ތިބާއަކީ ﷲ ތަޢާލާ ތިބާގެ ފަހަތުން ރިޒުޤް ފޮނުއްވަވާނެ މީހަކަށްވެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ތިބާއަކީ ﷲ ތަޢާލާ ތިބާގެ ފަހަތުން ރިޒުޤް ފޮނުއްވަވާނެ މީހަކަށްވެވޭނެ! އިން ޝާ ﷲ

ކޮންމެ ނިޢުމަތެއްވެސް ﷲ ތަޢާލާ މިންވަރުކުރައްވަވާނީ އެކަމަކަށް އެދިގެން ޢަމަލުކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމުންނެވެ. އެކަލާނގެ އިރާދަކުރައްވަވާ އަޅުންނަށް އެކަލާނގެ އިރާދަކުރައްވަވާ މިންވަރަކަށެވެ. ރިޒުޤް ތަނަވަސްވުމަށް އެދިގެންވެސް ޢަމަލުކުރަން އޮތީ ހަމަ މިބުނި ވިސްނުމުގައެވެ. 

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވަނީ މިފަދައިންނެވެ. 

"އަދި ހީވެސް ނުކުރާ ފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒްޤް ދެއްވަވާނެތެވެ. އަދި ﷲ އަށް ވަކީލް ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲ އީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ." (އަލްޠަލާޤް: 3) 

ފަސޭހަކަމާއިއެކު ފައިސާ ހޯދުމުގެ ދަހިވެތިކަމުގަ އާއި މަތީ މަޤާމުތަކުގެ ދަހިވެތިކަމުގައި ބައެއް މީހުން ﷲ ތަޢާލާ އާއި އެބަ ދުރަށް ޖެހެއެވެ. ﷲ ތައާލާ ރުހިވޮޑި ނުގަންނަވާ ގޮތްގޮތުން ފައިސާ ހޯދައެވެ. އަދި ﷲ ތަޢާލާ ބާވައިލެއްވެވި ދީނުގެ ޢަދާވާތްތެރިންނާއި ގުޅިގެންވެސް ފައިސާ ހޯދައެވެ. މިހިރީ ވަރަށް ނުރައްކައުތެރިކަން ބޮޑު ކަންކަމެވެ. 

މިފަދަ މީހުންނަށް ޤަބޫލު ނުކުރެވޭ ކަމަކީ ރިޒްޤް ދެއްވަވަނީ ﷲ ތަޢާލާ ކަމެވެ. ކޮންމެ ގޮތަކުން ހޯދަން މަސައްކަތްކުރި ނަމަވެސް ލިބޭނީ ﷲ ތަޢާލާ ދެއްވެވި އެއްޗެއް ދެއްވެވި މިންވަރަކަށް ކަމެވެ. އަދި ﷲ ތަޢާލާ ހުއްދަ ނުކުރައްވަވާ ގޮތަކުން ލިބިގެންފި އެއްޗެއްގެ ޙަޤީޤީ ފައިދާއެއް ނުކުރާނެ ކަމާއި ލިބޭނީ ގެއްލުންކަމެވެ. 

މީސްތަކުންނޭވެ ހައިހޫނުކަމުގައި ހުންނަން ޖެހުނު ނަމަވެސް ﷲ ތަޢާލާ ހުއްދަ ކުރެއްވެވި މަގަކުން ނޫނީ ރިޒްޤް ނުހޯދާށެވެ! އެނގި ހުރެ އަމިއްލަ ގޮހޮރަށް އަލިފާން ނުއަޅާށެވެ! އަދި އަނބިދަރިންގެ ގޮހޮރަށްވެސް މެއެވެ. ތިބާ އާއި ތިބާގެ އަނބިދަރިންގެ ގައިގައި ޖަހާ މަހާއި ހަށީގައި ހިނގާ ލެޔަކީ ޙަލާލް ތަކެތި ކަމުގައި ހަދާށެވެ! އެހެން ނޫން ނަމަ ދެވުން ގާތީ ނަރަކައަށެވެ. މިއީ ޙަދީޘްފުޅުން އެނނގެން އޮތް ކަމެކެވެ. 

ﷲ ތަޢާލާގެ މަގުގައި ސާބިތުވުމުން އެމީހަކަށް ﷲ ތަޢާލާ ރިޒްޤް ދެއްވަވާނެތެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ރިޒުޤް ހޯދަން މަސައްކަތްކުރާ މީހުންގެ ފަހަތުން ﷲ ތަޢާލާ ރިޒުޤް ފޮނުއްވަވާނެތެވެ. އެމީހަކަށް ރިޒުޤް ދެއްވަވާނެތެވެ. އިން ޝާ ﷲ. ހަމައެކަނި މިއާޔަތުންވެސް އެކަންކަން އެނގިގެންދެއެވެ. "އަދި ހީވެސް ނުކުރާ ފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒްޤް ދެއްވަވާނެތެވެ." އޮތުމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން