ލޯބީގެ ކަރަންޓީއަކީ ކޮބާކަން އެނގޭތަ؟ އުފަލުގަ ޒަވާޖީ ޙަޔާތް ދަމަހައްޓައިދޭނެ ކަންކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ލޯބީގެ ކަރަންޓީއަކީ ކޮބާކަން އެނގޭތަ؟ އުފަލުގަ ޒަވާޖީ ޙަޔާތް ދަމަހައްޓައިދޭނެ ކަންކަން އެނގޭތަ؟

ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް ކޮންމެވެސް ބާވަތެއްގެ މައްސަލަތަކެއް ކޮންމެވެސް މިންވަރަކަށް ހުންނާނެއެވެ! މައްސަލަތައް ޖެހޭނެއެވެ. ޚިޔާލުތަފާތުވާ ކަންކަންވެސް ކުރިމަތިވާނެއެވެ. އެކަންކަން ޙައްލުކޮށް އުފާވެރިކަމާއި ތަޤްވާވެރިކަމާއިއެކުގައި ދިރިއުޅުމަކީ ޖިހާދެއްކަމަށް ޢިލްމުވެރިން ސިފަކުރައްވަނީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. 

ޤާނޫނީ ގޮތުން ބަލައިފިނަމަ ކައިވެންޏަކީ ހަމައެކަނި ދެފަރާތުން ސޮއިކޮށް ވެވޭ އެއްބަސްވުމެކެވެ. އެ އެއްބަސްވުމަކީ ދެމަފިރިން އެކުގައި އުމުރަށް ދިރިއުޅޭނެ ކަމުގެ ގަރަންޓީއެއް ނޫނެވެ! އެކަމަށް ގަރަންޓީއަކަށް ވާނީ ދެމީހުންގެ ލޯތްބެވެ! ވަފާތެރިކަމެވެ. އޯގާތެރިކަމެވެ. އެކަކު އަނެކަކަށް އަޅައިލުމެވެ! ކައިވެނި ކާމިޔާބުވާނީ ކުރެވޭ ކައިވެންޏާއެކު ލޯބި ދިރުވައި ދަމަހައްޓައިގެންނެވެ. ލޯބި ދިރުވައި އާލާކޮށް ދެމެހެއްޓޭނީ މިބުނި ކަންތައްތަކުންނެވެ. 

ލޯބި ދެމެހެއްޓުމުގެ ގަރަންޓީއަށް ބޭނުންވާ ޝަރުޠުތަކުގެ ތެރޭގައި، އެކަކު އަނެކަކަށް އަޅައިލުމާއި އިޙްތިރާމްކުރުމާއި ދޫދޭންޖެހޭ ކަންކަމުގައި ދޫދިނުމާއި އިތުބާރުކުރުމާއި ޤަދަރުކުރުމާއި ދެމީހުންގެ މެދުގައި ގާތް ރަޙްމަތްތެރިކަން ދެމެހެއްޓުމާއި މަރުވުމާއި ހަމައަށް ލޯބިން އެކުގައި އުޅުމަށް ޢަޒުމް ކަނޑައެޅުން ހިމެނެއެވެ. 

މިކަންކަން ކައިވެނީގެ އެއްބަސްވުމުގައި ނުލިޔުނު ނަމަވެސް ޚުޠުބާގައި ކިޔައިދެއެވެ. މިހާރު ގިނަ ބައަކު ކައިވެނި ވީޑިއޯކުރެއެވެ. ވީމާ ކައިވެނީގެ ވީޑިއޯ އިން ޚުޠުބާ ގިނަގިނައިން އަޑުއަހާށެވެ! އަދި އެއިގައި ދޭ ނަޞޭޙަތްތަކަށް ފުރިހަމައަށް ޢަމަލުކުރާށެވެ. އެއިރުން ކައިވެނީގެ އުފާވެރިކަމަށް ދުވަހަކުވެސް ފަނޑުވުމެއް ނުއަންނާނެއެވެ! އިން ޝާ ﷲ   

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން