ކޮންމެ ބެލެނިވެރިއަކުވެސް ދަރިން ތަރުބިއްޔަތުކުރުމުގަ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންތައް!: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ކޮންމެ ބެލެނިވެރިއަކުވެސް ދަރިން ތަރުބިއްޔަތުކުރުމުގަ އެންމެ ބޮޑަށް  ސަމާލުކަންދޭންޖެހޭނެ ކަންތައް!: ޑރ. ޢަލީ ޒާހިރު

މިހާރު ގިނައިން މިފެންނަނީ ފުރަތަމަ "ޗޮއިސް" އަކީ ތިމާކަމަށް ހެދުން ޢާންމުވެފައިވާ ތަނެވެ. އެކަން އެގޮތަށް ޢާންމުވެފައި މިވަނީ ދަރިން ތަރުބިއްޔަތުކުރުމުގައި އެންމެ މުހިންމު ކަންތަކަށް ސަމާލުކަން ނުދެވޭތީއެވެ. ނޫންނަމަ ސަމާލުކަން ކުޑަކުރެވޭތީއެވެ. ވީމާ ތިރީގައިވާ ޑރ. ޢަލީ ޒާހިރުގެ ބަސްފުޅަކީ ކޮންމެ ބެލެނިވެރިއަކަށްވެސް ވަރަށް އަގުހުރި ފިލާވަޅެކެވެ.

ޞަޙާބީންގެ ތެރެއިން ސުހައިބުއްރޫމީ އަކީ މައްކާއަށް ބޭރުން ވަޑައިގެން ހުންނެވި ބޭކަލެކެވެ. ތަނަވަސްކަން ލިބިވަޑައިގަތީ މައްކާގައި ކުރެއްވެވި މަސައްކަތްޕުޅުންނެވެ. އެކަލޭގެފާނު މައްކާ ދޫކުރައްވައި މަދިނާއަށް ހިޖުރައަށް ވަޑައިގަންނަވަން އުޅުއްވެވުމުން މައްކާގެ މުޝްރިކުން އެކަމަށް ހުރަސް އެޅިއެވެ. އަދި ހުރިހާ މުދަލެއް ދޫކުރައްވާފައި ނޫނީ ވަޑައިނުގެންނެވޭނެ ކަމަށް ދެންނެވިއެވެ.

އެހިނދު އެމީހުން އެދުނުފަދައިން ހުރިހާ މުދަލާއި ތަނަވަސްކަން ދޫކޮށްލެއްވެވިއެވެ. ހިޖުރައަށް ވަޑައިގަތީ ހަމައެކަނި ތުރުކުރައްވައިގެން ހުންނެވި ފޭރާންކޮޅާއިއެކުގައެވެ.

މިފަދަ ތަރުބިއްޔަތެއްއ ލިބިވަޑައިގަތީ ރަސޫލް (ﷺ)ގެ އަރިއަހުންނެވެ. އެހެން ގޮތަކުން ނޫނެވެ. އެފަދަ ބޭފުޅުންނާއި ބެހޭ ގޮތުން ކީރިތި ޤުރްއާނުގައި ވަނީ މަދަޙަ ޢާއި ތައްރީފްގެ އާޔަތްތައް ބާވައިލައްވަވައިފައެވެ. އަމިއްލަފުޅު މުދައުވެރިކަން ޤުރްބާން ކުރައްވަވާފައި ﷲ އާއި ރަސޫލް (ﷺ)ގެ ލޯބި "ބައްލަވައިގަތުން" ﷲ ވަނީ ކާމިޔާބު ވިޔަފާރިއެއްގެ ގޮތުގައި ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވަވައިފައެވެ.

ނޫޙުގެފާނާއި އެހެނިހެން ރަސޫލް ބޭކަލުންނަށްވެސް ﷲ ތަޢާލާ ބާވައިލެއްވެވީ ހަމަ އެއް ދީނެވެ. އެއީ އިސްލާމް ދީނެވެ. ﷲ ތައާލާ އަންގަވާފައިވަނީ އެދީނާއި އެއްގޮތަށް ދިރިއުޅުމަށެވެ. ދިރިއުޅުމުގެ ހުރިހާ ކަންކަން އެ ދީނާއި އެއްގޮތަށް ބައްޓަން ކުރުމަށެވެ.

ޞަޙާބީން ވަނީ އެބޭކަލުންގެ އަމިއްލަފުޅު ނަފްސްތަކާއި ހުރިހާ މުދަލެއް ﷲ އަށާއި ރަސޫލް (ﷺ) އަށް ލޯބިން ޤުރްބާން ކުރައްވައިފައެވެ. އަޅުގަނޑުމެންވެސް ޢަމަލުކުރަންވީ ހަމަ މިއުޞޫލުންނެވެ. އަޅުގަނޑުމެންގެ ދަރިންވެސް ތަރުބިއްޔަތު ކުރަންވީ ހަމަ މިއުޞޫލުންނެވެ. ކޮންމެ ކަމެއްވެސް ﷲ އެންގެވި ގޮތަށް ކުރުމަށެވެ. އިސްލާމް ދީނަކީ އެއީއެވެ.

--ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

މިއަދު އޮންލައިން