ފުރަތަމަ ކަމަކަށް ބުނެލަން އޮތީ މުސްލިމުން އަޅުކަން ކުރަނީ ﷲ ތަޢާލާއަށެވެ! އެއްވެސް ޙާލެއްގައި އެއީ މީސްތަކުންނަށް ދައްކަން ކުރަން އޮތް ކަމެއް ނޫނެވެ. ވީމާ އެހެން މީހުންނަށް ސިއްރުން ހެޔޮ ޢަމަލުތައް ގިނަގުރުމަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް އެންމެ ފައިދާހުރި ގޮތެވެ!
ސިއްރިޔާތުގައި ހެޔޮ ޢަމަލުކުރުން ގިނަކުރުމަކީ ސުންނަތާއި އެހެންވެސް އަޅުކަން މީސްތަކުންނަށް ޢާންމުކޮށް ނުދައްކައި ގޭގައި ނުވަތަ އެނޫންވެސް ގޮތަކުން ސިއްރިޔާތުގައި ކުރަމުން ގެންދިއުމެވެ. މީސްތަކުންނަށް ޢާންމު ނުކޮށް ސިއްރިޔާތުގައި ޞަދަޤާކުރުން ފަދަ ހެޔޮ އަމަލުތައް ކުރަމުން ގެންދިއުމެވެ.
ގޭގައި ސުންނަތް ނަމާދު ކުރެވެން ނެތްނަމަ، ނުވަތަ ގެއާއި ދުރުގައި ހުރުމުން ސުންނަތްކުރަން ގެއަށް ދެވެން ނެތް ނަމަ މިސްކިތުގައި ކުރަންވީއެވެ. އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. ވިސްނައިލަންވީ ކަމަކީ ދިރިއުޅޭ ގެއަކީ ޤަބުރުސްތާނަކަށް ހަދައި ފަޅުނުކޮށް ސުންނަތާއި އެހެންވެސް އަޅުކަން ކުރުމުން ގޭތެރެ ދިރުވަން އޮތް ބަސްފުޅަށެވެ. ރަސޫލް (ޞޢވ)ގެ ގަނޑުވަރުކޮޅާއި މިސްކިތްކޮޅު އެހައި ކައިރިއިރުވެސް ސުންނަތް ނަމާދުތައް ގޭގައި ކުރެއްވެވީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ.
ގޭގައި އަޅުކަންކުރުން، ޛިކުރުކޮށް ކީރިތި ޤުރްއާން ކިޔަވައި ހެދުމަކީ އެކަމުގެ ސަބަބުން ގެއަށް ވަދެވަޑައިގަންނަވާ މަލާއިކަތުންގެ އަދަދު އިތުރުވެގެންދާނެ ކަމެކެވެ. އެފަދަ ގެތަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ބަރަކާތާއި ރަޙްމަތް އިތުރުވެގެންދާނެތެވެ! އިން ޝާ ﷲ
އަދި ކީއްހެއްޔެވެ؟ ތިބާ ސިއްރުން ކުރާ އަޅުކަން ގިނަވާނަމަ ތިބާއަށް އެކަމުގެ ފައިދާ ވަރަށް ބޮޑެވެ! އެކަމުގެ ސަބަބުން މީސްތަކުންގެ ކުރިމަތީގައި ﷲ ތަޢާލާ ތިބާގެ ޤަދަރު އުފުއްލަވައި މަތިވެރިކުރައްވަވާނެތެވެ! އިން ޝާ ﷲ
ސިއްރިޔާތުގައި ހެޔޮ ޢަމަލުކުރުން ގިނަކުރާށެވެ! އެއިގެ މާނައަކީ ފަރުޟު ނަމާދަށް ފިރިހެނުން މިސްކިތަށް ނުދިއުމެއް ނޫނެވެ! ފިރިހެނުން ޖަމާއަތަށް މިސްކިތަށް ދިއުމަކީ ވާޖިބެކެވެ. ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން