ބުއްދިއަކީ އިންސާނުންނަށް ﷲ ތަޢާލާ ދެއްވެވި އެންމެ މަތިވެރި ނިޢުމަތެވެ. އެހެންކަމަށްވާއިރު ކިތަންމެ ކުޑަކުޑަ ހިނދުކޮޅަކަށް ނަމަވެސް އެނިޢުމަތުން މަޙްރޫމްވާން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟
ނިކަން ވިސްނައިލަބަލާށެވެ! އިންސާނުންނަށް އެންމެ ބޮޑެތި ގޯސްތައް ހެދެނީ ބުއްދިފިލައިދިއުމުންނެވެ. އެކަން އެނގިތިބެވެސް ބުއްދިފިލައިދާ ޢަމަލުތައް ކުރާ މީހުން އަންނަނީ ގިނަވަމުންނެވެ. ނަތީޖާއެއްގެ ގޮތުން މުޖުތަމަޢުގެ ގިނަބައަކަށް މިވަނީ ކަރުނައަޅަންޖެހިފައެވެ.
"މަސްތުވާތަކެއްޗާއި ބަނގުރަލަކީ ހުރިހާ ނުބައި ކަމެއްގެ ފެށުމެވެ. އިސްލާމް ދީނުގައި އޮތީ އެންމެ ހިނދުކޮޅަކަށްވެސް ބުއްދި ފިލުވައި ނުލުމަށެވެ. ބުއްދި ފިލައިފިނަމަ ތިބާ ވާނީ ޝައިޠޯނާގެ އަޅަކަށެވެ! އެއިރުން ކުރެވޭނީ ތިބާ ކުރަން ބޭނުންވާ ކަންކަމެއް ނޫނެވެ. އެއިރުން ކުރެވޭނީ ޝައިޠޯނާ ކުރުވަން ބޭނުންވާ ކަންކަމެވެ!"
މިޢީ ޢިލްމުވެރިއަކު ވިދާޅުވެފައިވާ ވަރަށް އަގުހުރި ނަޞޭޙަތުގެ ބަސްކޮޅެކެވެ. "މަސްތުވާތަކެއްޗާއި ބަނގުރަލަކީ ހުރިހާ ނުބައި ކަމެއްގެ ފެށުމެވެ." ވިދާޅުވެފައިވާއިރު އެއީ ހުރިހާ ނުބައިކަމެއްގެ ތަޅުދަނޑިކަމަށްވެސް ޢިލްމުވެރިން ބަޔާންކުރައްވައެވެ. ސަބަބަކީ އެއްޗެތި ބޭނުންކުރުމުން އިންސާނާގެ ބުއްދިފިލައިދާތީއެވެ.
ބުއްދިފިލައިދިއުމުން ކުރަންޖެހިލުންވާނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ސަބަބަކީ ޖެހިލުންވާންވެސް ނުއެނގޭނެތީއެވެ. ބުއްދިފިލައި ދިއުމުން ބޮޑެތި ޖަރީމާތައް އެބަ ހިންގެއެވެ. ފަހުން ލަދުން ލޯހުޅުވާލަން ނުކުރެވޭވަރުގެ ދަށުދަރަޖައިގެ ކަންކަން އެބަކުރެވެއެވެ.
މިސާލަކަށް ބުނާނަމަ މަސްތުގެ ޙާލުގައި ހުންނަ ވަގުތު ކައިވެނި ހެޔޮނުވާ މީހުންގެ ކުރިމަތީގައި ބަރަހަނާ ޙާލުގައި އެބަ އުޅެވެއެވެ. ހަމަހޭގައި ހުރެ ދުލުން ނުބުނާނެ ބަސްތައް އެބަ ބުނެވެއެވެ. ފަހުން އެކަންކަން ކުރެވުނުކަން ހަނދާންވުމުން ލަދުން ކަރުނައަޅަންޖެހެއެވެ.
އެކަން އެވާ ސަބަބުވެސް އެވަނީ ބަޔާންކުރައްވައިފައެވެ. " ބުއްދި ފިލައިފިނަމަ ތިބާ ވާނީ ޝައިޠޯނާގެ އަޅަކަށެވެ! އެއިރުން ކުރެވޭނީ ތިބާ ކުރަން ބޭނުންވާ ކަންކަމެއް ނޫނެވެ. އެއިރުން ކުރެވޭނީ ޝައިޠޯނާ ކުރުވަން ބޭނުންވާ ކަންކަމެވެ!"
ވީމާ ޝައިޠޯނާގެ އަޅަކަށް އެންމެ ފަޅި ސިކުންތަކަށްވެސް ނުވުމަށް ފަށްފަށުން ނަޞޭޙަތްތެރިވަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން