ގިނަބައަކު ކޮންމެ ދުވަހަކު ގަދައަޅައި މަސައްކަތްކުރަނީ ވީހައި ގިނަ ފައިސާ އެކައުންޓަށް ނުވަތަ ތިޖޫރީއަށް ޖަމާކުރެވޭތޯއެވެ. ގިނަ ޢަދަދެއްގެ ފައިސާ ޖަމާކުރެވިއްޖެނަމަ ބަލަނީ އެދުވަހަކީ ވަރަށް ކާމިޔާބު ދުވަހެއް ކަމަށެވެ!
އެހެނަސް އެއީ ޙަޤީޤީ ފައިދާއެއް ނޫނެވެ. ޙަޤީޤީ ފައިދާއަކަށްވާނީ އެދުވަހަކު ކުރެވުނު ހެޔޮ ޢަމަލުތަކުން ތިމާގެ ކަނައަތު ކޮނޑުގައި ތިއްބަވާ މަލާއިކަތުން ލިޔުއްވަވާ ތިބާކުރާ ހެޔޮ ޢަމަލުތަކުގެ ފަތަށް މިންވަރެއް ބަރުކުރެވުނު ނަމައެވެ. ކުރެވުނު ފާފަތަކަށްވުރެ ކުރެވުނު ހެޔޮ ޢަމަލުތައް ގިނަކުރެވުނު ނަމައެވެ.
ޙަޔާތުގެ ކޮންމެ ދުވަހަކީވެސް ތިބާގެ އަމަލުތައް ލިޔުއްވަވާ ފަތަށް ޞަފްޙާތަކެއް އިތުރުވެގެންދާ ދުވަހެކެވެ. ކުރެވުނު ފާފަތަކާ ކުރެވުނު ހެޔޮޢަމަލުތަކުގެ ވާހަކަތަކެވެ. ވީމާ ފަތާއިމެދު ވިސްނައިލަން ކޮންމެ ދުވަހަކުވެސް ވަގުތުކޮޅެއް ހޭދަކުރަންވާނެއެވެ.
ކުރެވޭ ކޮންމެ ޢަމަލެއް ފަތުގައި ލިޔުއްވަވަމުން ގެންދަވާއިރު ފަތުގައި ލިޔުއްވަވާ ނުބައި އަމަލުތައް ފަތުން ފުހެލަން އޮތް ހަމައެކަނި މަގަކީ ތައުބާވުމެވެ. ފަތް ހެޔޮ ކަމުގެ ކޮޅަށް ބަރުކުރަން ކުރަން އޮތް މަސައްކަތަކީ ހެޔޮ ޢަމަލުތައް ކުރުން ގިނަ ކުރުމެވެ.
ވީމާ ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް އެމީހެއްގެ ފަތާއިމެދު ނިދުމުގެ ކުރިން ކޮންމެ ރެއަކުވެސް ވިސްނައިލާށެވެ! އެދުވަހަކު ކުރެވުނު ފާފަތަކަށް ތައުބާވުމަށްފަހުގައި ނޫނީ ނުނިދާށެވެ! ތައުބާ ނުވެވި ހުއްޓައި މަރުވެދާނެ ކަމަށް ބިރުވެތިވާށެވެ!
ހަމަ އެއާއިއެކު މާދަމާ ކުރާނެ ހެޔޮ އަމަލުތައް ހިތުގައި ރާވައިލާށެވެ! އަނެއް ދުވަހު އެ ޢަމަލުތައް ކޮނަމެ ގޮތަކުން ނަމަވެސް ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އާޚިރަތް އެދޭ މީހާ ކޮނަމެ ގޮތަކުން ނަމަވެސް މިބުނި މަގުން ޢަމަލުކުރުމުގައި ސާބިތުވާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން