މުސްލިމުންގެ ތެރެއިން ގިނަ ބައަކު އެމީހުންގެ މައިންބަފައިންނާއި ޢާއިލާގެ މަސްއޫލިއްޔަތު އުފުލައެވެ. އަޅާލައި އެހީތެރިވެއެވެ. އޯގާތެރިކަމާއިއެކު ކަންކަން ކޮށްދެއެވެ. ނަމަވެސް ހިތާމައަކީ އެމަސްއޫލިއްޔަތު އުފުލަން ފަސްޖެހޭ ބައަކު އުޅޭކަމެވެ.
ފުރަތަމަ ކަމަކީ ކޮންމެ މަސްއޫލިއްޔަތަކީވެސް އެމީހަކާއި ޙަވާލުކުރެވޭ އަމާނާތެއްކަމެވެ.
ކޮންމެ އަމާނާތަކާއިމެދު ފަހުން ސުވާލުވެވޭނެ އެވެ. މާނައަކީ ޤިޔާމަތް ދުވަހު ﷲ ތަޢާލާ ސުވާލުކުރައްވަވާނެތެވެ. ޚިޔާނާތްތެރި ވެއްޖެނަމަ އޭގެ އަގު ދައްކަން އެމީހަކަށް ޖެހޭނެއެވެ. މާނައަކީ މަސްއޫލިއްޔަތު އަދާކުރުމުގައި ފޭލްވެއްޖެނަމަ އެކަމަށް ކުރިމަތިލާންޖެހޭނެއެވެ. (ޢަޛާބު ދެއްވަވާނެތެވެ.)
ވީމާ މުޖުތަމަޢުގެ ވެރިންނާއި މުއައްސަސާތަކުން އަދި ކޮންމެ ފަރުދަކުވެސް އެމީހަކާއި ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތުތައް އަމާނާތްތެރިކަމާއިއެކު އަދި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަދާކުރަން މަސައްކަތްކުރަންޖެހޭނެއެވެ. ވަކިކަމެއްގައެއް ނޫނެވެ. ހުރިހާ ކަންކަމުގައެވެ.
މިވެނި މީހާ ތިމާއާއިމެދު ކަންކަންކުރި ގޮތަށް ނުބަލާށެވެ! އެއީ ތިމާގެ އަކަކަސްވީނަމަވެސްމެއެވެ. ކޮންމެ މީހަކުވެސް އެމީހާގެ ވާޖިބު އަދާކުރާށެވެ! މިޘާލަކަށް ބުނާނަމަ މައިންބަފައިންނަށް ހެޔޮކޮށް ހިތަންވީ އެމީހުން ތިމާއަށް ހުރިހާ ކަންކަން ރަނގަޅަށް ކުރީތީއެއް ނޫނެވެ. ﷲ ތަޢާލާ ތިމާއަށް ވާޖިބުކުރައްވަވާފައިވާތީއެވެ. ރަޙިމުގެ ގުޅުން ދަމަހައްޓަންވީވެސް ދަރިންގެ ޒިންމާ އުފުލަންވީވެސް ހަމަ މިއުޞޫލުންނެވެ. ﷲ ތަޢާލާ އެކަން ތިމާއާއި ޙަވާލުކުރައްވަވާފައިވާތީއެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަކީ އެއީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން