ނަބިއްޔާ ﷺ ހަދީޘްކުރެއްވިއެވެ. "ޖަނާޒާ އަވަސް ކުރާށެވެ. ފަހެ އޭނާ އެއީ ސާލިޙް އަޅެއް ނަމަ ތިއަބައިމީހުން އޭނާ ތިއަ ގެންދަނީ ހެވަކާއި ދިމާއަށެވެ. އަދި އެނޫން މީހެއްނަމަ ތިއަބައިމީހުންގެ ކޮނޑުން ބޮޑު މަސްއޫލިއްޔަތެއް ކެނޑި ދިއައީއެވެ. - އިމާމް ބުޙާރީ އަދި މުސްލިމް-
މީހަކު މަރުވެއްޖެ ނަމަ އޮތީ ޖަނާޒާގެ ކަންކަން ވީހައި އަވަސްކޮށް އެމީހަކު ވަޅުލުމެވެ. ރަސޫލް (ﷺ) ވަނީ އެކަމަށް ޙަދީޘްފުޅު ކުރައްވަވައިފައެވެ. ވީމާ ކޮންމެހެން ލަސްކުރަން ޖެހޭ ޙާލަތެއްގައި މެނުވީ ޖަނާޒާގެ ކަންކަން ލަސްނުކުރާށެވެ!
އަދި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުން އެންމެ ރަނގަޅީ ވީހާ ގިނަބައަކަށް އަންގައި ވީހާ ގިނަބައަކަށް ބައިވެރިވެވޭނެ ގޮތަށެވެ. އެހެނީ މައްޔިތާއަށްޓަކައި އެވަޤުތު އެންމެ މުހިންމީ ވީހާ ގިނަބައެއްގެ ހެޔޮދުޢާއެވެ.
މީހަކު މަރުވުމުން އެމީހަކަށްޓަކައި ކޮށްދެވޭނެ އަދި އެކަން ކުރާ މީހާއަށްވެސް އެންމެ ފައިދާކުރާނެ އެއް ކަމަކީ ކަށުނަމާދުގައާއި ޖަނާޒާގައި ބައިވެރިވެ ހެޔޮ ދުޢާ ކުރުމެވެ! އެއްވެސް ސަބަބެއް މެދުވެރިވެގެން ކަށުނަމާދާއި ޖަނާޒާގައި ބައިވެރިނުވެވިއްޖެ ނަމަވެސް އެމީހަކަށްޓަކައި ހެޔޮ ދުޢާކުރާށެވެ! އަދި އެކަން ވީހައި ގިނައިން ކުރާށެވެ!
މިހާރަކަށް އައިސް މީހަކު މަރުވެ ޖަނާޒާގެ ކަންކަން ނިމުމުން އެމީހާގެ މަތިން ހަނދާން ކުރަނީ ޢާއިލާގެ މީހުންގެ ތެރެއިންވެސް ވަރަށް މަދު މީހެކެވެ. އެހެން ނުހަދާށެވެ! ދުނިޔޭގައި ހުރިއިރު އަޚާ ދެކެ ލޯބިވީ ފަދައިން މަރުވުމުންވެސް ލޯބިވާށެވެ! އެގޮތުން ކުރެވޭނެ ކަންކަމުގެ ތެރޭގައި މަރުވި މީހާގެ ދަރަންޏެއް އޮތް ނަމަ އަދާކޮށްދިނުމާއި، އަނބިދަރިން ދޫކޮށްފައި ތިބި ނަމަ އެމީހުންނަށް އެހީތެރިވުމާއި މަރުވި އަޚާގެ މައްޗަށް ހެޔޮ ދުޢާކުރުން ގިނަކުރުން ފަދަ ކަންކަން ހިމެނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން