ފާފަކުރާ މީހުންނަށް ދުނިޔޭގަ ފުރުޞަތު ދެއްވެވި ނަމަވެސް ފަހުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެކަން ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ފާފަކުރާ މީހުންނަށް ދުނިޔޭގަ ފުރުޞަތު ދެއްވެވި ނަމަވެސް ފަހުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެކަން ޤުރްއާނުން-

ތަނަވަސްކަމުގައި އުޅޭ ކާފިރުން ބައިވަރެވެ. ފާފަކުރަމުން އުފަލުގައި އުޅެވޭ މީހުންވެސް ބައިވަރެވެ. އެހެންކަމުން ބައެއް މީހުންގެ ހިތުގައި ތަފާތު ސުވާލުތައް އުފެދެއެވެ. އެހެންވެ މަސައްކަތް މިރޭ މަސައްކަތް މިކުރަނީ އެމީހުންގެ ސުވާލުތަކަށް ކޮންމެވެސް ވަރަކަށް ޖަވާބެއް ދެވޭތޯއެވެ.

ފުރަތަމަ ކަމަކަށް ދުނިޔޭގައި މީސްތަކުންނަށް ﷲ ތަޢާލާ ވަނީ އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. އެއިޚްތިޔާރުގެ ބޭނުން އެކި މީހުން ހިފަނީ އެކި ގޮތަށެވެ. އެހެންވެ ދުނިޔޭގައި އުޅެމުންދަނީ އެމީހަކު އުޅެން ބޭނުންވާ ގޮތަކަށެވެ. އެއްބައަކު ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުން ގެންދާއިރު އަނެއް ބައަކު ދެމިތިބެނީ ނުކިޔަމަންތެރިވެ ފާފަކުރުންމަތީގައެވެ.

ބައެއް މީހުން ބުނާ އަޑު ވަރަށް ގިނައިން އިވެއެވެ. "މިވެނި މީހަކީ ހާދަހާ ގިނަ ފާފަތަކެއް ކުރާ މީހެކެވެ. ނަމަވެސް އޭނާއަށް އެއްވެސް ޢަޛާބެއް ނުދެއްވަވައެވެ. އެއީ ކީއްވެގެން ހެއްޔެވެ؟"

އެފަދަ ވާހަކަތަކަށް ﷲ ތަޢާލާ ވަނީ ޤުރްއާނުގައި ވަޙީ ބަސްފުޅު ބާވައިލައްވަވައިފައެވެ.

"އަނިޔާވެރިން ކުރާ ކަންތަކާމެދު، ﷲ، ޣާފިލުވެ ވޮޑިގެންވާކަމަށް ކަލޭގެފާނު ހީފުޅުނުކުރައްވާ ހުށިކަމެވެ! އެކަލާނގެ އެއުރެން ފަސްކުރައްވާކަން ކަށަވަރީ (ކަންތައް ބޮޑުވެ) ލޯތައް ހުޅުވޭ ދުވަހަކަށެވެ." (އިބްރާހީމް 42)

އެއްވެސް ޙާލެއްގައި އެމީހުން ކުރާ ފާފަތަކަށް ﷲ ތަޢާލާ ޣާފިލުވެވޮދީގެންވަނީއެއް ނޫނެވެ. ކުރާ ހުރިހާ ކަންކަން ވެސް ﷲ ތަޢާލާ ހަމަ އެންމެ މޮޅަށް ދެކެ ދެނެވޮޑިގެންވެއެވެ. ނަމަވެސް އެފަދަ މީހުންނަށް ޖަޒާ ދެއްވެވުން "(ކަންތައް ބޮޑުވެ) ލޯތައް ހުޅުވޭ ދުވަހަކަށް" ލަސްކުރައްވަވަނީއެވެ. އެއީ ޤިޔާމަތް ދުވަހެވެ.

ވީމާ ފާފަކުރާ މީހުންނަށް މިދުނިޔޭގައި ޖަޒާ ނުދެއްވެވުމުން އެއީ އެމީހުންނަށް އެކުރާ ފާފަތަކުން ސަލާމަތްވެވެނީއެއް ނޫނެވެ. އެމީހުންނަށް އެދެއްވަވަނީ 2 ފުރުޞަތެކެވެ. އެއީ ބޭނުން ވަރަކަށް ފާފަތައް ކުރުމުގެ ފުރުޞަތާއި އަވަހަށް ތައުބާވެ ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމުގެ ފުރުޞަތެވެ.

ވީމާ މިވެނި މީހަކު ފާފަކުރި ނަމަވެސް ޢުޤޫބާތް ނުދެއްވަވާތީ ފާފަކުރަން ޝައުޤުވެރިނުވާށެވެ! އޭނާއަށް ދެއްވަވާނެ ޢުޤޫބާތުގެ ބޮޑުކަން ހިތަށް އަރުވައި ފާފަކުރުމާއި ދުރުހެލިވާށެވެ! ނަރަކައިގެ ޢަޛާބަކީ ގަދަފަދަ ޢަޛާބެއްކަން އަބަދުވެސް ހިތުގައި ބާއްވައި ނަރަކައިން ސަލާމްވުމަށް ގަދައަޅައި މަސައްކަތްކުރަމުން ގެންދާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން