ޢާއިޝަތު ރަފާޙް ޢަލީ
عنْ أبي عبدِ الرَّحمنِ عبدِ اللهِ بنِ عُمرَ بنِ الخطَّابِ -رَضِي اللهُ عَنْهُما- قالَ: سَمِعْتُ رسُولَ اللهِ – صَلَّى اللهُ عَلَيْهِ وَسَلَّمَ – يَقُولُ:)) بُنِيَ الإِسْلاَمُ عَلَى خَمْسٍ: شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَإِقامِ الصَّلاَةِ، وإِيتَاءِ الزَّكَاةِ، وَحَجِّ البَيْتِ، وَصَوْمِ رَمَضَانَ((. رَوَاهُ البُخَارِيُّ ومُسْلِمٌ.
أبو عَبْدِ الرَّحْمَن عَبْدِ اللهِ بْنِ عُمَرَ ابْنِ الخَطَّابِ رَضِي اللهُ عَنْهُمَاގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ. "އިސްލާމްދީން ބިނާވެގެންވަނީ ފަސް ކަމެއްގެ މައްޗަށެވެ. އެއީ؛ ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އިލާހަކު ނުވާކަމަށް ހެކިވުމާއި، ހަމަކަށަވަރުން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައެއީ ﷲގެ ރަސޫލާކަމުގައި ހެކިވުމާއި، ނަމާދު ޤާއިމު ކުރުމާއި، ޒަކާތް ދިނުމާއި، ގެފުޅަށް ޙައްޖުވުމާއި އަދި ރަމަޟާންމަހު ރޯދަ ހިފުމެވެ."
ނަމަވެސް ހިތާމައަކީ މިޒަމާނުގެ ބައެއް ކުދީންނަށް މިމިންވަރަށްވެސް އިސްލާމީ ޢިލްމް ނޭނގޭކަމެވެ. އެއީ އިސްލާމީ ޢިލްމު ހޯދުމަށް މަސައްކަތް ނުކުރެވޭތީއެވެ.
ޖާހިލުކަން ފެތުރުމަކީ ދީނާއި ދުރުހެލިވެ ކުށްތަކަށް އަރައިގަތުމަށް ފަސޭހަވެގެންދާ ކަމަކެވެ. މިގޮތުން ހުޅަނގުގެ ވިސްނުންތައް ނަކަލުކޮށް އެމީހުންގެ ވިސްނުންތަކަށް ޢަމަލު ކުރެއެވެ.
އިސްލާމްދީނަކީ ޢިލްމުގެ ދީނެވެ. އެގޮތުން ކީރިތި ޤުރްއާނުގެ އެންމެ ފުރަތަމަ ފަސް އާޔަތް ބާވައިލެއްވުނީ ވެސް ޢިލްމާ ބެހޭގޮތުންނެވެ.
އެއީ ޢަލަޤް ސޫރަތުގެ ފުރަތަމަ ފަސް އާޔަތެވެ.
اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ﴿١﴾ خَلَقَ الْإِنسَانَ مِنْ عَلَقٍ ﴿٢﴾ اقْرَأْ وَرَبُّكَ الْأَكْرَمُ ﴿٣﴾ الَّذِي عَلَّمَ بِالْقَلَمِ ﴿٤﴾ عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ ﴿٥﴾
މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. (1) ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. (2) ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. (3) އެކަލާނގެއީ، قلم ން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ. (4) އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ. (5)"
މުސްލިމުން ގެ ޙަޟާރާތުގައި ހޯދާފައިވާ ކުރިއެރުންތަކާއި ގުޅުން ކަނޑުވާލުމަށް ކާފަރުން ބޭނުންވެއެވެ. މުސްލިމުން ޢިލްމީ ގޮތުން ކުރިއަރާކަށް ކާފަރުން ބޭނުމެއްނުވެއެވެ. އެހެންކަމުން ފާފަތަކުން ރައްކާތެރިވުމަށްޓަކައި އިސްލާމީ ތަޢްލީމް ރަނގަޅަށް އެންގެން ޖެހެއެވެ.