ދަމުނަމާދަކީ ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ނަމާދުކަން ކޮންމެ މުސްލިމަކަށްވެސް ރަނގަޅަށް އެނގޭނެއެވެ. ވީމާ ދަމުނަމާދުގެ މަތިވެރިކަން އެއޮތީ ކިތަންމެ ރަނގަޅަކަށްވެސް އެނގިފައެވެ. ނުއެނގޭ އެއްވެސް މުސްލިމަކު ނުހުންނާނެއެވެ.
އެހެންކަމާއިއެކުގައިވެސް ބައެއް މީހުން ދަމުނަމާދުކުރަން ނުފަށައި ތިބޭ ސަބަބެއް ކަމަށް ބުނަނީ 8 ރަކްޢަތް ނުކުރެވިދާނެކަމެވެ. މިއީ ކަނޑައެޅިގެން ވަރަށް ނުބައި ވިސްނުމެކެވެ. ދަމުނަމާދުކުރަން ފެށިއަނުދޭން ޝައިޠޯނާ ވިސްނުވައިދޭ ކަންކަމެވެ.
އެންމެ 2 ރަކްޢަތުން ނަމަވެސް އޮތީ ދަމުނަމާދުކުރަން ފެށުންކަން އެނގޭ ދަލީލު މިއޮތީއެވެ.
ޢައިޝަތުގެފާނުގެ އަރިއަހުން ރިވާވެގެންވެއެވެ. "ހަމަކަށަވަރުން އެކަމަނާގެ އަރިއަހުގައި އަންހެނަކު ވަނިކޮށް އެކަމަނާގެ އަރިއަހަށް ރަސޫލާ (ﷺ) ވަޑައިގެންނެވިއެވެ. އަދި ޙަދީޘްފުޅު ކުރެއްވެވިއެވެ. މިއީ ކާކުހެއްޔެވެ؟
ތިމަން ކަމަނާ ދެންނެވީމެވެ. މިއީ ގިނަގިނައިން ނަމާދުކުރާ ކަމަށް ބުނެވޭ ކަނބުލޭގެއެވެ.
ޙަދީޘްފުޅު ކުރެއްވެވިއެވެ. "ކޮން ކަމެއް ހެއްޔެވެ؟ ތިއަބައި މީހުންނަށް ކުޅަދާނަވެގެންވާ މިންވަރެއްގައި ހިފަހައްޓާށެވެ! ﷲ ގަންދީ ބުނަމެވެ. ތިއަބައިމީހުން ފޫހިނުވާހައި ހިނދަކު ﷲ ފޫހިވެވޮޑިގެން ނުވެއެވެ." އެކަލާނގެ އެންމެ ލޯބިވެވޮޑިގެންވާ ދިނަކީ (އެބަހީ: ޢަމަލަކީ) އެމީހަކު އެކަމެއްގައި ދެމިހުންނަ ދީނެވެ (އެބަހީ: ޢަމަލެވެ.) (ޞަޙީޙް ބުޚާރީ: 43)
މީސްތަކުންނޭވެ! އެންމެ 2 ރަކްޢަތުން ނަމަވެސް ދަމުނަމާދުކުރަން ފަށާށެވެ! އެންމެ ރަކްޢަތަކުން ނަމަވެސް ވިތުރިކުރަންވެސް އަވަހަށް ފަށާށެވެ! އިތުރު ހިތްވަރު ދެއްވެވުން އެދި ދުޢާކުރާށެވެ! ހިތްވަރު ދެއްވަވާނެތެވެ. އިން ޝާ ﷲ
ޞަދަޤާތްކުރުމުގައިވެސް 10 ރިޔާލަ ނޫނީ 100 ރިޔާލަ ހަމަކޮށްގެން ޞަދަޤާތް ދޭކަށް ނެތެއް ނޫން ހެއްޔެވެ؟ ޙަދީޘްފުޅުގައި އޮތީ ކަދުރުއޮށެއްގެ ފަޅިވަރެއް ދީގެން ނަމަވެސް ޞަދަޤާތްކޮށް ނަރަކައިން ސަލާމަތްވުމަށް ނޫންހެއްޔެވެ؟
ފަރުޟު 5 ނަމާދު ފިޔަވައި ކޮންމެ އަޅުކަމެއްގައިވެސް އަހަރެމެންނަށް އޮތީ އެމީހަކަށް ކުރެވޭވަރަކުން ކުރުން މަތީގައި ސާބިތުވުންކަން މިޙަދީޘްފުޅުން އެނގެން އޮތްއިރު 8 ރަކްޢަތް ނުކުރެވިދާނެތީ ދަމުނަމާދުކުރަން ނުފަށައި ތިބެން ހެޔޮ ނުވާނެއެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން