އެންމެގާތް އެކުވެރިންނަށްވެސް ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް ކިޔައިދޭނަމަ ގިނަ ފަހަރަށް ލިބެނީ އަނިޔާ! އެކަމުން ނާޖާއިޒު ފައިދާ ނެގުންދަނީ ގިނަވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
އެންމެގާތް އެކުވެރިންނަށްވެސް ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް ކިޔައިދޭނަމަ ގިނަ ފަހަރަށް ލިބެނީ އަނިޔާ! އެކަމުން ނާޖާއިޒު ފައިދާ ނެގުންދަނީ ގިނަވަމުން!

ޝައިޠޯނާ އަބަދުވެސް ހުންނާނީ ކޮންމެ ދެމަފިރިއެއްގެ ދޭތެރެ ޖައްސުވައި މައްސަލަތައް އުފައްދުވާނެ ފުރުޞަތަކަށް ބަލަބަލައެވެ. ދެމަފިރިންގެ މެދުގައި މައްސލައެއް ޖެހުމުން އެވާހަކަ އެއްވެސް މީހެއްގެ ގާތުގައި ދައްކާނަމަ އެއީ ދެމަފިރިންގެ ދެމެދަށް ވަދެގަނެ ދިރިއުޅުން ހަލާކުކޮށްލައި ޝައިޠޯނާ ބޭނުންވާ މަގަށް އަނބުރުވާލަން އެއެއްޗަށް ލިބޭ އިތުރު ފުރުޞަތެކެވެ. އަދި އެފަދަ ކޮންމެ ވާހަކައެއް ވެގެންދާނީ ދެމަފިރިންގެ ދިރިއުޅުން ހަލާކުކޮށްލަން ޝައިޠޯނާއަށް ދެވޭ ދަޢުވަތަކަށެވެ. 

އަނބިމީހާގެ ނަމަވެސް އަދި ފިރިމީހާގެ ނަމަވެސް ބައިވެރިޔާގެ ނުބައި ވާހަކައެއް އެއްވެސް މީހަކު ގާތު ނުދައްކާށެވެ! ކިތަންމެ އިތުބާރުކުރެވޭ މީހެއްގެ ގާތުގައި ނަމަވެސް ނުދައްކާށެވެ! ކިތަންމެ ގާތް އެކުވެރިކަމެއް އޮތް ނަމަވެސް އެއްވެސް އަންހެނެއްގެ ގާތުގައިވެސް އަދި ފިރިހެނެއްގެ ގާތުގައިވެސް ނުދައްކާށެވެ! 

ދެމަފިރިންގެ މެދުގައި ޙައްލުކުރަން ޖެހޭ އެއްވެސް މައްސަލައެއް އޮތްނަމަ 3 ވަނަ ފަރާތެއްގެ ގާތު އެވާހަކަ ދެއްކުމުގެ ކުރިން ދެމަފިރިން އެކަމަށް މަޝްވަރާކުރާށެވެ! ވަރަށް ގިނަ ފަހަރު ދެމަފިރިންގެ މަޝްވަރާއިން މައްސަލއަށް ޙައްލު ފެންނާނެއެވެ. ކަންކަން ޙައްލުކުރެވޭނެއެވެ. ދެމަފިރިންގެ މެދުގައި މަޝްވަރާކޮށްގެން ޙައްލު ނުފެނުނު ނަމަ ފުރަތަމަ ކަމެއްގެ ގޮތުން ޢާއިލާގައި ތިބި އިތުބާރުކުރެވޭ މީހުންނާއި މަޝްވަރާކުރާށެވެ! އެއްވެސް އެހެން ފަރާތަކާއި މަޝްަރާކުރަންވާނީ ޢާއިލާގެ ތެރެއިންވެސް ޙައްލު ނުފެނިއްޖެނަމައެވެ. އެފަދަ ޙާލަތުގައިވެސް މަޝްވަރާކުރަންވާނީ އިތުބާރުކުރެވޭ ތަޤްވާވެރިންނާއިއެވެ. ޙައްލުކުރެވޭނެ މަގެއް ހޯދައިދިނުމުގެ ޤާބިލުކަން ހުރި މީހުންނާއިއެވެ. 

ގާތް އެކުވެރިންނަށް އިތުބާރުކޮށްފައި އެފަދަ ވާހަކަތައް ދެއްކުމުން މިހާރަކަށް އައިސް ގިނަ ފަހަރަށް ލިބެނީ އަނިޔާއެވެ. ޚުދު އެ އެކުވެރިޔާ އެކަމުގެ ނާޖާއިޒު ފައިދާ ނެގުންދަނީ ގިނަވަމުންނެވެ. ވީމާ އެކުވެރިންގެ ތެރެއިންވެސް މިބާވަތުގެ ކަންކަމުގައި މަޝްވަރާކުރަންވާނީ ހެޔޮލަފާ ތަޤްވާވެރިންނާއިއެވެ. އަދި ހެޔޮ ނަޞޭޙަތެއްދޭން ޝަރުޠުހަމަވާ މީހުންނާއިއެވެ. 

އެކަމަށް އޮތް އެންމެ ބޮޑު އެއް ޝަރުޠަކީ އޭނާގެ ޢަމަލުތަކުން ނުވަތަ އޭނާގެ އަމިއްލަ ދިރިއުޅުމުން ހެޔޮ ގޮތްތައް ފެނުމެވެ. އޭނާއަކީ ހެޔޮލަފާ ރަނގަޅު ދިރިއުޅުމެއް އުޅޭ މީހަކު ކަމުގައިވުމެވެ. އޭނާގެ ކައިވެނީގައި ދިރިއުޅޭއުޅުމުން ހަރުދަނާކަން ފެންނަން ހުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން