ބައެއް މީހުންނަށް ނަރަކަ އާއިމެދު ވިސްނެނީ ޚިޔާލީ ތަނެއްގެ ގޮތުގައެވެ. އެއީ ތިމާއަށް ކުރިމަތިލާންޖެހޭނެ ޙަޤީޤަތެއް ކަމާއިމެދު ވިސްނޭނަމަ ނަރަކައަށް ބިރުވެތިވާނެއެވެ. ނަރަކައިން ސަލާމަތްވެވޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއްވެސް ކުރާނެއެވެ.
ރަނގަޅަށް ވިސްނައި ސަމާލުކަންދީގެން އަޑުިއަހާށެވެ! ޝައިޠޯނާއަށް އެންމެ މީހަކު ނަމަވެސް ނަރަކައަށް ގެންދިއުމުގެ ބާރު ލިބިފައިވާނަމަ އެކަލޭގެ ނަރަކައަށް ވަންނާނީ ދުނިޔޭގެ އެންމެން ގޮވައިގެންނެވެ. އެއީ އޭތި ބޭނުންވާ ގޮތްކަން ކީރިތި ޤުރްއާނުން އެނގޭނެއެވެ.
ނަމަވެސް އެއީ ﷲ ތަޢާލާ އިބިލީހަށް ދެއްވަވާފައިވާ ބާރެއް ނޫނެވެ. ކޮންމެ މީހަކު ނަމަވެސް ނަރަކައަށް ވަންނަނީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި އެމީހަކު އަމިއްލައަށެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ ތައުބާވެ ހެޔޮ ޢަމަލުތައް ކުރުންމަތީގައި ދެމިތިބޭ އެންމެން ސުވަރުގެ ވައްދަވާނެތެވެ. އެފަދަ އެންމެންނަށް ޢަފޫކުރައްވަވާނެކަންވެސް ޤުރްއާނުން އެނގޭނެއެވެ.
ބަނގުރަލާއި މަސްތުވާތަކެއްޗާއި ދުންފަތުގެ އިސްތިޢްމާލް ކުރުމުން ޞިއްހަތަށް ގެއްލުން ލިބި ފުރާނައަށް ނުރައްކާވާކަން ރަނގަޅަށް އެނގިތިބެ އެތަކެތި ބޭނުންކުރަމުން ގޮސް މަރުއެނދުގައި އޮށޯންނަން ޖެހޭއިރުވެސް ހުއްޓައި ނުލެވޭ ފަދައިން، އެ ފާފައެއް ކުރުމުން ނަރަކައަށް ވަންނަން ޖެހޭނެކަން އެނގޭ ފާފަތައް ކުރުންމަތީގައި ތިއްބައި މަރުގެ މަލާއިކަތާ ވަޑައިގެން ބައްދަލުކުރައަވަވަނީއެވެ.
މީސްތަކުންނޭވެ ނަރަކަ އާއިމެދު ބިރުވެތިވާށެވެ! ފާފައެއް ކޮށްލުމުން ލިބޭ ވަގުތީ ހިތްހަމަޖެހުމުގެ ބޭނުމުގައި އުޚުރަވީ ހަޔާތް ނަރައިކައިގައި ހޭދަކުރަން ޖެހިއްޖެ ނަމަ ލިބޭނެ އަނިޔާ އާއި ކެކުޅުން ހިތްތަކަށް ގެންނާށެވެ! ﷲ ތައާލާއަށް ބުއްދި ދެއްވެވީ މިކަންކަމަށް ވިސްނައި ފިކުރުކުރުމަށެވެ. ބުއްދީގެ ބޭނުންކޮށްގެން ނަރަކައިން ސަލާމަތްވާން މަސައްކަތް ނުކުރެވޭ ނަމަ ﷲ ތައާލާ ތިބާއަށް ބުއްދި ދެއްވެވި ބޭނުން ތިއަ ބާކީކޮށްލަނީއެވެ! ނަގައިލަނީއެވެ.
އެކަމުގެ ހުރިހާ ޒިންމާއެއް ވެސް ނަގަން ޖެހޭނީ އެމީހަކު އަމިއްލައަށެވެ. އެކަމުގެ ޒިންމާ އިބިލީސްވެސް ޤިޔާމަތް ދުވަހު ނުނަގާނެ ކަމުގެ ވާހަކަ ކުރީރޭގެ ދަރުސްގައި ކީރިތި ޤުރްއާނުގެ އާޔަތްތަކުން ބަޔާންކޮށްދިނީމެވެ.
ގިނަ ބައަކު ނަރަކައަށް ވަންނަނީ ނަރަކައަށް ވަންނަން ޖެހޭނެކަން އެނގިތިބެ ކުރާ ޢަމަލުތަކުންނެވެ! އެއްވެސް ހާލެއްގައި އެއްވެސް މީހެއްގެ ސަބަބަކުން ނޫނެވެ. އަދި ޝައިޠޯނާގެ ސަބަބަކުން ވެސް ނޫނެވެ! ވީމާ މިކަންކަމަށް ތަންކޮޅެއް ބޮޑަށް ވިސްނާލަން އަދިވެސް ހަމަ ނުވަނީ ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން