެފާނު މަސްތުގެ ޙާލުގައި ހުންނަވައި ހަނދަށް ބައްލަވައި ކުރެއްވެވުނު ކަންކަން ސިޔަރަތުން އެނގެން އެއޮތީއެވެ. ޢުމަރުގެފާނު ރަސޫލް ޤަތުލުކުރައްވަން ނުކުމެވަޑައިގެންނެވި ކަމަށްވެސް ސިޔަރަތު ފޮތްތަކުގައި ލިޔެވިފައިވެއެވެ.  ޚާލިދު ބިން ވަލީދު ކިތައް މުސްލިމުން ޝަހީދުކުރެއްވެވި ހެއްޔެވެ؟ މިހެންގޮސް ކިޔަންވެއްޖެނަމަ ޢުމުރު ހުސްވަންދެންވެސް މިބާވަތުގެ ކަންކަމުގެ ވާހަކަ ދެއްކިދާނެއެވެ. މިވަރުންވެސް ވިސްނަން ބޭނުން މީހަކަށް ޢިބްރަތަކަށްވާނެއެވެ.  

ޒުވާން އުމުރުގައި ފާފައެއް ނޫނީ ފާފަތަކެއް ކުރެވިފައިވީތީ އޮތީ ކަންބޮޑުވުމެއް ނޫނެވެ. ތައުބާވެ ތައުބާވުންމަތީގައި ދެމިހުރުމެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް ނުހެއްލޭށެވެ! ﷲ ތަޢާލާގެ މަގުގައި ސާބިތުވާށެވެ! މާޔޫސްވާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން