ޢަލީ އިޙްޞާން ފިރާޤް
ދީންއުނގަނަވައި ދެއްވަން ޖިބްރީލުގެފާނު ވަޑައިގަތުން:
ޢުމަރުގެފާނުގެ އަރިހުން އިމާމު މުސްލިމު ރިވާކުރައްވައިފައިވެއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ. އެއްދުވަހަކު ތިމަންމެން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ތިއްބަވަނިކޮށް ބޭކަލަކު އަތުވެއްޖެއެވެ. އެބޭކަލަކު ހުންނެވީ ހުދުކުލަގަދަ ފޭރާމެއް ތުރުކުރައްވައިގެންނެވެ. އިސްތަށިފުޅުގެ އިސްތަށިކޮޅުތައް ހުރީ ވަރަށް ކަޅުކުލަ ގަދަކޮށެވެ. އެބޭކަލެއްގެ ފަރާތުން ދަތުރު ބަރުބަލިކަމެއް ނުފެނެއެވެ. ތިމަންމެންގެ ތެރެއިން އެއްވެސް މީހަކަށް އެއީ ކާކުކަމެއް ނޭނގެއެވެ. އެބޭކަލަކު ވަޑައިގެން އެބޭކަލެއްގެ ދެކަކޫ، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދެކަކޫފުޅުގައި ޖައްސައި، އިށީންދެވަޑައިގެންފިއެވެ. ދެ އަތްޕުޅު ދެ މާކަޅުވާމަސްގަނޑުމަތީގައި ބާވަވައި ދެންނެވިއެވެ. [އޭ މުޙައްމަދުގެފާނެވެ! އިސްލާމްކަމަކީ ކޮބައިކަން އަޅުގަނޑަށް ވިދާޅުވެދެއްވާށެވެ]
މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘްފުޅުކުރެއްވިއެވެ.
[އިސްލާމަކަމަކީ، މާތްﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެން އިލާހަކު ނުވާކަމަށާއި، ހަމަކަށަވަރުން މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމް ކުރުމާއި، ޒަކާތްދިނުމާއި، ރަމަޟާންމަހުގެ ރޯދަހިފުމާއި، ކުޅަދާނަވެގެންވާމީހާ ގެފުޅަށްގޮސް ޙައްޖުވުމެވެ.]
އެބޭކަލަކު ދެންނެވިއެވެ. [ކަލޭގެފާނު ތިޔަ ވިދާޅުވީ ތެދުފުޅެކެވެ. ] ޢުމަރުގެފާނު ވިދާޅުވިއެވެ. [ތިމަންމެން އެބޭކަލަކާމެދު އަޖާއިބުވީމެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އާ ސުވާލުކުރައްވާ މާތް ރަސޫލާ އޭނާއަށް ޖަވާބު ދެއްވުމުން އެއީ ތެދުފުޅެއްކަމުގައި ވިދާޅުވަމުން ގެންދަވާތީއެވެ.]
އެބޭކަލަކު އަނެއްކާ ދެންނެވިއެވެ. [އީމާންކަމަކީ ކޮބައިކަން އަޅުގަނޑަށް ވިދާޅުވެދެއްވާށެވެ.] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘްފުޅު ކުރެއްވިއެވެ. އެއީ މާތްﷲއަށާއި، އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ ބާވައިލެއްވި ފޮތްތަކަށާއި، އެކަލާނގެ ރަސޫލު ބޭކަލުންނާއި، އާޚިރަތްދުވަހަށް އީމާންވުމެވެ. އަދި ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ. ]
އެބޭކަލަކު ދެންނެވިއެވެ. [ކަލޭގެފާނު ތިޔަ ވިދާޅުވީ ތެދުފުޅެކެވެ. އިޙްސާންކަމަކީ ކޮބައިކަން އަޅުގަނޑަށް ވިދާޅުވެދެއްވާށެވެ.] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘްފުޅު ކުރެއްވިއެވެ. އިޙްސާންތެރިކަމަކީ، މާތްﷲ، ތިބާއަށް ފެންނަ ފަދައިން ތިބާ އެއިލާހަށް އަޅުކަންކުރުމެވެ. ތިބާއަށް މާތްﷲ ފެންނަކަމުގައި ނުވިޔަސް އެއިލާހު ތިބާ ދެކެވޮޑިގެންވާނެއެވެ.]
އެބޭކަލަކު ދެންނެވިއެވެ. [ޤިޔާމަތް ވާނެ ވަގުތެއް އަޅުގަނޑަށް ވިދާޅުވެދެއްވާށެވެ]. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘްފުޅު ކުރެއްވިއެވެ. [އެވަގުތެއްގެ ވާހަކަ ސުވާލުކުރެވުނު މީހާއަށާވުރެ ބޮޑަށް ސުވާލުވެވުނު މީހާ ދެނެހުރިކަމުގައިނުވެއެވެ.]
އެބޭކަލަކު ދެންނެވިއެވެ. [ޤިޔާމަތުގެ އަލާމާތްތައް އަޅުގަނޑަށް ވިދާޅުވެދެއްވާށެވެ.] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘްފުޅު ކުރެއްވިއެވެ. [އަޅުއަންހެނާ އޭނާގެ ސާހިބު މީހާ ވިއެހުމެވެ. އަދި ފައިވާނަށް ނާރާމިހުންނާއި، އޮރިޔާމުން އުޅޭމީހުންނާއި ، އަދި ބަކަރި ހުއިހައްޕާ ފަޤީރުން އުސް ޢިމާރާތްތައް ހަދާނެއެވެ.]
ދެން އެބޭކަލަކު އެނބުރި ވަޑައިގެންފިއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘްފުޅު ކުރެއްވިއެވެ. [އޭ ޢުމަރެވެ! އެސުވާލުކުރީ ކާކުކަން ކަލޭގެފާނަށް އެނގިވަޑައިގެންނަވާތޯއެވެ؟" ތިމަންކަލޭގެފާނު ދެންނެވީމެވެ. އެއީ ކާކުކަން ﷲ އާއި އެއިލާހުގެ ރަސޫލާ صلّى اللّـه عليه وسلّم ދެނެވޮޑިގަތުން ބޮޑެވެ.] ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘްފުޅު ކުރެއްވިއެވެ. [ހަމަކަށަވަރުން އެއީ ޖިބްރީލުގެފާނެވެ. ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް އުނގަންނައިދެއްވުމަށްޓަކައި ވަޑައިގެންނެވީއެވެ.]
{ صحيح مسلم، كتاب الإيمان، باب بيان الإيمان والإسلام والإحسان ووجوب الإيمان بإثبات قدر الله سبحانه وتعالى وبيان الدليل على التبري ممن لا يؤمن بالقدر وإغلاظ القول في حقه، ޙަދީޘް ނަންބަރު 8}