ތިބާ ބައްދަލުކުރަން ބޭނުންވާ މީހަކާ ބައްދަލުނުކުރެވުމަކީވެސް އަދި ދާން ބޭނުންވާ ތަނަކަށް ނުދެވުމަކީވެސް ތިބާއަށް ﷲ ތަޢާލާ ލައްވަވާ ރަހްމަތެކެވެ! ހާސްވެ ކަންބޮޑުނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ތިބާ ބައްދަލުކުރަން ބޭނުންވާ މީހަކާ ބައްދަލުނުކުރެވުމަކީވެސް އަދި ދާން ބޭނުންވާ ތަނަކަށް ނުދެވުމަކީވެސް ތިބާއަށް ﷲ ތަޢާލާ ލައްވަވާ ރަހްމަތެކެވެ! ހާސްވެ ކަންބޮޑުނުވާށެވެ!

ބައެއް މީހުން ދެރަވެ ކަންބޮޑުވާ ކަންކަމުގެ ތެރޭގައި އެމީހަކު ބައްދަލުކުރަން ބޭނުންވާ މީހަކާއި ބައްދަލު ނުކުރެވުން އަދި ދާން ބޭނުންވާ ތަނަކަށް ދާން ބޭނުންވާ ވަޤުތުގައި ނުދެވުން ފަދަ ކަންކަން އެބަހިމެނެއެވެ. މިފަދަ ކަންކަމަށް ވިސްނައި ހިތާމަކުރާ މީހުންވެސް އުޅެއެވެ.  

އެހެންކަމުން މިފަދަ ކަންކަން މެދުވެރިވާ ބައެއް ސަބަބުތަކާއި އެފަދަ ކަމެއް މެދުވެރިވުމުން ކުރާ ފައިދާ މާބޮޑުވާކަން ބަޔާންކޮށް މިދެނީ މިއަދުނޫހުގެ ކިޔުންތެރިއަކު އޭނާގެ އެކުވެރިއަކަށް އެކަން ވިސްނައިދޭން އެހީތެރިވުމަށް އެދިފައިވާތީއެވެ.  

ފުރަތަމަ ކަމަކަށް މިބަޔާންކުރަނީ ބައްދަލުކުރަން ބޭނުންވާ މީހަކާއި ބައްދަލުނުވުމުން ދެރަވެ ހިތާމަކޮށްގެން ނުވާނެ ސަބަބެވެ.  

ތިބާ އެމީހަކާއި ބައްދަލުކުރަން ބޭނުންވެގެން އެތައް ފަހަރަކު މަސައްކަތްކުރުމުންވެސް މީހަކާއި ބައްދަލުނުވެދާނެއެވެ. އެކަމާއިމެދު އެއްވެސް ވަރަކަށް ކަންބޮޑުނުވާށެވެ!  

ބައްދަލުނުވީ އޭނާގެ ބޮޑާ ކަމުން ނަމަވެސް ނުވަތަ އެހެން ސަބަބެއް މެދުވެރިވެގެން ނަމަވެސް އޭނާ ތިބާ އާއި ބައްދަލުނުކުރީ އެ ބައްދަލުކުރުމުން ތިބާއަށް ލިބޭނެ ގެއްލުން ﷲ މޮޅަށް ދެނެވޮޑިގެންވާތީ އެކަމަށް ﷲ ހުރަސް އެޅުއްވެވުމުން ކަމަށް ޤަބޫލުކޮށް އުފާކުރާށެވެ!  

މިހެން މިކަން ޤަބޫލުކުރަން އުނދަގޫވެދާނެއެވެ! ނަމަވެސް މިއީ މިކަން އޮތްގޮތެވެ. ހެޔޮލަފާ އަޅުންނަށް ރަނގަޅު ގޮތްތައް މިންވަރު ކުރައްވަވައެވެ. ކުރިމަތިވާން އުޅޭ މުޞީބާތްތަކުން ސަލާމަތް ކުރައްވަވައެވެ. ޚާއްޞަކޮށް ﷲ ތަޢާލާއަށް ވަކީލުކުރާ އަދި ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ހޯދައިގެން ތިބޭ އަޅުންނަށް ސަލާމަތާއި ރައްކައުތެރިކަން މިންވަރުކުރައްވަވަތެވެ.

ޔަޤީންކުރަންވީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅެވެ. އަހަރެމެންނަށް ރަނގަޅު، ފައިދާހުރި ގޮތް އަހަރެމެންނަށް ނުއެނގޭނެ ކަމަށާއި ދެނެވޮޑިގެންވަނީ ﷲ ތަޢާލާ ކަމަށް އޮތް ވަޙީބަސްފުޅެވެ. އެވަޙީބަސްފުޅު ޤަބޫލުކުރުމުން ހުރިހާ ޙިތްހަމަނުޖެހުމަކާއި ކަންބޮޑުވުންތަކެއް ފިލައިގެންދާނެއެވެ! އިން ޝާ ﷲ 

ދެން މިބަޔާންކުރަނީ ތިބާ ދާން ބޭނުންވާ ތަނަކަށް ނުދެވި މަޑުކުރަން ޖެހުމަކީވެސް ﷲ ތަޢާލާ ލައްވަވާ ރަހްމަތެއް ކަމެވެ.  

ތިބާ ދާން ބޭނުންވާ ތަނަކަށް ނުދެވި ގޭގައި މަޑުކުރަން ޖެހުނު ނަމަވެސް އެއީ މައްސަލައެއް ކަމަށް ނުދެކޭށެވެ! ނަގާފައިވާ ކޮޅިގަނޑަކުން ތިބާ ސަލާމަތްކުރެއްވެވީ ކަމަށް ޔަޤީންކުރާށެވެ! 

ﷲ ތަޢާލާގެ ރައްކައުތެރިކަމަށް އެދިގެން ހުންނަ މީހާއަށް ނުވެސް އެނގޭނެ ގޮތްގޮތުން އެމީހާއަށް ﷲ ރައްކައުތެރިކަން ދެއްވަވާނެތެވެ! 

ނިކަން ވިސްނައިލަބަލާށެވެ! ތަފާތު ސަބަބުތައް މެދުވެރިވެ ގެއްލިފައިވާ އެމްއެޗް ފްލައިޓުން ދަތުރުނުކުރެވުނު އެތައް ބައަކު މިއަދު އުފާކުރަނީ ނުފުރުނީތީއެވެ. ހަމައެފަދައިން ދާން ޤަޞްދުކޮށްގެން ހުރި ތަނަކަށް އެވަގުތު ނުދެވުނީތީ އުފާކުރާ މީހުންވެސް އެހައި ގިނައެވެ.  

ނުދެވުނީތީ އުފާކުރަންޖެހުމާއި ހިތާމަކުރަން ޖެހުމުގެ ކިތަންމެ ޙާދިސާތަކެއް ކޮންމެ މީހެއްގެ ޙަޔާތުގައިވެސް ހުންނާނީ ކުރިމަތިވެފައެވެ. ވީމާ ދާން އުޅޭ ތަނަކަށް ނުދެވުމަކީ އެވަރުގެ ބޮޑު މައްސަލައެއް ކަމަށް ނުދެކޭށެވެ.  

މިދެއްކުނީ ވަރަށް ކުޑަކުޑަ ކަމެއްގެ ވާހަކައެވެ. ނަމަވެސް މިވާހަކަކޮޅު ބުނެލަން މިޖެހުނީ އެވަރުގެ ކުދިކުދި ކަންކަމާއިވެސް ބައެއް މީހުން ކަންބޮޑުވެ އެހެން މީހުން ކުށްވެރިކޮށް ރުޅިގަދަވެ ނުބައި ބަސްބުނެހަދާތީއެވެ. އެގޮތަށް އެކަން ނުކުރާށެވެ! ތިމާ ކުރަން އުޅޭ ކަމެއް ނުކުރެވިއްޖެނަމަ އެކަމުގައި ފޮރުވިފައިވާ ސިއްރެއް ނުވަތަ ފައިދާއެއް އޮންނާނެކަން ޤަބޫލުކުރާށެވެ.

މިއަދު އޮންލައިން