އީމާންކަން އިތުރުކުރެވޭނެ ގޮތަށް ފޯނުގެ ބޭނުން ހިފަން ކުރެވިދާނެ ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އީމާންކަން އިތުރުކުރެވޭނެ ގޮތަށް ފޯނުގެ ބޭނުން ހިފަން ކުރެވިދާނެ ކަމެއް-

ކޮންމެ މީހެއްގެ އީމާންކަމަކީވެސް ބަދަލުވަމުން އަންނަ އެއްޗެކެވެ. ބައެއް ދުވަސްވަރު ހީނަރުވެސްވާނެއެވެ. އެފަދަ ދުވަސްތަކުގައި ނަމާދަށްދޭ ސަމާލުކަން ކުޑަކުރެވޭނެއެވެ. ޤުރްއާން ކިޔެވިނަމަވެސް ދެވޭ ސަމާލުކަންވެސް ކުޑަވާނެއެވެ. 

ގިނަ މީހުންނަށް ވިސްނެނީ އެބަދަލު އަންނަނީ ދިރިއުޅެންޖެހޭ ޙާލަތުގެ ސަބަބުން ކަމަށެވެ. ދިރިއުޅެންޖެހޭ ޙާލަތުގެ ސަބަބުންވެސް ބަދަލުތައް އަންނާނެއެވެ. ނަމަވެސް ގިނަ މީހުންނަށް ގިނަފަހަރު މިފަދަ ބަދަލުތައް އަންނަނީ ދުނިޔޭގެ ކަންކަމަށް ދެވޭ ސަމާލުކަންބޮޑުވުމުންނެވެ. 

މިޘާލަކަށް ތިބާ ގެންގުޅޭ ފޯނަށް މެދުނުކެނޑި އަންނަ މެސެޖްތަކަކީ ސޯޝަލްމީޑިއާ އާއި ދުނިޔަވީ ކަންކަމުގެ ޚަބަރުތައް ކަމުގައިވާނަމަ ނުވަތަ ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތަކާއި ފިހާރަތަކުގައި އަޅުވާ ސޭލްތަކުގެ ޚަބަރުތައް ކަމުގައިވާނަމަ ﷲ ތަޢާލާއާއިމެދު ވިސްނާލަން ތިބާއަށް ލިބޭނީ ކޮން ވަޤުތެއް ހެއްޔެވެ؟ 

ވީމާ ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަ ގުޅުން ކެނޑިގެން ނުދާނެ ގޮތަކަށް ކަންކަން ރާވަން އެބަޖެހެއެވެ. އެކަން ކުރެވޭނީ މިބުނި ޒާތުގެ މެސެޖުތަކާއި އެއްވަރަށް ދީނީ އިރުޝާދުތައްވެސް ފޯނަށް އައިސްގެންނެވެ. މުހިންމީ ދެބައި ހަމަހަމަވާނެ ގޮތަށް ނުވަތަ ދީނީ ބައަކަށް ތަންކޮޅެއް ގިނަވާނެ ގޮތަށް ސަބްސްކްރައިބްކުރުމެވެ. 

އީމާންކަން ކުޑަވުމުގެ މައްސަލަތައް ޞަޙާބީންނަށްވެސް ކުރިމަތިވެވަޑައިގެންނެވިއެވެ. ނަމަވެސް އެބޭކަލުން ގެންދެވީ އެމައްސަލަތަކަށް ޙައްލު ހޯދަވަމުންނެވެ. ޙައްލު ހޯއްދެވުނީ އެކަމަށް މަސައްކަތްޕުޅު ކުރައްވަވައިގެންނެވެ. އަދި އެކަމަށް އެދިވަޑައިގެން އަބަދުހެން ދުޢާކުރައްވަވަމުން ގެންދެވުމުންނެވެ. 

ވީމާ "ޔާ ﷲ! މިއަޅާގެ ހިތުގަ އީމާންކަން ވަރުގަދަކޮށްދެއްވަވާނދޭވެ!" ފަދަ ދުޢާތައް ކޮންމެ ދުވަހަކުވެސް އެތައް ފަހަރަކު ކުރަމުން ގެންދާށެވެ. ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން