އަހުރެމެންގެ ޖީބުގައި ހުންނަ ފައިސާއަކީ އަހުރެމެންގެ މޮޅުކަމުން ލިބިފައި ހުންނަ އެއްޗެއް ނޫނެވެ. ﷲ ތަޢާލާ ދެއްވެވުމުން ލިބޭ އެއްޗެކެވެ. އެފައިސާއަށް ހޯދާ ތަކެއްޗަކީ އަހުރެމެންނަށް ﷲ ތަޢާލާ ދެއްވަވާ ތަކެއްޗެވެ. އަހުރެމެންގެ އަތުގައިވީނަމަވެސް އަތުގައި ހުންނަ ކޮންމެ އެއްޗަކީވެސް ހަމަ ﷲ ތަޢާލާ ދެއްވަވާ އެއްޗެކެވެ. ދިރިއުޅެންވާނީ އެކަންކަން ޤަބޫލުކޮށްގެންނެވެ.
ވަރަށް ކުޑަކުޑަ މިސާލަކުން ފަށާނަމެވެ. އަނބިމީހާގެ އަތުންވެސް ދަރިއެއްގެ އަތުންވެސް ކިތަންމެ އަގުބޮޑު އެއްޗެއްވެސް ހަލާކުވެދާނެއެވެ. ވެއްޓި ތެޅިވެސް ދާނެއެވެ.
އެވަގުތު އަންނަ ރުޅީގައި ހިތަށް އެރިހާ ނުބައި ބަސްތައް ބުނަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ ތިބާ އެންމެ ބޮޑަށް ސަމާލުކަންދީގެން ގެންގުޅޭ ފޯނު ތިބާގެ އަތުން ވެއްޓި ކިތައް ފަހަރު ހަލާކުވޭ ހެއްޔެވެ؟ އެކަމުން އެނގެނީ ކޮންމެ މީހެއްގެ އަތުންވެސް އެއްޗެއް ހަލާކުވެދާނެ ކަމެވެ. ނިކަން ބުނެބަލާށެވެ! ތިބާ އެހައި ބޮޑަށް ސަމާލުކަންދީގެން ގެންގުޅޭ ފޯނު ތިބާގެ އަތުން ވެއްޓެނީ ތިބާގެ ފަރުވާކުޑަކަމުން ހެއްޔެވެ؟
އެފަދަ ޙާލުގައި މަޑުމައިތިރިކަމާއިއެކު ބަސްބުނާށެވެ! ދެން ފަހަރަކުން އިތުރަށް ފަރުވާ ބަހައްޓައިގެން އެއްޗެތި ގެންގުޅެން ނަޞޭޙަތްދޭށެވެ. އެއިރުން ކުރާ ފައިދާ މާބޮޑުވާނެއެވެ. އެހެނީ ރުޅިގަކުރުމަށް ލިބޭ ފުރުޞަތުގައި ރުޅިގަދަނުކޮށް ހެޔޮކޮށް ހިތައި އޯގާތެރިވުމުން އަނެކުންގެ ހިތުގައި އެމީހެއްގެ މައްޗަށް ލޯބި އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ
އަދި ކީއްހެއްޔެވެ؟ ކުރިން ބުނިފަދައިން އެހަލާކުވީ ހަމަ ﷲ ތަޢާލާ ތިބާއަށް ދެއްވަވާފައިވާ އެއްޗެކެވެ. އެއްޗެއް ގަންނާނެ ފައިސާ ދެއްވެވީ ﷲ ތަޢާލާ ކަމަށްވާތީއެވެ. ވީމާ އެއްޗެއް ގެއްލުމުން ނުވަތަ ނެތިދިއުމުން އެކަލާނގެއަށް ޝުކުރުވެރިވީމާ ނިޢްމަތްތައް މާބޮޑަށް އިތުރުކުރައްވަވާނެތެވެ. އިން ޝާ ﷲ
އަދިވެސް ކުޑަކުޑަ މިސާލެއް ބުނެލާނަމެވެ. ކުޑަކުއްޖަކަށް ނުއުފުލޭވަރުގެ އެއްޗެއް އުފުލަން އުޅެނިކޮށް ވެއްޓި ހަލާކުވީއެވެ. އެކަމަށްވެސް ރުޅިއަންނަންވީ އެއްޗެއް ވެއްޓުމަކުން ނޫނެވެ. އެކަން (އެއެއްޗެއް އުފުލުން) ހުއްޓުވަންވީ ވެއްޓުމުގެކުރިންނެވެ. އެޒިންމާ އުފުލަންޖެހޭނީ ބެލެނިވެރިންނެވެ. ވީމާ ދަރިފުޅު ދެކެ އެކަމާއި ރުޅި އައުމުގެ އެއްވެސް ޙައްޤެއްވެސް ނެތެވެ.
ރުޅިގަދަކޮށް ނުބައި ބަސްތައް ބުނުމުން ކަންކަން މެދުވެރިވާގޮތާއިމެދު ނިކަން ވިސްނައިލަބަލާށެވެ! މުސްކުޅި އުމުރުގައި ހިނިތުންވެލާފައި ވާހަކަދައްކައިލާނެ އަމިއްލަ ދަރިން، ކާފަމާމަ ދަރިން ނުތިބޭ މީހުން އެބައުޅެއެވެ. އެކަން އެހެންވުމަށް މެދުވެރިވާ އެންމެ ބޮޑު އެއްސަބަބަކީ އެދަރިން ކުޑައިރު ނުބައި، ހަރުކަށި ބަސްތައް ބުނެވިފައި އޮތުމެވެ. ވީމާ އެގޮތަށް ބަސްމަގު ބެހެއްޓިފައިވާނަމަ ދަރިންގެ ކިބައިން މާފަށް އެދެންވާނެއެވެ. އެއީ އެވަރަށް ވިސްނަން ނުއެނގުމުގެ ސަބަބުން ކަންކަން ކުރެވުނު ގޮތްކަމަށް ބުނަން ލަދުގަތުމެއް ނެތެވެ.
ވީމާ ދުލުން ބުނާ ބަސްތަކަށް ފަރުވާތެރިވާށެވެ! އެހެން މީހުންގެ ހިތުގައި ޖެހޭނެ ފަދަ ނުބައިބަސްތައް ނުބުނާށެވެ. އެކަންވަނީ އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމުގެ ތެރެއިންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން