ތަނަވަސްކަން ދެއްވެވި ގިނަ ބައަކު ދުނިޔެ ދޫކޮށްދަނީ ހުސްއަތާ! ހިތާމަހުރިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ތަނަވަސްކަން ދެއްވެވި ގިނަ ބައަކު ދުނިޔެ ދޫކޮށްދަނީ ހުސްއަތާ! ހިތާމަހުރިކަމެއް!

މިއަދު މިފެންނަނީ ތަނަވަސްކަން ލިބުމުންވެސް އަދި ނުލިބުނު ނަމަވެސް މީސްތަކުން މުއްސަނދިކަމަށް ދަހިވެތިވެގެން އުޅޭތަނެވެ. ތަނަވަސްކަން އިތުރުވާވަރަކަށް ދަހިވެތިކަން ބޮޑުވެ އިތުރުވަމުން އަންނަ ތަނެވެ. ތަނަވަސްކަން އިތުރުކުރަން އުޅެން ހަދައިގެން ނަރަކައާއި ދިމާއަށް ދެވޭ މީހުންގެ އަދަދު ގިނަވަމުން އަންނަ ތަނެވެ.

ރަނގަޅަށް ވިސްނާށެވެ! ތަނަވަސްކަން ދެއްވަވަނީވެސް އިމްތިޙާނަކަށެވެ. އެއިގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިފި މީހަކު މަރުވާނީވެސް ސުވަރުގޭގައި ބިނާތައް ކުރުމަށްފަހުގައެވެ. ސުވަރުގޭގެ ބަގީޗާތައް ލިބިގަނެގެންނެވެ. އެކަންކަމުގެ ހިތްހަމަޖެހުމާއިއެކުގައެވެ.

ނަމަވެސް އެކަން ވިސްނެނީ މަދު މީހަކަށެވެ. ގިނަ ބައަކަށް މަސައްކަތްކުރެވެނީ ސުވަރުގެއިން ބިނާތައް ލިބިގަތުމުގެ ބަދަލުގައި ދުނިޔޭގައި އެންމެ އުސް އިމާރާތް އެޅުމަށެވެ. އެންމެ ފުރިހަމަ ގެ އަޅައި އެގޭގައި ދިރިއުޅުމަށެވެ.

އެފަދަ މީހުން މަރުވުމުން ދުނިޔެ ދޫކޮށް ދާންޖެހޭނީ ދުނިޔޭގައި ކުރި ބިނާ ދޫކޮށްލައިފައެވެ. އަދި އާޚިރަތަށް ގެންދާނެ އެއްޗެއް އަތުގައި ނެތި ހުސްއަތާއެވެ! އެންމެ ދެރަ ނިކަމެތިންގެ ގޮތުގައެވެ. ވީމާ ތަނަވަސްކަމަށް ދަހިވެތިވުމުގެ ނުބައި އާދަ ދޫކޮށްލާށެވެ! ތަނަވަސްކަން ދެއްވެވި ﷲ އެންގެވި މަގުގައި ތަނަވަސްކަމުގެ ބޭނުން ހިފާށެވެ!

އިބްން އަލްޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ:

"ތިމާއަށް ކިތަންމެ ބޮޑު މުއްސަނދިކަމެއް ލިބިފައިވީނަމަވެސް މުއްސަނދިކަމަށް ތިބާ ދަހިވެތި ނުވާހައި ހިނދަކު އެ މުއްސަނދިކަމަށް ތިބާއަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ. ނަމަވެސް ތިބާ މުއްސަނދިކަމަށް ދަހިވެތިވެއްޖެނަމަ ތިބާގެ ކިބައިގައި މުއްސަނދިކަމެއް ނެތް ނަމަވެސް އެކަން ތިބާއަށް ގެއްލުންދޭނެއެވެ."

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން