ފާފަނުފުއްސަވާނެ، ރަޙްމަތުން މަޙްރޫމް ކުރައްވަވާނެ މީހުން ގިނަވަނީ- ހިތާމަހުރިކަމެއް!: ޝައިޚް މުޙައްމަދު ބާޖައުރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ފާފަނުފުއްސަވާނެ، ރަޙްމަތުން މަޙްރޫމް ކުރައްވަވާނެ މީހުން ގިނަވަނީ- ހިތާމަހުރިކަމެއް!: ޝައިޚް މުޙައްމަދު ބާޖައުރު

ބައެއް މީހުން ފައުޅުކަންބޮޑުގޮތެއްގައި ޙަރާމް ކަންކަން ކުރާތަން ފެނުމުން އެކަން ނުކުރަން ބުނެފިނަމަ އެއީ އެމީހުންގެ މިނިވަންކަން ކަމަށް އެބަބުނެއެވެ. ތިއައުޅެނީ އަސަރުކުރާތީކަމަށްބުނެ އިހާނެތި ބަސްތައްވެސް ބުނެއެވެ. އެހެން އެބުނެވެނީ އެކަމުގެ ހުރި ނުބައިކަމުގެ ބޮޑުކަން ނުއެނގޭތީއެވެ. 

ޙަދީޘްފުޅުގައި އޮތީ ތިމަން ރަސޫލް (ޞައްލަﷲ ޢަލައިހިވަސައްލަމަ) ގެ އުންމަތުގެ އެންމެންނަށް ފާފަ ފުއްސަވައި ދެއްވަވާނެ ކަމަށެވެ. ހެޔޮ ރަޙްމަތް ލައްވަވާނެ ކަމަށެވެ. ނަމަވެސް ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ފައުޅުގައި ކުރާ މީހުން ފިޔަވައި ކަމަށެވެ. އެމީހާކުރީ ކުޑަފާފައެއް، ނުވަތަ ބޮޑު ފާފައެއް ކަމަށް ބެއްލެވުމެއް ނެތި ކަމަށެވެ. 

މީސްތަކުންނޭވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ތިމާއަކީ ފާފަ ނުފުއްސަވާނެ މީހަކު ކަމުގައި ނުވަތަ ﷲ ތަޢާލާ ރަހްމަތް ނުލައްވަވާނެ މީހަކު ކަމުގައި ވެއްޖެނަމަ ތިމާގެ ޙާލަކީ ކޮބައިހެއްޔެވެ؟ ޤިޔާމަތް ދުވަހު ތިމާއަށް ސަލާމަތްކަން ދެވޭނީ ކާކަކަށް ހެއްޔެވެ؟ 

ފައުޅުކަން ބޮޑު ގޮތެއްގައި ހަޑިމުޑުދާރު ޢަމަލުތައް ކުރަން ހިޔްވަރުދެނީ ޝައިޠޯނާއެވެ. އެއީ ﷲ ތަޢާލާގެ ރަޙްމަތުން އެމީހަކު މަޙްރޫމްކުރުވުމަށްޓަކައެވެ. ނަރަކައިން ސަލާމަތްވިޔަނުދިނުމަށްޓަކައެވެ. ނަމަވެސް މިއަދުގެ ގިނަ ޒުވާނުންނަށް އެކަންކަން ނުވިސްނެނީއެވެ. ހީކުރެވެނީ ކާފިރުން އުޅޭހައި ގޮތަކަށް އުޅުމަކީ މިނިވަންކަން ކަމަށެވެ. 

ﷲ ތަޢާލާ އެންމެ ބޮޑު މިނިވަންކަމެއް ދެއްވަވާފައިވަނީ އަދި އެންމެ ބޮޑު އިޚްތިޔާރުތަކެއް ދެއްވަވާފައިވަނީވެސް އިންސާނުންނަށެވެ. އެއިގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމުން އެންމެ ބޮޑު އުފާވެރިކަމެއް ދެއްވަވާނީވެސް އިންސާނުންނަށެވެ. އެއީ ރަޙްމަތާއި ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެއަށް ވެއްދެވުމެވެ. އިން ޝާ ﷲ

 

- ޝައިޚް މުޙައްމަދު ބާޖައުރުގެ ސަރުސަކުން  

މިއަދު އޮންލައިން