ޔަޤީންކަމާއެކު ސުވަރުގެ ވަނުމަށް އޮތް ފަސޭހަ މަގެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޔަޤީންކަމާއެކު ސުވަރުގެ ވަނުމަށް އޮތް ފަސޭހަ މަގެއް! އިން ޝާ ﷲ

ޢާއިލީ ދިރިއުޅުމުގައިވެސް އަދި އެހެން ކަމުގައިވެސް އެންމެ ގިނައިން މައްސލަތައް ކުރިމަތިވަނީ ކީއްވެގެންކަމާއިމެދު ވާހަކަދައްކާ މީހުން ވަރަށް ގިނަ ވާހަކަތައް ދައްކާނެއެވެ. ވަރަށް ގިނަ ކަންކަން ކިޔައިދޭނެއެވެ. ނަމަވެސް އަހުރެން އެސަބަބު ގުޅުވާނީ ހިތާއިއެވެ. 

އެހެނީ ކުރިމަތިލާންޖެހޭ ހުރިހާ މައްސަލަތަކެއްގެ އަޞްލަކަށްވެފައި އޮންނަނީ ބުނާބަހުގައި އިޚްލާޞްތެރި ނުވުމާއި އަދި ސާފުހިތެއް އޮތް މީހަކު މިހާރު މަދުކަމެވެ. ވީމާ ކަން އޮތްގޮތަށް ބަލައިލަމާ ހިގާށެވެ! 

އެންމެ ރަނގަޅު ނުވަތަ މަތިވެރި މީހަކީ ކޮބައިތޯ ރަސޫލް () އަށް ސުވާލު ދެންނެވި މީހަކަށް ޖަވާބުގައި ޙަދީޘްފުޅު ކުރެއްވެވީ އެއީ "ބުނާބަހުގައި (ދައްކާވަހަކައިގައި) އިޚްލާޞްތެރި، އަދި ސާފުހިތެއްގެ ވެރިއެއް" ކަމަށެވެ. 

މިޙަދީޘްފުޅަށް ބަލައިފިނަމަ ޙަދީޘްފުޅުގައިވާ 2 ކަންތައްވެސް ގުޅިފައިވަނީ ހިތާއިއެވެ. އެހެނީ އިޚްލާޞްތެރިކަމާއިއެކު ވާހަކަ ދެއްކޭނީވެސް ހިތުގައި އިޚްލާޞްތެރިކަން އޮވެގެން ކަމަށްވާތީއެވެ. ވީމާ މި ޙަދީޘްފުޅުން އެނގެން އޮތް ފަދަ ހިތެއްގެ ވެރިއަކަށް ސުވަރުގެ ވަނުމަށް އޮންނާނީ ކޮން ހުރަހެއް ހެއްޔެވެ؟ އެފަދަ ހިތެއްގެ ވެރިއަކަށްވުމަށްފަހު ސުވަރުގެ ވަންނަން ތައްޔާރުވާންވީއެވެ. އިން ޝާ ﷲ 

އިޚްލާޞްތެރި ސާފު ހިތަކީ ކޮބައިތޯ ސުވާލު ދެންނެވުމުން ޙަދީޘްފުޅު ކުރެއްވެވީ "އެއީ ތަޤްވާވެރި، ފާފަ ނުކުރާ، އިންޞާފަށް ލޯބިކުރާ އަދި އެއްވެސް މީހަކާއިމެދު އެއްވެސް ކަމެއްގައި އެއްވެސް ބާވަތެއްގެ ހަސަދަވެރިކަން ނުބާއްވާ ހިތެއް" ކަމަށެވެ. 

ސާފު ޠޯހިރު ހިތެއްގެ ވެރިއަކަށްވުމަށްޓަކައި އެއްވެސް ބާވަތެއްގެ ހަސަދަވެރިކަމެއް ނުބޭއްވުމުގެ ތެރޭގައި ތިމާއަށް މީހަކު ގެއްލުމެއް ދިނުން ފަދަ ކަމެއް ކުރި ނަމަވެސް ހަސަދަވެރި ނުވުމާއި އެހެން މީހަކަށް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކަށް ޙަސަދަވެރި ނުވުން ވެސް ހިމެނެއެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން