ތިބާ ޝައުޤުވެރިނުވާ ވާހަކައެއް ބައިވެރިޔާ ދެއްކިނަމަވެސް ސަމާލުކަންދީގެން އަޑުނޭހުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް! ލިބިދާނެ ދެރަ ވަރަށް ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ތިބާ ޝައުޤުވެރިނުވާ ވާހަކައެއް ބައިވެރިޔާ ދެއްކިނަމަވެސް ސަމާލުކަންދީގެން އަޑުނޭހުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް! ލިބިދާނެ ދެރަ ވަރަށް ބޮޑު!

އަހަރެމެންގެ ތެރޭގައި ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. އަނެކާ ދައްކާ ވާހަކައަކީ ތިމާއަށް މުހިންމު ވާހަކައެއް ނޫންނަމަ އަޑު ނުއެހުމުގެ މައްސަލައެވެ. ދެމަފިރިންގެ މެދުގައިވެސް މިކަން ދިމާވާކަން އެއީ ވަރަށް ހިތާމަހުރި ކަމެކެވެ. އެކަމުގެ ސަބަބުން ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެއެވެ.

އެހެނީ ބައެއް ފަހަރު ދެމަފިރިންގެ މެދުގައިވެސް އަނެކާ އެހައި ޝައުޤުވެރި ނުވާ ޒާތުގެ ވާހަކަތައް ދެއްކެއެވެ. ދެއްކޭނެއެވެ. ބައިވެރިޔާގެ އިޙްޞާޞްތައް ޙިއްޞާކުރަން އެންމެ ޙައްޤުކަން ބޮޑީ ބައިވެރިޔާއަށް ކަމުގައިވާތީއެވެ.

ވީމާ ބައިވެރިޔާ ދައްކާ ވާހަކައަކީ ތިމާއަށް އެހައި މުހިންމު ވާހަކައަކަށް ނުވިނަމަވެސް އަޑުއަހާށެވެ! އަޑު ނުއަހާނަމަ މުހިންމު ވާހަކަވެސް ހިއްޞާ ކުރަން ފޫހިވެ ނުކުރަން ފަށާނެއެވެ. އެއިރުން ލިބޭ ގެއްލުމާ ކުރަންޖެހޭ ހިތާމަ މާބޮޑުވާނެއެވެ! ގިނަ ފަހަރު ލިބޭ އެންމެ ބޮޑު އެއް ދެރައަކީ ބައިވެރިޔާގެ ވާހަކަތަކަށް ސަމާލުކަން ނުދޭކަން އެނގުމުން ދުރުމީހުންނާއި އެވާހަކަތައް ޙިއްޞާކުރުމުން އެކަމުގެ ނާޖާއިޒު ފައިދާ އެމީހުން ނަގާކަމެވެ. މިފަދަ ޙާލަތުގައި ދެމަފިރިންގެ ގުޅުން ކެނޑޭ ހިސާބަށްވެސް ކަންކަން އެބަދެއެވެ.

ޤަބޫލުކުރާށެވެ! ކޮންމެ މީހަކު ނަމަވެސް ވާހަކައެއް ދައްކާނީ ހިތުގައި އިޙްޞާޞްތަކެއް އުފެދުމުންނެވެ. އެއިޙްޞާޞްތައް ކޮންމެވެސް މީހަކާއި ޙިއްޞާކުރާނެއެވެ. އެއްވެސް މީހަކާއި ޙިއްބާނުކުރެވޭނަމަ އެމީހަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

މިއީ ހަމަ އެންމެންވެސް ވިސްނަން ޖެހިފައިވާ ކަމެކެވެ. ބައެއް ފަހަރު ބައެއް މީހުން ދައްކާ ވާހަކަތަކުގައި ތިބާއަށް މުހިންމު ކަމެއް ނެތިދާނެއެވެ. އަދި އެވާހަކައަކު ތިބާއަށް ކުރާނެ ފައިދާއެއް، އަދި ލިބޭނެ ގެއްލުމެއްވެސް ނެތި ހިނގައިދާނެއެވެ. ނަމަވެސް ހަމަ ޝައުޤުވެރިކަމާއިއެކު އަޑުއަހާށެވެ!

އެހެނީ އެމީހަކު އެވާހަކައެއް ދައްކާނީ އެމީހަކަށް ވަރަށް މުހިންމު ކަމެއް ކަމަށްވުމުންނެވެ. އެމީހާގެ އިޙްޞާޞްތައް އެކަމަކާއި ވަރަށް ބޮޑަށް ގުޅިފައިވާތީއެވެ. އެމީހަކަށް އެކަމުން އަސަރުތަކެއް ކުރާތީއެވެ.

މުސްލިމުން އަޑު އެހުން ހުއްދަ ނުކުރާ ޒާތުގެ ވާހަކަ ދައްކާނަމަ އެކަން ހާމަކުރާށެވެ! މިސާލަކަށް މީހުންގެ ނުބައި ވާހަކަތަކާއި ފިތުނަ ފަސާދަ އުފެދޭ ޒާތުގެ ވާހަކަތައް އަޑުނުއަހާށެވެ! އަދި އަޑު ނުއަހަނީ ކީއްވެގެންކަންވެސް އެމީހަކަށް ރީތިކޮށް ބުނެދޭށެވެ! އެއިރުން އެކަން ތަކުރާރުކުރުން މަދުވާނެއެވެ.

މިބާވަތުގެ ކަންކަމުގައި ނަމޫނާއަކަށް ބަލަންވީ ރަސޫލް (ﷺ) ގެ ސުންނަތަށެވެ. ރަސޫލް (ﷺ) އަރިހުގައި މުޝްރިކުން އައިސް ދެއްކި ވާހަކަތައް ޝައުޤުވެރިކަމާއިއެކު އަޑު އެއްސެވިއެވެ. ޖަވާބު ދެއްވަމުން ގެންދެވީ އެމީހުން ވާހަކަ ދައްކައި ނިމުމުންނެވެ. ވީމާ އަހަރެމެންނަށްވެސް އޮތީ މީހުން ދައްކާ ވާހަކަ ހަމަ ޝައުޤުވެރިކަމާއިއެކު އަޑުއެހުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން