ޢިބްރަތްތެރި ވާހަކަ: ބައިވެރިޔާގެ ކިބައިން ތަނަވަސްކަމާ ލޯބި ލިބެމުންދަނިކޮށް ބޭވަފާތެރިވާ މަކަރުވެރިންނަށް 2 ވަނަ ފުރުޞަތު ދިނުމަކީ ކުރެވޭނެ އެންމެ މޮޔަ ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ
ޢިބްރަތްތެރި ވާހަކަ: ބައިވެރިޔާގެ ކިބައިން ތަނަވަސްކަމާ ލޯބި ލިބެމުންދަނިކޮށް ބޭވަފާތެރިވާ މަކަރުވެރިންނަށް 2 ވަނަ ފުރުޞަތު ދިނުމަކީ ކުރެވޭނެ އެންމެ މޮޔަ ކަންތައް-

ތަނަވަސްކަންހުރި ތިމާ ދެކެ ލޯބިވާ ވަފާތެރި ބައިވެރިއަކު ލިބުމަކީ ކޮންމެ މީހަކަށްވެސް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތެވެ. އެފަދަ ނިޢުމަތެއް ލިބުމުންވެސް ޝުކުރުވެރިނުވާނަމަ އެކަމުން އަންގައިދެނީ އެމީހެއްގެ ކިބައިގައި އެންމެ ކުޑަމިނުން އިންސާނިއްޔަތުކަންވެސް ނެތްކަމެވެ.  

އެހެންކަމާއިއެކުވެސް ޝުކުރުވެރި ނުވެވޭ މީހުން މަދެއް ނޫނެވެ. އެއީ ހިތާމަހުރި ކަމެކެވެ. ތިރީގައި އެވަނީ އެބޮޑު ނިޢުމަތް ލިބުމުން ޝުކުރުވެރިނުވެވުނު ފިރިއަކަށް ކަންކަން ދިމާވި ދެރަ ގޮތުގެ ވާހަކައެވެ. ބޭވަފާތެރިކަން ފަޅާއެރުމުން ލިބުނު ބޮޑު ދެރައިގެ ވާހަކައެވެ. ވާހަކަ ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ!  

އެއީ ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. އަނބިމީހާއަކީ ވަރަށް ތަނަވަސް މީހެއްގެ ދަރިއެކެވެ. ފިރިމީހާއަކީ އަނބިމީހާގެ ބައްޕަގެ ގާތުގައި ވަޒީފާ އަދާކުރާ މުވައްޒިފެކެވެ.  

ދެމަފިރިން ހަފްތާ ބަންދުގައި ޗުއްޓީ ހޭދަކޮށްލަން ރިޒޯޓް ހޮޓަލަކަށް ދިއައެވެ. ހެނދުނު ސައިބޮއި ނިމިގެން ފިރިމީހާ ބޭނުންވީ ކޮޓަރީގައި އިރުކޮޅަކު މަޑުކޮށްލާށެވެ! އަނބިމީހާ ބުނީ ހެނދުނުގެ އަވީގެ ހޫނު ލިބުމަށްޓަކައި ގޮނޑުދޮށުގައި  ހިނގާލާފައި އަންނާނެ ކަމަށެވެ.  

ގަޑިއެއްހައިއިރު ހިނގާލާފައި ކޮޓަރިއަށް ގޮސް ޓަކި ޖެހުމުން ދޮރުހުޅުވީ ކުޑައިރުކޮޅެއްފަހުންނެވެ. ކޮޓަރިއަށް ވަންތަނުން އަންހެން ސެންޓެއްގެ ވަސް ދުވިއެވެ. އަދި އެނދުމަތި ހުރީ އާދައާއި ޚިލާފަށް ހާވާލެވިފައެވެ. އެހިސާބުން ގޯހެއް ހިނގައިފިކަން އަނބިމީހާއަށް ޔަޤީންކުރެވުނެވެ؟  

"މިދުވަނީ ކޮން ސެންޓެއްގެ ވަސްތޯ؟ އާއި މިކޮޓަރިއަށް ވަނީ ކޮން އަންހެނަކުތޯ؟" ސުވާލުކުރުމުން ފިރިމީހާ ބުނީ އެއްވެސް އަންހެނަކު ނުވަންނަ ކަމަށެވެ. ވަސްދުވިހެން އަނބިމީހާއަށް ހީވި ނަމަވެސް އެފަދަ ވަހެއް ކޮޓަރިން ނުދުވާ ކަމަށެވެ.  

އެވަގުތު އެނދުގަ އޮތް ބެޑްކަވަރުދަށުން ފޯނެއް ރިންގވާން ފެށުމުން އަނބިމީހާ ގޮސް ފޯނު ނެގިއިރު ގުޅަނީ ރޫމްސާވިސްއިންނެވެ. ފޯނު ނަގާފައި އަނބިމީހާ ބުންޏެވެ. މިއީ 2017 ނަމްބަރު ކޮޓަރީގައި އަހަރެންގެ އެނދުމަތީގައި އޮތް ފޯނެކެވެ. އެކަމަކު މިފޯނުގެ ވެރިމީހާ ކޮޓަރިއަކު ނެތެވެ. މިއީ ކާކުގެ ފޯނެއް ހެއްޔެވެ؟" އެހެން ބުނެފައި ފޯނު ކަނޑައިލީއެވެ.  

އެގޮތަށް ބުނުމުން ފޯނު ހޯދަން ބައަކު އަންނާނެކަން އަނބިމީހާއަށް އެނގެއެވެ. ފިރިމީހާއަށްވެސް އެކަން ޔަޤީންވިއެވެ. އެހެންވެ އަނބިމީހާގެ ގައިގައި ވަރަށް ލޯބިން ބައްދާލާފައި ބުންޏެވެ. "އަހަރެންނަށް ކުޑަކުޑަ ކުށެއް ކުރެވިއްޖެއެވެ. އެކަމަކު އެހައި ބޮޑު ކުށެއް ނޫނެވެ. އެވަރުގެ ކުޑަކުށެއް ކުރެވުނުކަންވެސް ކަލެއަށް ކަލެއަށް އެނގިއްޖެނަމަ ދެރަވާނެތީ ސިއްރުކުރަން މަސައްކަތްކުރެވުނީއެވެ. ވަރަށް ބޮޑަށް މާފުކުރާށެވެ!"  

އެވަގުތު އަންހެން މުވައްޒިފަކު އެނދުދޮށުން ނުކުމެ ދެފައިގައި ހިފާފައި ބުންޏެވެ. "ވަރަށް ވަރަށް ބޮޑަށް މާފުކުރާށެވެ! އަހަރެންގެ ޝަކުވާ ނުކުރާށެވެ! ވަގުތުން ވަޒީފާއިން ވަކިކުރާނެއެވެ. އަހަރެންނަކީ 2 ދަރިން ބަލާ އެކަނިވެރި މަންމައަކީމެވެ. މިކޮޓަރިއަށް ވަންތަނާ މީނަ އަހަރެންގެ ގައިގައި އޮޅުލައިގަތީއެވެ. އެނދުމައްޗަށް ވައްޓާލިތަނާ މެޑަމް އައިސް ޓަކި ޖެހީމަ ސިއްރުކުރަން މަސައްކަތްކުރެވުނީއެވެ." 

އޭނާ ބުންޏެވެ! "އަހަރެން ތިއަކަން އެބަބަލަމެވެ. ތިއައީ ތެދެއްކަން ޔަޤީންކޮށްފައި ޖަވާބެއް ދޭނަމެވެ. މިހާރު ކަލޭގެ ވަޒީފާ ގެއްލޭނެއެވެ. ނަމަވެސް ތިއަ ހެދީ ތެދަކަށް ވެއްޖެނަމަ މިހާރު ލިބޭ ވަރަށް މުސާރަ ލިބޭ ނުވަތަ މިހާރަށްވުރެ ބޮޑު މުސާރައެއްލިބޭނެ ވަޒީފާއެއް ހަމަޖައްސައިދޭނަމެވެ." 

އެކަން ބަލަން އުޅެނީ ކޮން ގޮތަކުންކަން ނުބުނުމުން އިތުރަށް ފަޟީޙަތްވެ ގިނަ ބައަކަށް އެނގުނަ ނުދިނުމަށްޓަކައި ތެދަށް ކިޔައިދިންއިރު މިވާ ގޮތަކީ އެ ރިޒޯޓަށް ދެވުނު ކޮންމެފަހަރަކުވެސް ދެމީހުން ވަނީ ގުޅުން ހިންގައިފައެވެ.  

ވަގުތުން ޗެކައުޓްކޮށްގެން ގެއަށް ގޮސް ފިރިމީހާއަށް އެންގީ ވަރިކޮށްފައި އޭނާގެ އެއްޗެތި ހިފައިގެން ވަގުތުން ނުކުމެގެން ދިއުމަށެވެ. ފިރިމީހާ ވަރަށް ދެރަވެ އާދޭސްކޮށްފައި އިތުރު އެންމެ ފުރުޞަތަކަށް އެދުމުން އަނބިމީހާ ބުންޏެވެ. "އެންމެ ފުރުޞަތެއްވެސް ނުދޭނަމެވެ. ބޭވަފާތެރި މަކަރުވެރިއަކަށް އިތުރުފުރުޞަތު ދިނުމަކީ ދީދީކޮޅުންލާނެ ކަމެއް ނޫނެވެ. ނިކަން ވިސްނާލަބަލާށެވެ! ކަލޭ ނުލާހިކު އާދައިގެ ވަޒީފާއެއްގައި ނުލާހިކު ނިކަމެތިޙާލުގައި އުޅެނިކޮށް ކަލެއަށް ހުރިހާ ކަންކަން ފުރިހަމަކޮށްދިނީމާ އެކަމަށް އަގުތިއަދިނީ ބޭވަފާތެރިކަމުންނެވެ! އަހަރެން އެކަމަށް ކިޔާނީ ނުބައި ނުލަފާކަމެވެ! ތިއަޒާތަށް ދުނިޔޭގަ އުޅޭ މީހުންނަށްވުރެ އަހަރެންގެ ކުރިމަތީގައި އަގެއް ނެތް ބައަކު ދުނިޔޭގައިވެސް ނުތިބޭނެއެވެ. ވީމާ ވަރިކޮށްލާފައި އަވަހަށް ގެއިން ނުކުމެގެންދާށެވެ! ދެން ވަޒީފާއަކަށްވެސް ނުކުންނާނެ ކަމެއް ނެތެވެ. ބައްޕަ ކަލެއަކަށް މާފެއް ނުކުރާނެއެވެ."  

ނުހަނު ލޯބިދީގެން އުޅުނު ތަނަވަސް ބައިވެރިޔާ ގެއްލުނީއެވެ. ވަޒިފާވެސް ގެއްލުނީއެވެ. ވަރިކޮށްފައި ނުކުމެގެންދިއައީ ދެރަވީވަރުން އަޑުން އަޑުނަގާ ރޮމުންނެވެ. ނޯށުން ރޮމުންނެވެ.  

މިއީ ޕާކިސްތާނުގެ ލާހޯރުގައި ހިނގި ހާދިސާއެއް ކަމަށް ލިޔެފައިވާ ވާހަކައެކެވެ. މިވާހަކަ ކިޔާފައި އަޅުގަނޑަށްވެސް ޤަބޫލުކުރެވުނީ އެ އަނބިމީހާ އެބުނީ ހަމަ ތެދެއްކަމަށެވެ. ބައިވެރިޔާގެ ކިބައިން ތަނަވަސްކަމާއި ލޯބި ލިބެމުން ދަނިކޮށް ބޭވަފާތެރިވާ މަކަރުވެރިންނަށް ވެސް އަނބިންނަށް ވެސް ދެވަނަ ފުރުޞަތު ދިނުމަކީ ދީދީކޮޅުންލާނެ ކަމެއް ނޫން ކަމަށެވެ. އެންމެ ރަނގަޅު ގޮތަކީ އެހިސާބުން އެކަން ނިންމާލައި އައު ޙަޔާތެއް ފެށުން ކަމެވެ.  

- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން