ޢަލީ އިޙްޞާން ފިރާޤް
ޚަދީޖަތުގެފާނަށާއި ޢާއިޝަތުގެފާނަށް ޖިބްރީލުގެފާނު ސަލަމާ ވިދާޅުވުން:
މާތް ރަސޫލާ ﷺ ގެ ދުނިޔެ އާއި އާޚިރަތުގެ އަނބިކަނބަލުން ޢާއިޝަތުގެފާނަށް، ޖިބުރީލުގެފާނު، ސަލާމް ފޮނުއްވި ވާހަކަ ޞަޙީޙު ބުޚާރީގައި ވާރިދުވެގެން އައިސްފައިވެއެވެ.
އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ޢާއިޝަތުގެފާނާ މުޚާތަބު ކުރައްވައި ޙަދީޘު ކުރެއްވިއެވެ. [ޢޭ ޢާއިޝްއެވެ. މިހުންނެވީ ޖިބްރީލުގެފާނެވެ. އެކަލޭގެފާނު ކަމަނާއަށް ސަލާމް ވިދާޅުވިއެވެ.] އެހިނދު ޢާއިޝަތުގެފާނު وَعَلَيْهِ السَّلاَمُ وَرَحْمَةُ اللَّهِ وَبَرَكَاتُهُ އޭ ވިދާޅުވެ ޖިބްރީލުގެފާނުގެ ސަލާމަށް ޖަވާބު ދެއްވިއެވެ.
{ صحيح البخاري، كتاب الاستئذان، باب تَسْلِيمِ الرِّجَالِ عَلَى النِّسَاءِ وَالنِّسَاءِ عَلَى الرِّجَالِ، ޙަދީޘް 6249}
އެއްފަހަރަކު ޖިބުރީލުގެފާނު މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެންނެވިއެވެ. އޭރު أمّ المؤمنين السّيدة خديجة رضى الله عنها މާތް ނަބިއްޔާ صلّى اللّـه عليه وسلّم އަށް ފަރީކޮޅެއް ހިއްޕަވައިގެން ވަޑައިގަންނަވައެވެ. އަރަހުށި މާތްﷲ އެކަމަނާއަށް ސަލާމް ވަޙީ ކުރެއްވި ވާހަކަ އެކަމަނާއަށް ވިދާޅުވެދެއްވުމަށް ޖިބްރީލުގެފާނު އެދިވަޑައިގެންނެވިއެވެ. އަދި ޖިބްރީލުގެފާނުގެ ސަލާމްވެސް އެކަމަނާއަށް ރައްދުކޮށްދެއްވުމަށް އެކަލޭގެފާނު އެދިވަޑައިގެންނެވިއެވެ. އެކަމަނާއަށް ސުވަރުގޭގައި މުތުން ތައްޔާރުކުރެވިފައިވާ ގަނޑުވަރެއްވާނެކަމަށާއި، އެ ގަނޑުވަރުގައި އެކަމަނާއަށް އެއްވެސް އުނދަގުލެއް ނުވަތަ ބޭކާރު އަޑެއް އިވިވަޑައިނުގަންނަވާނެ ކަމުގެ ހެޔޮ ޚަބަރުވެސް ޖިބްރީލުގެފާނު ދެއްވިއެވެ.
{އަލްބުޚާރީ، ޞަޙީޙުލް ބުޚާރީ، 3820}