އަހަރެމެން އެންމެންނަކީ ވެސް ހަމަ ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤުންނެވެ. އެކަލާނގެ އަޅުތަކުންނެވެ. އެހެންކަމާއިއެކުވެސް ތަނަވަސްކަމުގެ އަހުލުވެރިން އެމީހުންގެ ގާތުގައި މަސައްކަތްކުރާ އިންސާނުންނަކީ އަޅުންކަމުގައި އެބަ ދެކެއެވެ. އަނެއް ބައަކު ކައިވެނިކުރެވުމުން އަނބިމީހާއަކީ އަޅަކު ކަމުގައި އެބަ ދެކެއެވެ.
މިފަދައިން އިންސާނުން އަޅުވެތިކޮށްގެން ގެންގުޅޭ މީހުން އެމީހުން ގެންގުޅޭ އަޅުންގެމަތިން ހަނދާނެއް ނުކުރެއެވެ. އެއީ އެއްވެސް ބައެއްގެ ގޮތަކުވެސް ނުދެކެއެވެ.
ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން އޮތީ އެގޮތަކަށް ނޫނެވެ! ކޮންމެ މީހަކީވެސް އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަފުޅުކުރައްވަވާނެ އަޅަކަށްވުމުގެ ފުރުޞަތު މިވަނީ ﷲ ތަޢާލާ ދެއްވަވައިފައެވެ. އެމީހެއްގެމަތިން ﷲ ތަޢާލާ ހަދުމަފުޅުކުރައްވަވާ އަޅަކަށް ދެރައެއް ދެވޭނީ ކާކަށް ހެއްޔެވެ؟ ފަހަރެއްގައި ވަޤުތީ ގޮތުން ދެރަގޮތެއް މެދުވެރިކުރެއްވެވިނަމަވެސް ބަދަލުގައި މާބޮޑު އުފާވެރިކަމެއް ދެއްވަވާނެތެވެ. އިން ޝާ ﷲ
ކުރަން އޮތް ކަމަކީ ހަމައެކަނި މިއާޔަތް ހަނދުމަކޮށް ޢަމަލުކުރަންވީއެވެ!
"ފަހެ، ތިއަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ކާފިރު ނުވާށެވެ!" (އަލްބަޤަރާ: 152)
ވީމާ ލިބޭ ކޮންމެ ވަގުތަކު ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރާށެވެ! އެމީހާ ﷲ ތަޢާލާގެ މަތިން ހަނދުމަކުރިވަރަކަށް ﷲ ތަޢާލާ އެމީހާގެ މަތިން ހަނދުމަކުރައްވަވާނެތެވެ! އަހަރެމެންނަކީ ﷲ ތަޢާލާގެ އަޅުން ކަމުގައިވާއިރު މިއީ ދެއްވަވާފައިވާ ކިހައި މަތިވެރި ފުރުޞަތެއް ހެއްޔެވެ؟ ފުރުޞަތުގެ ބޭނުން ހިފުން ގިނަކުރާށެވެ! ﷲ ތައާލާގެ ޙަޟްރަތާއި ކުއްތަންވާން ގަދައަޅައި މަސައްކަތް ކުރާށެވެ! ހުރިހާ ކުރިއެރުމެއްވެސް ދާނީ ލިބެމުންނެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން