ހެޔޮލަފާ ކޮންމެ މީހަކަށްވެސް ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި ތިމާގެ މަރު ގާތްވަމުން އަންނަ ކަމުގެ މެސެޖް ލިބޭނެއެވެ. އަދި ހެޔޮ ލަފާ ނޫން މީހުންނަށްވެސް އެ މެސެޖް ލިބޭނެއެވެ. ނަމަވެސް އެމީހާއަށް ޝައިޠޯނާގެ ފަޅީގައި ހުރެވޭލެއް ބޮޑުކަމުން އެކަން އިޙްޞާޞް ނުކުރެވެނީއެވެ.
ޝައިޠޯނާގެ ފަޅީގައި ހުރެވުނީމާ ވާގޮތަކީ މެސެޖް ލިބުނަސް ބަލައިނުގަނެވެނީއެވެ. ތައުބާވާނީ އަދި ދުވަސްކޮޅެއް ފަހުން ކަމަށް ބަލައިގެން މަޑުކޮށްލެވެނީއެވެ. ބައެއް މީހުންނަށް ކުރިއަށްވުރެ ގިނައިން ނުބައި ޢަމަލުތައް ކުރަންވެސް ފެށެއެވެ.
ހެޔޮލަފާ މީހުންނަސް އެމެސެޖް ލިބުމުން ދެން މާގިނަ ދުވަހަކު ދުނިޔޭގައި ނުހުރެވޭނެ ކަމުގެ އިޙްޞާޞްތައް ކުރެވެން ފަށާނެއެވެ. އެހެންވެ ކުރިއަސްވުރެ ގިނައިން ހެޔޮ ޢަމަލުތައް ކުރަން ފެށޭނެއެވެ. ބޭކާރު ވާހަކަތައް ދެއްކުން މަދުކޮށް ޛިކުރުކުރުން ގިނަކުރެވޭނެއެވެ.
އަހުރެންގެ ވަރަށް ގާތް އެކުވެރިއަކަށް ކަންކަން މެދުވެރިވި ގޮތް ބުނަންހެއްޔެވެ؟ އެއީ 38 އަހަރުގެ މީހެކެވެ. ކުއްލިއަކަށް މަރުވީއެވެ. މަރަށް ތައްޔާރުވާން އެއްވެސް ކަމެއް ކުރެވުނުކަމެއް ނުއެނގެއެވެ. އެހެން މިބުނީ އަޅުކަމާއި ވަރަށް ދުރުގައި އުޅެނިކޮށް މަރުވުމުންނެވެ.
އެކަމަކު ފަހުން އެނގުނު ގޮތުގައި އޭނާއަށް ދެން މާގިނަ ދުވަހު ދުނިޔޭގައި ނުހުރެވިދާނެ ކަމަށް ބައެއް އެކުވެރިންގެ ގާތުގައި އޮތީ ބުނެވިފައެވެ. ވީމާ އޭނާ މަރުވީ ކުއްލިއަކަށް ނަމަވެސް އެކަމުގެ އިޙްޞާޞްތައް އޭނާއަށް އެވަނީ ކުރެވިފައެވެ. ޝައިޠޯނާގެ ފަޅީގައި ހުރެވުނީތީ ޢަމަލުނުކުރެވުނީއެވެ.
ލޮބުވެތި އެކުވެރިންނޭވެ! ﷲ ތަޢާލާ ދެއްވަވާ މެސެޖްތައް ބަލައިގަނެވޭނީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުރެވިގެންނެވެ. ވީމާ އަބަދުވެސް ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ! ވީހާ ގިނަ ހެޔޮ ޢަމަލުތައް ކުރަން މަސައްކަތްކުރާށެވެ. ދުނިޔެއާއި އާޚިރަތްވެސް ކާމިޔާބުކުރެވޭނީ އެއިރުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން