ކޮންމެ ސަބަބެއް ކުރިމަތިވެގެން ކައިވެނި ރޫޅުނަސް ދަރިންނާއި ބައްދަލުކުރުމުގެ ޙައްޤު މަންމައަށާއި ބައްޕައަށްވެސް އޮންނަންޖެހޭނެއެވެ. އެއީ ދަރިންނަށް އަދާކުރަންޖެހޭ ޙައްޤެކެވެ. ނަމަވެސް ކައިވެނި ރޫޅުމަށްފަހު އެޙައްޤަށް ހުރަސް އަޅައިގެންނުވާނެއެވެ. އެއީ އަހުރެމެންގެ ދީން ވެސް ހުއްދަކުރާ ގޮތެއް ނޫނެވެ. ދީނުގައި އޮތީ ކައިވެނި ރޫޅުނަސް ދަރިންގެ މަސްއޫލިއްޔަތު އަދާކުރުމެވެ.
އެކަންކަމަސް ވިސްނާނުލައި ކަންކަންކުރެވޭތީ ކިޔުންތެރިންގެ ފަރާތުން ހުށަހަޅާ ޝަކުވާތަކަށް ބަލައި ނަޞޭޙަތުގެ ގޮތުން ބުނެލަން އޮތީ:
"ކައިވެނި ރޫޅުނުއިރު ދަރިންލިބިފައިވާނަމަ، އެކުދިންނާ ބައްދަލު ކުރުމުގެ ފުރުޞަތު ދެފަރާތަށް ލިބެންޖެހޭ. ކޮންމެ ފަހަރަކު ކޯޓު މެދުވެރިކޮށް ދަރިންނާ ބައްދަލުކުރަން ޖެހުމަކީ ހިތްދަތިކަމެއް. އެކަކު އަނެކަކަށް ޖެއްސުންކުރުމާއި ދަރިންކައިރީގައި ކުށްވެރިކޮށްފަ ވާހަކަ ދެއްކުމުގެ އާދަ ދޫކޮށްލަންޖެހޭ!"
- ޝައިޚް އިބްރާހީމް ރަޝީދު ޙަސަން
ޝައިޚް ވިދާޅުވެފައިވާ މި ބަސްފުޅުގައި ފާހަގަކުރައްވާފައިވަނީ 3 ކަމެކެވެ.
1 ކައިވެނި ރޫޅުނުއިރު ދަރިންލިބިފައިވާނަމަ، އެކުދިންނާ ބައްދަލު ކުރުމުގެ ފުރުޞަތު ދެފަރާތަށް ލިބެންޖެހޭކަން.
2 ކޮންމެ ފަހަރަކު ކޯޓު މެދުވެރިކޮށް ދަރިންނާ ބައްދަލުކުރަން ޖެހުމަކީ ހިތްދަތިކަމެއްކަން.
3 އެކަކު އަނެކަކަށް ޖެއްސުންކުރުމާއި ދަރިންކައިރީގައި ކުށްވެރިކޮށްފަ ވާހަކަ ދެއްކުމުގެ އާދަ ދޫކޮށްލަންޖެހޭކަން.
މި 3 ކަމަކީވެސް އަޅުގަނޑުމެންގެ ތެރެއިން މަދު ބައަކު ނަމަވެސް ކުރިމަތިކުރުވާ ނުވަތަ ކުރަމުން ގެންދާ ކަންކަމެވެ. އިޞްލާޙްކުރަން ޖެހިފައިވާ ކަންކަމެވެ.