ކުއްތާ އާ ތަޞްވީރު ހުންނަތަންތަނަށް ޖިބްރީލުގެފާނާއި މަލާއިކަތުން ވަދެވަޑައިނުގަންނަވާނެ!:
މާތް ރަސޫލާ صلّى اللّـه عليه وسلّم އެއް ދުވަހެއްގެ ހެނދުނުގެ ވަގުތެއްގައި أمّ المؤمنين ميمونة رضى اللّـه عنــها ގެ ގެކޮޅަށް ފައިންޕުޅު ބީއްސެވިއެވެ. އޭރު އެކަލޭގެފާނުގެ މާތް މޫނުފުޅުން ހިތާމެވެރިކަމާއި މޮޅިފުޅުވުމުގެ އަސަރުތައް ފާޅުވޭވެ ހުއްޓެވެ.
أمّ المؤمنين ميمونة رضى اللّـه عنــها ސުވާލުކުރެއްވިއެވެ. [ކަލޭގެފާނުގެ މޫނުފުޅުން ނުތަނަވަސްކަމުގެ އަސަރު ތިމަން ކަމަނާއަށް އެބަފެނެއެވެ.] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘު ކުރެއްވިއެވެ. [ރޭގައި ތިމަންކަލޭގެފާނާ ބައްދަލުކުރެއްވުމަށް ޖިބްރީލުގެފާނު ވަނީ ވަޢުދުވެވަޑައިގެންފައެވެ. ނަމަވެސް އެކަލޭގެފާނުގެ އެއްވެސް އިޝާރަތެއް ނުވެއެވެ. ޖިބްރީލުގެފާނަކީ އެކަލޭގެފާނު ވެވަޑައިގަންނަވާ ވަޢުދާ ޚިލާފުވެވަޑައިގަންނަވާ ބޭކަލެއް ނޫނެވެ.]
أمّ المؤمنين ميمونة رضى اللّـه عنــها ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެދުވަސް ހޭދަކުރެއްވީ ޖިބްރީލުގެފާނު ވަޑައިނުގަންނަވާތީ އެކަމުގެ ހިތާމަފުޅުގައެވެ. އެހެން އުޅުއްވަނިކޮށް މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ގެކޮޅުގެ ތެރެއިން މަރުވެފައި އޮތް ކުޑަ ކުއްތާއެއް ފެނިވަޑައިގެންނެވިއެވެ. ދެން މީހަކަށް އަމުރު ކުރައްވައިގެން އޭތި އެތަނުން ނަންގަވައި ބޭރަށް އެއްލައިލެވުނެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅުން ފެންނަންގަވައި އޭތި އޮތްތަނަށް ފެންވިސަވައިލެއްވިއެވެ.
އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ޖިބްރީލުގެފާނު އެކަލޭގެފާނުގެ އަރިހަށް ވަޑައިގެންފިއެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم، ޖިބްރީލުގެފާނުގެ އަރިހުގައި ކުރިންރޭ ވަޑައިނުގެންނެވި އެކަމުގެ ޝަކުވާ ދެންނެވިއެވެ. ޖިބްރީލުގެފާނު ވިދާޅުވިއެވެ. [ތިޔަ ވިދާޅުވި ފަދައިން ތިމަންކަލޭގެފާނު، ކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވުމަށް ވަޢުދުވެވަޑައިގެންނެވީމުއެވެ. ނަމަވެސް މަލާއިކަތް ބޭކަލުން ކުއްތާ އާއި ތަޞްވީރު ހުންނަތަންތަނަށް ވަދެވަޑައިގެން ނޫޅުއްވައެވެ.]
{صحيح مسلم كتاب اللباس والزينة،بَاب تَحْرِيمِ تَصْوِيرِ صُورَةِ الْحَيَوَانِ وَتَحْرِيمِ اتِّخَاذِ مَا فِيهِ صُورَةٌ غَيْرُ مُمْتَهَنَةٍ بِالْفَرْشِ وَنَحْوِهِ، ޙަދީޘް 2105}