ވުޟޫކުރުމަކީ ނަމާދަށް އޮތް އެންމެ މުހިންމު ކަންތަކެވެ. ވުޟޫ އާއި ނުލާ ނަމާދު ޞައްޙައެއް ނުވާނެއެވެ. ވީމާ ވީހައި ފުރިހަމައަށް ވުޟޫކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެކަމަށް ވަރަށް ފަރުވާތެރިވެ ސަމާލުކަން ދޭންވާނެއެވެ!
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރާން ޤަޞްދު ކޮށްފިނަމަ) ފަހެ، ތިއަބައިމީހުންގެ މޫނުތަކާއި، ތިއަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމައަށް ދޮންނާށެވެ! އަދި ތިއަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިއަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާހަމައަށް ދޮންނާށެވެ!-----" (އަލްމާއިދާ: 6)
މިއާޔަތުން އެނގިގެން މިދަނީ ވުޟޫކުރުމުގެ ފަރުޟުތަކެވެ. ބޮލުގައި ފެންފުހުމަކީ ފަރުޟެކެވެ. އެހެންކަމުން ބޮލުގައި ފެންފުހެން ސުންނަތުގައި އޮތް ގޮތަށް ފެންފުހުމަކީ ވަރަށް މުހިންމު ކަމެކެވެ.
"ރަސޫލް (ﷺ) ވަޑައިގެންނެވުމުން ތިމަންމެން އެކަލޭގެފާނަށް ލޯކަންވާރެއްގައި ފެން ނެރުމުން އެކަލޭގެފާނު ވުޟޫ ކުރެއްވެވިއެވެ. އެކަލޭގެފާނުގެ މޫނުފުޅު 3 ފަހަރު ދޮންނެވިއެވެ. އަދި ދެ އަތްޕުޅު ދެ ފަހަރު ދޮންނެވިއެވެ. ދެން ބޮލުގައި ދެ އަތްޕުޅުން ކުރިމަތިން ފަށައިގެން ފުރަގަހަށް ގެންދަވައި ފުރަގަހުން ކުރިމައްޗަށް ގެންނަވައި ފެން ފުއްސެވިއެވެ. ދެން ދެފައިންޕުޅު ދޮންނެވިއެވެ." (ޞަޙީޙް ބުޚާރީ: 197)
--އިސްލާމީ ތިލަފަތުގެ ދަރުސަކުން