ދަރިން ކައިވެނިކޮށްގެން ގެއަށް ގެނެވޭ ދަރިންނަށް ހެޔޮކޮށް ހިތުމަކީ ﷲ ތަޢާލާގެ ރަޙްމަތް އިތުރުކުރައްވަވާނެ ކަމެއް! އަނިޔާވެރިވުމަކީ ތަކްލީފްތައް ކުރިމަތިކުރައްވަވާ ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ދަރިން ކައިވެނިކޮށްގެން ގެއަށް ގެނެވޭ ދަރިންނަށް ހެޔޮކޮށް ހިތުމަކީ ﷲ ތަޢާލާގެ ރަޙްމަތް އިތުރުކުރައްވަވާނެ ކަމެއް! އަނިޔާވެރިވުމަކީ ތަކްލީފްތައް ކުރިމަތިކުރައްވަވާ ކަމެއް!: މުފްތީ މެންކް

ލޮބުވެތި މައިންބަފައިންނޭވެ! ފުރަތަމަ ކަމަކަށް ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރާށެވެ! މައިންބަފައިން ބޭނުންވާ ގޮތަށް ދަރިން ކަންކަން ކުރާނީ އެއިރުންނެވެ. ދެން ކިތަންމެ ރަނގަޅަށް ަތރުބިއްޔަތުކުރާ ދަރިއަކުނަމަވެސް މައިންބަފައިން ނުރުހޭނެ ގޮތަކަށްވެސް ކަމެއް ކޮށްފާނެއެވެ. އެގޮތަށް ކަމެއް ކުރިނަމަވެސް އެދަރިފުޅު ބާކީކޮށްނުލާށެވެ! ހެޔޮކޮށް ހިތާށެވެ. ދަރިންގެ ކައިވެންޏާއިމެދުވެސް މިބުނި މަގުން ވިސްނާށެވެ.  

ދަރިން ކައިވެނިކޮށްގެން ގެއިން ނުކުމެގެންދާންއުޅޭއިރު ކޮންމެ މަންމަ އަކާއި ބައްޕައަކުވެސް ވަރަށް ބޮޑަށް ކަންބޮޑުވެއެވެ. އެއީ އަނެއް ޢާއިލާއިން ތިމާގެ ދަރިފުޅާއިމެދު ކަންކަން ކުރާނީ ކިހިނަކުންކަން ޔަޤީންނުކުރެވޭތީއެވެ. އެގޭގައި ކުރިމަތިލާންޖެހޭނެ މައްސަލަތައް ނުއެނގޭތީއެވެ.  

ބައެއް ގޭގެއަށް ބޭރުން ގެންދެވޭ ދަރިންނަށް ވަރަށް ހެޔޮކޮށް ހިތައި ކަންކަންކުރެއެވެ. އަމިއްލަ ދަރިންނަސްވުރެ އިސްކަންދީގެންވެސް ގެންގުޅެއެވެ. އެފަދަ ގޭގޭގެ މައިންބަފައިންނަށް އުފާވެރިކަން ހުއްޓެވެ. އެބައަކަށް ﷲ ތަޢާލާ ރަޙްމަތް އިތުރުކުރައްވަވާނެތެވެ، އިން ޝާ ﷲ  

އެއީ ކީއްވެގެން ހެއްޔެވެ؟ އެހެން މީހުންނަށް ހެޔޮކޮށް ހިތުމަކީ ﷲ ތަޢާލާގެ އަމުރުފުޅަކަށްވާތީއެވެ. އެކަލާނގެ އަމުރުފުޅަށް ކިތަމަންތެރިކަން އަދާކުރީތީއެވެ.  

އަނެއްބައި ގޭގެއަށް ބޭރުން ގެންދެވޭ ދަރިންނަކީ އަޅުންކަމަށް އެބަހަދައެވެ. އަމިއްލަ ދަރިންނާއި ވަރަށް ބޮޑަށް ތަފާތުކުރެއެވެ. އެއީ އެއްވެސް ޙާލެއްގައި ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތެއް ނޫނެވެ. އެފަދަ ޢާއިލާތަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުން ވާނީ ދުރުކަމަކަށެވެ. އެހެނީ ކުރިން ބުނި ފަދައިން އެމީހުން ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިއެއް ނުވިއެވެ.  

ބުނަން ހެއްޔެވެ؟ ބޭރުން ގެއަށް ގެނެވޭ ދަރިންނަށް ނުބައިކޮށް ކަންކަންކުރާ ޢާއިލާތަކަށް ވަރަށް ހިތްދަތި ކަންކަންވެސް މެދުވެރިވެފައި އެބަހުއްޓެވެ. ވަރަށް ބޮޑެތި ތަކްލީފްތައްވެސް އުފުލަންޖެހެއެވެ. އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އަނިޔާ ލިބެމުންދާ މީހާގެ ދުޢާ އާއި ﷲ ތަޢާލާގެ ހަޟްރަތާއި ދެމެދަކަށް އެއްވެސް ހުރަހެއް ނެތެވެ.  

ހަމަ އެއާއިއެކު އެއްކަމެއް ފާހަގަކޮށްލާނަމެވެ. އަންހެންދަރިން ލިބި ފުރާވަރަށް އެޅުމުން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްކަމަކީ މައިންބަފައިންނާއި ވަކިވެގެން ގޮސް އެހެން ބައަކާއިއެކު ދިރިއުޅެން ތަރުބިއްޔަތުކުރުމަށެވެ. ކައިވެނިކުރީމާ ދެމަފިރިން ބަލަހައްޓާނެ ތަނަވަސްކަން ހުރިނަމަވެސް އަބަދު މައިންބަފައިން ގާތުގައި ދަރިފުޅު ހުންނާނެ ކަމަށް ބަލައިގެން ނުވާނެއެވެ. ފިރިމީހާގެ ޢާއިލާގެ ގާތަށްވެސް ހަމަ ހިނގައިދާނެއެވެ. އަދި ދެމަފިރިން އެކަނި ދިރިއުޅެންވެސް ބޭނުންވެދާނެއެވެ. ވީމާ އަނހެންދަރިން ބޮޑުކުރަންޖެހޭނީ އެކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދީގެންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން