ހިތްދަތި ޙާލަތެއް ކުރިމަތިވެއްޖެނަމަ ސަލާމަތްވާން ފުރަތަމަކުރަން އޮތް ކަންތައްމަތިން ގިނަ ބައަކަށް ހަނދާންވަނީވެސް އެންމެފަހުން- ތަރުތީބު ބަދަލުކޮށްލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ހިތްދަތި ޙާލަތެއް ކުރިމަތިވެއްޖެނަމަ ސަލާމަތްވާން ފުރަތަމަކުރަން އޮތް ކަންތައްމަތިން ގިނަ ބައަކަށް ހަނދާންވަނީވެސް އެންމެފަހުން- ތަރުތީބު ބަދަލުކޮށްލާ!

ދިރިއުޅުމުގައި އެކިދުވަސްވަރު ކުރިމަތިވާނީ އެކިކަންކަމެވެ. ފައިށާއަށް ދަތިވެދާނެއެވެ. ބައްޔެއްގައި އުޅެންޖެހިދާނެއެވެ. އެންމެ ލޯބިވާ މީހަކު މަރުވެދާނެއެވެ. އަދި ބައިވެރިޔާ ތިމާ ދޫކޮށްލުން ފަދަ ކަމެއްވެސް ކުރިމަތިވެދާނެއެވެ.  

މިފަދަ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ތިބާއަށް އިޙްޞާޞްކުރެވޭނީ ގަދަ ކަނޑެއްގައި ހުރެވޭ ކަމަށެވެ. ވަށައިގެން ބިނަދަމުންދާ ރާޅުތަކުގެ ސަބަބުން ދަތުރުނުކުރެވިގެން އުޅޭކަމަށެވެ. ޤަބޫލުކުރެވެންފަށާނީ ނަގިލިލާންޖެހިއްޖެކަމަށެވެ.  

މިޙާލަތަށް ދިއުމުން ނެގިމަޑުވާނެއެވެ. ޙައްލު ލިބިދާނެހެން ހީވާ ގިނަ ކަންތައްތަކެއް ކުރެވޭނެއެވެ. ނަމަވެސް މިޙާލަތުން ޙަޤީޤީ ސަލާމަތްކަމެއް ލިބިދާނެ ނަގިއްޔާއިމެދު ވިސްނައިލެވެނީވެސް ވަރަށް މަދު މީހަކަށެވެ. އެހެންވެ ގިނަބައަކަށް ލާންވީ ނަގިލި ނުވެސް އެނގެއެވެ.  

މިބުނެދެނީއެވެ. މިފަދަ ކޮންމެ ޙާލަތެއްގައިވެސް ސަލާމަތްކަން ލިބޭނެ ހަމަ ނަގިއްޔަކީ ނަމާދެވެ. ފަރުޟު ނަމާދުތައް ކުރަމުން ސުންނަތް ނަމާދުތައް ކުރުން ގިނަކޮށްފިނަމަ އެމީހަކަށް ބޭނުންވާ ހިތްހަމަޖެހުމުގެ އިތުރުން އެޙާލަތުން ސަލާމަތްވެވޭނެ މަގެއްވެސް ދައްކަވާނެތެވެ.  

ޔަޤީންކުރާށެވެ! ގަދަހޫނުން ތިބާއަށް ސަލާމަތްވެވި ފިނިކަން ލިބޭނެ ބާރަކީ ނަމާދެވެ! ހިތްދަތިކަމުގެ ވަޤުތުގައި ހިތަށް ހަމަޖެހުން ގެނެސްދޭނެ ބާރަކީވެސް ނަމާދެވެ.  

މައްސަލައަކަށްވަނީ ކަންކަން ކުރިމަތިވުމުން ނަމާދުކުރުން ގިނަކުރުމާއިމެދު ގިނަ ބައަކަށް ވިސްނައިލެވެނީވެސް އެންމެ ފަހުކަމެއްގެ ގޮތުންނެވެ. އެހެން ގޮތްގޮތުން މައްސަލަ ޙައްލުކުރަން މަސައްކަތްކުރަމުންގޮސް ވަރުބަލިވުމުންނެވެ. އެޢާދަ ދޫކޮށްލާށެވެ! ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ފުރަތަމަ ކަމަކަށް ނަމާދަށް އަވަސްވެގަންނާށެވެ. ތަފާތު ފެންނާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން