ކައިވެނިކުރާއިރު ބައެއް މީހުންގެ ވިސްނުމުގައި ހުންނަނީ ހޮލީވުޑް ނުވަތަ ބޮލީވުޑްގެ ފިލްމްތަކުން ފެންނަ ފަދަ ރަނގަޅު ބައިވެރިއަކާއި ކައިވެނިކުރުމެވެ. ނަމަވެސް އެއީ މުޅިން ނުބައި ވިސްނުމެކެވެ. ފިލްމްތަކުން އެފެންނަނީ އެމީހުންގެ ޙަޤީޤީ ސިފައެއް ނޫނެވެ. އެއީ ހަމަ ލިޔެވިފައިވާ ޑައިލޮގެކެވެ. ލިޔެވިފައިވާ ޢަމަލުތަކެކެވެ.
ހޮލީވުޑާއި ބޮލީވުޑުގެ ފިލްމްތަކުން ނުބައި، މަކަރުވެރި ބައިވެރިން ނުފެންނަނީހެއްޔެވެ؟ ކައިވެނި ކުރެވޭ މީހާއަކީ އެފަދަ ނުބައި މީހަކަށްވެދާނެކަމާއިމެދު ނުވިސްނަނީހެއްޔެވެ؟ ވީމާ ކުރުކޮށް ބުނާނަމަ ބަލަންވީ ފިލްމްތަކުން ފެންނަ ކަންކަމަކަށް ނޫނެވެ. ކައިވެނިކުރުމުގެ ޙަޤީޤީ މަޤްޞަދާއިމެދުގައެވެ.
ޔަޤީންކަމާއިއެކު ބުނަމެވެ. ކައިވެނިކުރި ޙަޤީޤީ މަޤްޞަދަކީ ﷲ ތަޢާލާގެ ހަޟްރަތާއި އިތުރަށް ކުއްތަންވުން ކަމަށް ކަނޑައަޅައި، އެނިޔަތުގައި ކައިވެނިކޮށް އެމަޤްޞަދު ޙާޞިލުކުރަން ދެމަފިރިން އެކުގައި މަސައްކަތްކުރާނަމަ އެދެމަފިރިއެއްގެ ދެމަދަށް ޝައިޠޯނާއަށް ނުވަދެވޭނެއެވެ. ރަޙްމަތުގެ މަލާއިކަތުން އެދެމަފިރިންގެ ކަންކަން ޙިމާޔަތްކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ
މިހާރަކަށް އައިސް ގިނަ ބައަކު ފިލްމްތައް ބަލައެވެ. ފިލްމްތަކުން ފެންނަ ފަދަ އުފާވެރި ދިރިއުޅުންވެސް ބޭނުންވެއެވެ. އެއް ހަމައަކުން ބަލައިފިނަމަ އެއީ މައްސަލައެއްވެސް ނޫނެވެ. މައްސަލައަކަށްވަނީ އުފާވެރިކަން ހޯދަން ދެމީހުންގެ ދިރިއުޅުމުގައި ޢަމަލުކުރަންޖެހޭ ގޮތަށް ޢަމަލުނުކުރެވޭތީއެވެ. އިސްލާމީ ފިލްމުތައް ބެލޭލެއް މަދުކަމުން މުސްލިމުންނަށް މުހިންމު، ފައިދާހުރި ކަންކަން ނުވެސް އެނގެނީއެވެ. ވީމާ ފުރަތަމަ ކަމަކަށް އިސްލާމީ ރިވެތި އަޚްލާޤާއި ދިރިއުޅުމުގެ ރަނގަޅު ޢާދަތައް ދައްކައިދޭ ފިލްމްތައް ބަލާށެވެ. ދިރިއުޅުން އުފާވެރިކުރެވޭނީ އެއިރުންނެވެ!
- ޑރ. ޢަބްދުﷲ ގެ ދަރުސަކުން