ދުވަހުގެ ކާމިޔާބީ ގުޅިފައިވަނީ ފަތިސްނަމާދުކުރުމާއިއެވެ. އަދި ތަޢާލާ އަހުރެމެން މުސްލިމުންގެ ދުވަސް ފަށަން އަންގަވާފައިވަނީވެސް ފަތިސްނަމާދުންނެވެ. ނަމަވެސް ފަތިސްނަމާދުކުރަނީ ވަރަށް މަދުބައެކެވެ. އެހެންކަމުން މިނުބައި އާދަ ބަދަލުކުރަން އެބަޖެހެއެވެ. ދުނިޔެއާއި ޢާޚިރަތް ކާމިޔާބުކުރަން އެދޭނަމަ ފަތިސްނަމާދަށް ހޭލައި ފަތިސްނަމާދުކުރަން އެބަޖެހެއެވެ.
ބައެއް މީހުން ބުނާ ގޮތުން އެމީހުންނަށް އެންމެ ބޮޑު ކަމަކަށްވެފައި އޮންނަނީ ފަތިސް ނަމާދަށް ހޭލުމެވެ. އެމީހުން ބުނަނީ ގަޑިސޯނާކުރި ނަމަވެސް، ފަތިހު ހޭލަން މަސައްކަތްކުރި ނަމަވެސް ނުހޭލެވޭ ކަމަށެވެ. އަދި ހޭލެވުނު ނަމަވެސް ކަންނެތްވެ ނިދޭގޮތް މެދުވެރިވާކަމަށްވެސް ބުނެއެވެ.
މިފަދަ މީހުން އެންމެ ކުރަން އެންމެ މުހިންމު ކަމަކީ ނިދުމުގެ ކުރިން އާޔަތުލްކުރުސި ކިޔެވުމެވެ. 3 ފަހަރު ކުރުސި ކިޔައިގެން ނިދުމަކީ ހޭލަން ފަސޭހަވެ އަދި ނިދީގެ ކަންނެތްކަންވެސް ފިލައިގެންދާ ކަމެކެވެ. އެހެނީ ޝައިޠޯނާ ކިތަންމެ ބޭނުންވި ނަމަވެސް ކުރުސި ކިޔައިގެން އޮންނަ މީހަކާއި ކައިރިއެއް ނުވެވޭނެއެވެ. ﷲ ތަޢާލާ އެމީހާގެ ހިމާޔަތުގައި މަލާއިކަތުން ބައިތިއްބަވާނެތެވެ! ވީމާ ހޭލެވޭވަގުތު ނިދަން ހިތްވަރުދީ ވަސްވާސްދޭ ޝައިޠޯނާގެ ކިބައިން އެމީހަކަށް ސަލާމަތްކަން ލިބޭނެތެވެ! އިން ޝާ ﷲ
މީގެ އިތުރުން ބައެއް މީހުންގެ ތަޖުރިބާއަށް ބަލާއިރު ނިދިން ހޭލަން މަސައްކަތްކުރުމުންވެސް ނުހޭލެވޭ މީހާ، ހޭލެވުނުހައި އަވަހަކަށް އެހެން އެއްވެސް ކަމެއް ނުކޮށް ފުރަތަމަ ކަމަކަށް (ޞިއްޙަތު ތަންދޭނަމަ) ފެންވަރައި، ނޫންނަމަ ގައިން ތާހިރުވެލައި ވުޟޫކޮށް، ޒީނަތްތެރިވެގެން ފަތިސްނަމާދު ކުރުމަކީ ވެސް ފަތިހު ހޭލެވެން ފަށާ ސަބަބެކެވެ. އެންމެ ރަނގަޅު ގޮތަކީ އިހު ސުންނަތްވެސް ކޮށްގެން ނަމާދު ކުރުމެވެ.
ފަތިސް ނަމާދު ޤަޟާކުރުމުގެކުރިން އިހުސުންނަތުގެ ދެރަޚްޢަތް ކުރުމާއިބެހޭ ގޮތުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވެއެވެ.
"ރަސޫލް (ﷺ) އަމަލުފުޅުކުރައްވަވާފައިވަނީ އެގޮތަށެވެ. ފަތިސް ނަމާދަށް ހޭފުޅު ނުލެއްވެވުނު ރޭގެ ފަތިސް ނަމާދު ޤަޟާ ކުރެއްވެވީ އިހު ސުންނަތް ކުރެއްވެވުމަށްފަހުގައެވެ. ވީމާ އަހަރެމެންވެސް ޢަމަލުކުރަންވީ ހަމައެގޮތަށެވެ. ފަތިސް ނަމާދު އެކަނި ކުރި ނަމަވެސް ފަރުޟު އަދާކުރެވޭނެއެވެ!"
ފަތިސްނަމާދަށް ހޭލަން ބޭނުންވާ މީހާ ރޭގަނޑުގެ ވަގުތުތައް ބޭކާރުގޮތުގައި ހޭދަނުކޮށް ވީހާއަވަހަކަށް ނިދުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން