މިހާރަކަށް އައިސް ގިނަބައަކު އަވަދިނެތި އުޅޭތަން ފެންނަނީ ސޯޝަލް މީޑިއާގައި ކޮންމެވެސް ބާވަތެއްގެ ޙަރަކާތެއް ހިންގައިނުލެވިގެންނެވެ. ވީހާގިނަ ބައެއްގެ ސަމާލުކަން ލިބޭނެ ގޮތަށް ކަންކަން ނުކުރެވިގެންނެވެ.
މިހުރީ ހަމަ ރަނގަޅު ކަންކަމެވެ. އެކަމަކު ކުރެވެނީ ރަނގަޅުކަމަކަށްވާނީ އެކަމެއްގެ ސަބަބުން އިސްލާމް ދީނަށް ނަޞްރެއް ހޯދައިދެވިއްޖެނަމައެވެ. މުޖުތަމަޢުއަށް ފައިދާއެއް ކޮށްފިނަމައެވެ.
ނަމަވެސް ގިނަ ބައަކަށް ކުރެވެނީ މޮޔަ ކަންކަމެވެ. މޮޔަކަންކަން ކުރެވުމަށްވުރެވެސް ގެއްލުންބޮޑީ ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން ކެނޑިގެންދާ ފަދަ ކަންކަން ކުރެވޭތީއެވެ.
ލޮބުވެތިއެކުވެރިންނޭވެ! މީސްތަކުންގެ ނަމާދުކުރުން އިތުރުކުރުވަން ނިކަން ކަންކަން ހިންގައިބަލާށެވެ! ހުރި ނުރަނގަޅު އާދަތައް އިޞްލާޙްވާނެ ކެންޕޭނުތައް ހިންގައިބަލާށެވެ. ރިވެތި އަޚްލާޤް ފަތުރަން ނިކަން ކެންޕޭނުތައް ހިންގައިބަލާށެވެ. ދެމަފިރިންގެ ގުޅުން ބަދަހިވާނެ ކެންޕޭނުތައް ނިކަން ހިންގައިބަލާށެވެ!
މިޘާލެއްވެސް ބުނެލަފާނެއެވެ. ދޫންޏެއް އާދައާ ޚިލާފް އަޑެއްލެއްވުމުން ނުވަތަ އާދައާޚިލާފް ޙަރަކާތެއްކުރުމުން ވީޑިއޯ ނުވަތަ ފޮޓޯ އެބަ ޢާންމުކުރެއެވެ. އެވާހަކަ ލިޔާއިރު ނިކަން ފަހަތަށް ﷲ އަކްބަރު އިތުރުކޮށްލައިބަލާށެވެ! އެއިރުން އެދޫންޏަށް އެކަންކުރެވުނީ ﷲ ތަޢާލާގެ މަތިވެރިވަންތަކަމުންކަން އެނގިގެންދާނެއެވެ.
ދީނީ ގޮތުން ހޭލުންތެރިކުރުވުމުގެ މެސެޖްތައް ފެތުރުމުގެ އިތުރުން މިބާވަތުގެ ކުދިކުދި ކަންކަމުންވެސް ދީނަށް ނަޞްރުދެވޭނެއެވެ. ކުރިއެރުން ހޯދައިދެވޭނެއެވެ. ދީނަށް ކުރިއެރުން ލިބިގެންދާ ކިތަންމެ ކުޑަކުޑަކަމެއް ކުރިނަމަވެސް އެމީހަކަށް ޘަވާބު ދެއްވަވާނެތެވެ. ވީމާ މިހުރީ ކުރާ ބޮޑެތި އަޅުކަމުގެ އިތުރުން ޘަވާބު ހޯދަން ނުހަނު ފަސޭހައިން ކުރެވިދާނެ ކަންކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން