"ނިޔާވެފައިވާ މީހެއްގެ ނަމުގައި މުޞްޙަފް، ނަމާދުކުރަން އިށީންނަ ގޮނޑި، މުސައްލަ ފަދަ ތަކެތި މިސްކިތަށް ހަދިޔާކުރުމުން އެކަމުގެ ފައިދާ އެމީހާއަށް (ނިޔާވެފައިވާ މީހާއަށް) ކުރާނެއެވެ. އަދި ހަދިޔާކުރި މީހާއަށްވެސް އެކަމުގެ ފައިދާ ކުރާނެއެވެ!"
މިސްކިތެއް އެޅުމުގެ ކުޅަދާނަކަން ހުރި މީހުން މިސްކިތް އެޅުމަކީ މީހަކަށް ކުރެވޭނެ އެންމެ ފައިދާހުރި އެއް ކަންތަކެވެ. އެހެނީ އެމީހަކަށްޓަކައި އެފަދަ ބިނާއެއް ﷲ ތަޢާލާ ސުވަރުގޭގައި ބިނާކޮށްދެއްވަވާހުއްޓެވެ! (ޞަޙީހް ބުޚާރީ: 450)
"އެވަރުގެ ތަނަވަސްކަން ނެތް ނަމަ މިސްކިތްތަކުގެ ފެން ބިލް، ކަރަންޓް ބިލް ދައްކައިދިނުން ފަދަ ކަންކަން ކުރުމަކީވެސް ނުހަނު ފައިދާހުރި ކަންކަމެވެ. އެހެނީ އެކަންކަމަކީ މީސްތަކުން ނަމާދުކުރަން އެހީތެރިވުމެވެ."
–ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟްގެ ފުރަތަމަ ބަސްފުޅުގައި އެވަނީ ފެންބިލް، ކަރަންޓްބިލް ފަދަ ބޮޑެތި ޚަރަދުތައް ނުކުރެވިދާނެ މީހުންނަށް ކުރެވިދާނެ ކުދިކުދި ޚަރަދުތަކެވެ. ވީމާ އެމީހެއްގެ ފެންވަރުން ކިތަންމެ ކުޑަ ހޭދައެއް ނަމަވެސް ހެޔޮނިޔަތުގައި ކުރާށެވެ! މަރުވެފައިވާ މަންމައާއި ބައްޕައަށްޓަކާ ހޭދަކުރުމުން އެމީހުންނަށާއި ތިބާއަށްވެސް އެކަމުގެ ފައިދާކުރާނެއެވެ! އިން ޝާ ﷲ