ރަސޫލް (ﷺ) ޙަދިޘްފުޅު ކުރެއްވެވިއެވެ.
"މީހަކު ނަމާދަށް ވުޟޫކޮށް، އަދި ވުޟޫ ފުރިހަމަކޮށް، ދެން ފަރުޟު ނަމާދަށް ގޮސް، މީސްތަކުންނާއިއެކު ނަމާދުކޮށްފިނަމަ، ނުވަތަ ޖަމާޢަތުގައި ނަމާދުކޮށްފިނަމަ، ނުވަތަ މިސްކިތުގައި ނަމާދުކޮށްފިނަމަ، މާތް ﷲ އޭނާގެ ފާފަތައް ފުއްސަވައި ދެއްވަވާނެއެވެ." (ޞަޙީޙް މުސްލިމް: 341)
ރަސޫލް (ﷺ) ގެ މި ޙަދިޘްފުޅުން ނަމާދުވަގުތު ޖެހޭއިރު ގޭގައި ހުރިނަމަ ގެއިން ވުޟޫކޮށްގެން ނަމާދަށް ދިއުމުގެ މުހިންމުކަމާއި އެކަމުން ލިބޭނެ ބޮޑު ފައިދާ އެނގިގެންދެއެވެ..
ހަމައެއާއިއެކު މިޙަދީޘްފުޅުން އެނގިގެންދަނީ ވުޟޫކުރަންވާނީ ނަމާދުކުރުމަށް ނިޔަތް ގަނެގެން ކަމެވެ. އަދި ވުޟޫކުރަންވާނީ ސުންނަތުގައިވާފަދައިން ހުރިހާ ކަންކަން އަދާކޮށްގެން ފުރިހަމައަށް ކަމެވެ. އަދި ވުޟޫކުރުން އޮތީ ގޭގައި ކަމެވެ. އެއީ ވުޟޫކޮށްގެން މިސްކިތަށް އައުމަށް އަންގަވާފައިވާތީއެވެ. އަދި ފަރުޟު ނަމާދުކުރުން (ފިރިހެނުންނަށް) އޮތީ މިސްކިތުގައި ކަމެވެ.
މީގެ އިތުރުން މިގޮތަށް ފާފަ ފުސްވައި ދެއްވެވުމުގައި ޖަމާޢަތް ލިބުން މުހިންމުކަމާއި، ޖަމާޢަތުން ބައެއް ލިބުނު ނަމަވެސް ފުދިދާނެ ކަމާއި ޖަމާޢަތަށްޓަކައި ގެއިން ވުޟޫކޮށްލައިގެން ދިއަ މީހަކަށް ޖަމާއަތް ނުލިބުނު ނަމަވެސް މިސްކިތުގައި ނަމާދުކޮށްފުމުން އޭނާ އެކަމަށް ނިޔަތް ގަނެފައިވާތީ އޭނާއަށް އެކަމުން ލިބެންވާ ސަވާބެއް އުނިނުވާނެ ކަމާއި ފާފަ ފުއްސަވައި ދެއްވެވުމުގައިވެސް އުނިނުވާނެކަން އެނގިގެންދެއެވެ.
އަދި ޖަމާޢަތުގައި ނަމާދުކުރުމަކީ މުހިންމު ކަމެއް ކަމާއި ޖަމާޢަތުގައި ނަމާދު ކުރުމަކީ ގަދަ ސުންނަތެއް ކަމާއި އަދި އެއީ ވާޖިބެއް ނޫންކަންވެސް އެނގިގެންދެއެވެ.
މިގޮތަށް ފާފަ ފުއްސަވައި ދެއްވެވުމުގައި ޝަރުޠެއްގެ ގޮތުގައި އައިސްފައި އޮތީ ބޮޑުފާފައެއް ނުކުރާ ކަމުގައި ވާނަމައެވެ. މާނައަކީ ފުއްސަވައިދެއްވަވާނީ ކުރެވޭ ކުދިފާފަތަކެވެ. ބޮޑެތި ފާތަކަށް އޮތީ ތައުބާވުމެވެ.
- ޞަޙީޙް މުސްލިމް/ އުސްތާޛް ޙުސައިން ރަޝީދު އަހްމަދު