ޝައިޠޯނާ މީހާއަށް އެންމެ ފުރަތަމަ ކެހިދޭނީ އޭނާ ޢިލްމުން ދުރުކުރުމުގެ މައްޗަށެވެ.!: –އިބްން އަލްޖައުޒީ ރަޙިމަހުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ޝައިޠޯނާ މީހާއަށް އެންމެ ފުރަތަމަ ކެހިދޭނީ އޭނާ ޢިލްމުން ދުރުކުރުމުގެ މައްޗަށެވެ.!: –އިބްން އަލްޖައުޒީ ރަޙިމަހުﷲ

ދީނީ ޢިލްމަކީ ކޮންމެ މީހަކު އުނގެނެންޖެހޭ ޢިލްމެއް ކަމާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ އިމާމުގެ މިބަސްފުޅު ތަކުރާރުކޮށްލާނަމެވެ. މިބަސްފުޅުން ކަމުގެ ހަޤީޤަތް ވަރަށް ރަނގަޅަށް ސާފުވެލައްވާނެއެވެ. އިން ޝާ ﷲ

"ދަންނާށެވެ! މީހާއަށް އެންމެ ފުރަތަމަ ޝައިޠޯނާ ކެހިދޭނީ އޭނާ ޢިލްމުން ދުރުކުރުމުގެ މައްޗަށެވެ. އެހެނީ ޢިލްމަކީ ނޫރެކެވެ. ފަހެ އެއިގެ ވޮށްތައް ނިއްވައިލެއްވުމުން އަނދިރިކަމުގެ ތެރޭގައި، އޭނާ (ޝައިޠޯނާ) އެދޭ ގޮތަށް މީހާ މަގުފުރައްދައެވެ!" –އިބްން އަލްޖައުޒީ ރަޙިމަހުﷲ

ابن الجوزي، އިބްން އަލްޖައުޒީގެ ނަންފުޅުން މަޝްހޫރުވެވަޑައިގެންފައިވާ، ސުންނީ މުސްލިމުންގެ ފުރިހަމަ ލޯބި ހޯއްދެވި އިމާމް އުފަންވެވަޑައިގަތީ މީލާދީން 1116 ވަނައަހަރުއެވެ. އަވަހާރަވީ 16 ޖޫން 1201 ގައެވެ.

އިމާމް ވިދާޅުވެފައިވާ މި މަތިވެރި ބަސްފުޅުގެ މުހިންމުކަން މިއަދު މިވަނީ ފެނިފައެވެ. އިސްލާމް ދީން އުނގެނުމަށް ހުރަސް އެޅުމާއި އުނގަންނަވައި ދެއްވަވަން ތިއްބެވި ދީނީ ޢިލްމުވެރިންގެ މަސައްކަތްޕުޅުތަކަށް ހުރަސް އެޅުމާއި އެބޭކަލުންގެ އަގު ވައްޓައިލުމަށް މިކުރެވޭ ހުރިހާ ކަމެއް ކުރަމުން އެގެންދަނީ ޝައިޠޯނާ ބޭނުންވާ ގޮތަށް މީސްތަކުން ލެންބުވުމަށެވެ.

ދީނީ ޢިލްމާއި ދީނުގެ މައުލޫމާތު ލިބުނަ ނުދީ ހުރަސް އަޅަނީ މީސްތަކުންގެ ހިތްތަކުން އިސްލާމް ދީނުގެ ނޫރު ފުހެލައި އަނދިރިކަމެއްގެ ތެރޭގައި އޭނާ ބަހައްޓުވައިގެން އޭނާ ލައްވައި ޝައިޠޯނާ ކުރުވަން ބޭނުންވާ ކަންކަން ކުރުވުމަށެވެ.

ވީމާ ޝައިޠޯނާގެ ވާގިވެރިންނާއިމެދު ކޮންމެ މުސްލިމަކުވެސް މިއަދު މިވަނީ ވަރަށް ބޮޑަށް ސަމާލުވާން ޖެހިފައެވެ. އާޚިރަތް އެދޭނަމަ އޮތީ އެފަދަ މީސްތަކުންނާއި ދުރުހެލިވުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން