ދިރިއުޅުމުގެ ހުރިހާ މަރުޙަލާތަކެއްގައިވެސް ކޮންމެވެސް ބާވަތެއްގެ ކުށްތަކެއް ކުރެވޭނެއެވެ. އެގޮތުން ޒަވާޖީޙަޔާތުގައިވެސް ކުށް ކުރެވޭނެއެވެ. އުފާވެރި ދިރިއުޅުމެއް ލިބެނީ އެކަން ޤަބޫލުކޮށް މާފުޖކުރުމުގައި ދީލަތިވާ މީހުންނަށެވެ.
އެހެންކަމާއިއެކުވެސް ވަރަށް ނުރައްކާތެރި ބާވަތެއްގެ ކުށެއް ވެއެވެ. ގިނަ ބައަކު އެކުށް ފާހަގަކުރަނީ އެންމެ ނުރައްކާތެރި ކުށުގެ ގޮތުގައެވެ. އެކުށް ކުރީމާ ވާގޮތަކީ މާފުކުރަން އުޅުނަސް އެކަމަށް މާފުވެސް ނުރުހި ދެކޮޅުހަދަނީއެވެ. މާފުނުކުރަން ބުނެ މާފުވެސް ހުރަސް އަޅަނީއެވެ. މާފުކޮށްފިން ކަމަށް ބުނިނަމަވެސް ހިތުން އެކުށުގެ ހަނދާންތައް ނައްތައިނުލެވެނީ އެހެންވެގެންނެވެ.
އަހުރެން މިދައްކަނީ ދެމަފިރިންކުރެ މީހަކު ޚިޔާނާތްތެރިވުމުގެ ކުށުގެ ވާހަކައެވެ. ޚިޔާނާތްތެރިވުމުން ދީލަތި ބައިވެރިން މާފުކުރެއެވެ. މާފުކޮށްފައި އެކުގައި ދިރިއުޅެންވެސް މަސައްކަތްކުރެއެވެ. ނަމަވެސް ދިރާސާތަކުން އެނގޭ ގޮތުގައި އެކުށް ތިމާގެ ހިތުން ފުހެލައި ކުރިން ކުރި އިތުބާރު އަލުން ކުރެވެނީ ވަރަށް މަދު މީހަކަށެވެ.
ވީމާ ކޮންމެ ދެމަފިއަކުވެސް މިކުށާއިމެދު ސަމާލުވާންވާންވާނެއެވެ. ޚިޔާނާތްތެރިވުމަކީ އިތުބާރު އަލިފާނުން އަންދައިލެވޭ ކަމެކެވެ. އަލިފާނުން އަންދައިލެވޭ އެއްޗެއް އަލުން ހޯދޭނެ ގޮތެއް ނުއޮންނާނެ ނޫންހެއްޔެވެ؟ އަލިފާންގަނޑު ނިއްވާލައި އަލުން އެއްކުރަން އުޅުނަސް ޖަމާކުރެވޭނީ އަޅިތަކެވެ. އަނދައިގެން ދިއަ އެއްޗެއް އޮންނާނީ އަނދައިގެންގޮސްފައެވެ.
ވީމާ އަހުރެންގެ އިލްތިމާސަކީ ދެމަފރިންގެ ގުޅުމުގައި ހުޅުޖަހައި އަންދައިނުލުމެވެ. ބޭވަފާތެރި ނުވުމެވެ. އެކަން އަލުން ފޫބެއްދުމަކީ ކުރެވޭނެ ކަމަކަށް ނުވާތީއެވެ. ދެމަފިރިން އެކަކު އަނެކަކަށް ތެދުވެރިވެ ވަފާތެރިވުމަކީ ދިރިއުޅުމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެ ކަމެކެވެ. އެފުރުޞަތު ނަގައިނުލާށެވެ! އުފާވެރިކަންވެސް ތަނަވަސްކަންވެސް ލިބޭނީ އެއިރުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން