ޚުޠުބާ: ފާފައެއް ކުރެވުމަކީ، ދީނަށް ލޯބިކުރުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނަށް ނަޞްރުދިނުމާއި، ދީނަށް ޣީރަތްތެރިވުމަށް ހުރަސްއެޅޭ ސަބަބެއް ނޫނެވެ!

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 23ސ
ޚުޠުބާ: ފާފައެއް ކުރެވުމަކީ، ދީނަށް ލޯބިކުރުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނަށް ނަޞްރުދިނުމާއި، ދީނަށް ޣީރަތްތެރިވުމަށް ހުރަސްއެޅޭ ސަބަބެއް ނޫނެވެ!

ފާފައެއް ކުރެވުމަކީ، ދީނަށް ލޯބިކުރުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނަށް ނަޞްރުދިނުމާއި، ދީނަށް ޣީރަތްތެރިވުމަށް ހުރަސްއެޅޭ ސަބަބެއް ނޫނެވެ. އެ ކަން އެ މަގުން ހިނގާ ނަމަ، ދީނަށް ނަޞްރުދޭނޭ ބަޔަކު ނުތިބީހެވެ. އަދި ދީން ޤާއިމުވެ ނުވެސް އޮތީހެވެ.

މުސްލިމް އަޚާއެވެ! ޤައުމުތައް މުސްތަޤްބަލު ބިނާކުރަމުން އަންނަ ހިނދު، ތިބާއަކީ މި އުންމަތުގެ އެންމެ އިސް ސަފުގައި ހުންނާން ޖެހޭނެ ފަރުދެއްކަމުގައި ނުދެކެމުހެއްޔެވެ؟ އަހުރެމެން މި ތިބީ ގުޅިގެން މަސައްކަތްކުރާން ޖެހިފައިވާ ޒަމާނަކަށް އާދެވިފައެވެ. ފަހަރެއްގައި ވެސް ތިބާގެ ދީނަށް ނަޞްރުދިނުމުގައި ޢަމަލީ ޙިއްޞާއެއް އަދާކުރާން ތިބާ ވިސްނަމުހެއްޔެވެ؟ ތިބާ އީމާންވާ ﷲގެ ދީނަކީ، ޢަދާވާތްތެރީންގެ ކެހިވެރި ރޭވުންތަކުގެ އަމާޒުފަތްގަނޑަކަށް ވެފައިވާ ދީނެއްކަމުގައި ޤަބޫލުކުރަމުހެއްޔެވެ؟ މުސްލިމުން ކަތިލާ ތަން ފެނުމުން ތިބާގެ ހިތަށް ތަދެއް ނުވޭހެއްޔެވެ؟ މިއަދު މުސްލިމުންގެ ލެއަކީ މާސިންގާ ކަނޑުގައި ހުރި ލޮނަށް ވުރެ އަގުހެޔޮ އެއްޗެކެވެ. ނުހަނު އިހާނެތިކަމާ އެކު މުސްލިމުންގެ ޤައުމުތައް ސުންނާފަތިކުރަމުން، އެ ދައުލަތްތަކުގެ މައްޗަށް ވެރިވެގަންނަމުން ދާއިރު، ޢަދުއްވުންގެ އެންމެ ރަހީނަކަށް ޓަކައި، މުޅި ދުނިޔެ އެއުޅެނީ ނިދިނައިސްގެންނެވެ. މުސްލިމުންގެ މެދުގައި އޮންނަ އެއްހަށިގަނޑެއްގެ ރޫޙު މިއަދު ކޮބައިހެއްޔެވެ؟

އަހަރެމެންގެ ނަފުސުތަކުގައި "އިސްލާމްކަމުގެ" ޗާޓު މިއަދު އޮތީ ކޮން ސައިޒެއްގައިހެއްޔެވެ؟ ދީނަށް ޓަކައި އަހަރެމެން ކުރަނީ، ކިހައި ހޭދައެއްހެއްޔެވެ؟ ކޮން ޚިދުމަތެއްހެއްޔެވެ؟ ދީނުގެ މައްސަލައަކީ އަހަރެމެންގެ ޙަޔާތުގައި ކިހައިވަރެއްގެ އިސްކަމެއްދީފައިވާ މައްސަލައެއްހެއްޔެވެ؟ ނޫނީ އަހަރެމެން މިއަދު މިތިބީ އާދަތަކަކަށް ވެފައިވާ ޢިބާދާތާ ހަމައިން ފުދި އިތުރުވެގެންހެއްޔެވެ؟

ކަޢުބާގެ ވެރި ރަސްކަލާނގެ ގަންދީ ބުނަމެވެ. އަހަރެމެން އެންމެން މި ދީނާއިގެން ނުތެދުވެއްޖެ ނަމަ، "އެކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެން ގޮސް، ބިންގަނޑު އިރައިރައިގެން ގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިއުން ކައިރިވެގެންވެއެވެ."[1] الله تعالى ވަޙީކުރައްވައިފައިވާ ވަޢީދުގެ ބަސްފުޅަށް އަހަރެމެން ފެތިދާނެއެވެ. އޭ މުސްލިމް އަޚާއެވެ! الله تعالىގެ ވަޢީދުގެ ބަސްފުޅު ތިބާ އަޑުއަހާށެވެ! އެކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުން (ހަނގުރާމައަށް) ނުނިކުންނަ ނަމަ، ވޭންދެނިވި ޢަޛާބަކުން އެކަލާނގެ ތިޔަބައިމީހުންނަށް ޢަޛާބު ދެއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ބަދަލުގައި، އެހެން ބަޔަކު ގެންނަވައިފާނެތެވެ. އަދި ތިޔަބައިމީހުންނަކަށް، އެއްވެސް ކަމަކުން އެކަލާނގެއަށް ގެއްލުމެއް ނުދެވޭނެތެވެ."[2] އަދިވެސް އެ ކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ މީސްތަކުންނޭވެ! اللهއަށް ބޭނުންތެރިވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. އަދި اللهއީ، ފުދިވޮޑިގެންވާ، ގިނަގިނައިން ޙަމްދު ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކޮށްލައްވައި، އާ މަޚުލޫޤުންތަކެއް ގެންނަވައިފާ ހުށްޓެވެ. އަދި އެކަންތައް اللهއަށް އުނދަގޫ ކަމަކަށް ނުވެތެވެ."[3] 

ތިބާ اللَّه ވަޢުދުވެވޮޑިގެންފައިވާ އަންނަނިވި ބަސްފުޅުތަކަށް ޢަމަލުކުރުމަށް މަސައްކަތް ނުކުރާނަމުހެއްޔެވެ؟ އެކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިމަންރަސްކަލާނގެ މަގުގައި ޖިހާދުކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، އިޙުސާންތެރިންނާ އެކުގައިކަން ކަށަވަރެވެ."[4]      އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "އަދި ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި اللَّه ގެ ވާގިފުޅުން މެނުވީ، ކަލޭގެފާނު ކެތްތެރިވެވަޑައިގަތުމެއް ނުވެތެވެ. އަދި އެއުރެންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! އަދި އެއުރެން ރާވާ މަކަރުވެރި ރޭވުންތަކުން ހިތްޕުޅު ދަތިވުމެއްގެ ތެރޭގައި، ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ،ތަޤްވާވެރިވި މީހުންނާ އެކުގައެވެ. އަދި އިޙުސާންތެރިންނާ ވެސް އެކުގައެވެ."[5] 

ތިބާގެ ދީނަށް ޓަކައި ތިބާ އަދާކުރަން ޖެހޭ ކަންކަމުގެ ވާހަކަ އަހަރެން ކިޔައިދޭނަމެވެ. ތިބާ އެއާ އެއް ގޮތަށް ޢަމަލުކުރާށެވެ! އޭރުން ތިބާގެ މުޅި ޙަޔާތް އުފާވެރިވާނެއެވެ. ޝަހީދެއްގެ ގޮތުގައި ތިބާގެ ނިމުން ލައްވާނެއެވެ. ތިބާގެ ވެރި ރަސްކަލާނގެއާ ތިބާ ބައްދަލުކުރާނީ އެކަލާނގެ ތިބާ ދެކެ ރުހިވޮޑިގެންވާ ޙާލުގައެވެ. އަދި ތިބާ ޢަދްނުގެ ސުވަރުގެތަކުގައި ޙޫރުލްޢީނުންނާ އެކު އަބަދަށް ދެމިހުންނަހުއްޓެވެ. ތިބާ اللَّهއަށް މާތްކޮށް ހިތާށެވެ! اللَّه تَعَالَىގެ ގަދަފަދަ ވައުފަށުގައި ހިފާށެވެ! ފަރުޟު ފަސްނަމާދަށް ރައްކައުތެރިވާށެވެ! ސުންނަތް އަޅުކަންތައް ކުރާށެވެ! ހޯމަ ބުރާސްފަތި އަދި މެދުފޮއި ރޯދަހިފާށެވެ! ތިބާގެ މަންމައަށް ހެޔޮކޮށްހިތާށެވެ! ބައްޕައަށް ކިޔަމަންގަންނާށެވެ! ކީރިތި ޤުރްއާން ކިޔަވާށެވެ! ޤުރްއާނުން މިންވަރެއް ހިތުދަސްކުރެވޭތޯ ބަލާށެވެ! ފައިދާހުރި ދީނީ ދަރުސްތައް އަޑުއަހާށެވެ! ހެޔޮލަފާ މީހުންނާ އެކުވެރިކަން ބާއްވާށެވެ! ފާސިޤުން ދޫކޮށްލާށެވެ! ރޭއަޅުކަންކުރާށެވެ! ދޫރައްކައުތެރި ކުރާށެވެ! ބަސްމަދުކުރާށެވެ! ޖަދަލުކުރުން ދޫކޮށްލައި، ހެޔޮބަސް ބުނާށެވެ! އަޑު މަޑުކުރާށެވެ! ޙައްޤުބަސް އިއްވާށެވެ! ކުޑަކުދީންނަށް އޯގާވެރިވެ، ދުވަސްވީ މީހުންނަށް އިޙްތިރާމުކުރާށެވެ! އަބުރު ރައްކާތެރިކުރާށެވެ! ފާޙިޝުކަންތަކާ ދުރުހެލިވާށެވެ! މެހުމާނުންނަށް ކަމޭހިތާށެވެ! ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ! ބަލިމީހުންނަށް ޒިޔާރަތްކުރާށެވެ! ފަޤީރުންނާއި މިސްކީނުންނަށް އެހީވާށެވެ! ޒަކާތް ނެރެ، ޞަދަޤާތް ދީއުޅޭށެވެ! މަގުގެއްލިފައިވާ މީހުންނަށް އިރުޝާދުދޭށެވެ! އެކުވެރީންނަށް ނަސޭހަތްދޭށެވެ! 

ދީނަށް ޚިދުމަތްކުރުމަކީ، ބާއްޖަވެރިކަމުގެ އަސާސެވެ. އެއީ ޙާޖަތްތައް ފުއްދަވައިދެއްވައި، މޮޅިވެރިކަން ފިއްލަވައިދެއްވާނޭ ޢަމަލެވެ. މި ހިނދުން ފެށިގެން ތިޔަބައިމީހުން ދީނަށް ޚިދުމަތްކުރާން ފަށާށެވެ! ފަހެ ހެޔޮ ބަހެއް ބުނުމަކީ ވެސް ޞަދަޤާތެކެވެ. ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރުމަކީ ނަޖާވާނޭ ޢަމަލެވެ. اللَّه ގެ ދީނަށް ދަޢުވަތުދިނުމަކީ، ރަސޫލުންނާއި ނަބިއްޔުންގެ މަންހަޖެވެ. ދާއިމީ ގޮތެއްގައި ކުރެވޭ މަދު ޢަމަލު، މެދުކެނޑުމާއެކު ކުރެވޭ ގިނަގުނަ ޢަމަލުތަކަށް ވުރެ ހެޔޮވެގެންވެއެވެ. 

މިއަދު އޮންލައިން