މިއަދު ގިނަ ބައަކަށް ވަރަށް ބޮޑުވެފައިވާ އެއްކަމަކީ އެންމެ ގާތް އެކުވެރިން ކަމުގައި ބެލެވޭ ބައެއް މީހުންނަކީވެސް ހަމައެކަނި ދީނުގެ ވާހަކަ ދުލުން ދައްކާ ބައަކަށްވެފައި ޢަމަލުކުރާ ބައަކަށް ނުވާތީއެވެ! ހެޔޮ ޢަމަލުނުކުރާތަނުގައި ދީނުގައިވާ މަގުން ހެޔޮޢަމަލުކުރާނަމަ ފުރައްސާރަވެސް ކުރާތީއެވެ!
ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ސާބިތުވުމަށް މަސައްކަތްކުރާ ނަމަ އެމީހަކާއި ދިމާއަށް ވަރަށް ގިނަ ބާވަތުގެ ބަސްތައް ފޮނުވާނެއެވެ. ވަރުގަދަ ހަމަލާތައް ދޭން މަސައްކަތްކުރާނެއެވެ. އެމީހުންގެ ބިރު ދެއްކުންތަކަށް ފަސް ނުޖެހިއްޖެނަމަ ހައްދުފަހަނައަޅާފައިވާ މީހަކަށްވެސް ހަދާނެއެވެ.
މުސްލިމުން އަބަދުވެސް ތިބެނީ މިބުނި ކަންކަމަށް ފިސާރި ރަނގަޅަށް ތައްޔާރުވެގެންނެވެ. ފުލުފުލުގައި ޙަމަލާތައް ފޮނުވި ނަމަވެސް ހަމަ އަޅައިވެސް ނުލާނެއެވެ! ފުރިހަމަ މުސްލިމަކު ނަމަ ފަސް އެނބުރި ބަލައިވެސް ނުލާނެއެވެ.
ވީމާ ތިބާ ހެޔޮ އަމަލެއް ކުރުމުން އެކަމާއިމެދު ރުޅި އައިސް ނަފްރަތުކުރީ ކިތައް މީހުން ކަމާއިމެދު ކަންބޮޑުނުވާށެވެ! އެ ޢަމަލުތައް ޤަބޫލުފުޅުކުރައްވަވައި ﷲ ތަޢާލާ ތިބާއަށް ރުހިވޮޑިގެން އިން ޝާ ﷲ ތިބާ ޤިޔާމަތް ދުވަހު ސުވަރުގެ ވައްދަވާއިރު އެކަން ބަލަހައްޓަން ތިބޭނީ އެމީހުންނެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ މަޙްޝަރުގެ މައިދާނުގައި އެމީހުންނަށް ތިބާ އާއި ހަމައަށް ވެސް ނާދެވޭނެއެވެ!
އެމީހުން މަޙްޝަރުކުރައްވަވާފައި ތިބޭނީ އެމީހުން ފަދައިން ނުބައި އަމަލުތައް ކޮށް އިސްލާމް ދީނަށް ގެއްލުންދޭން މަސައްކަތްކުރި މީހުންނާއިއެކުގައެވެ. ވީމާ ކޮންމެވެސް ސަބަބެއް އޮތުމުން ﷲ ތަޢާލާ ފެންނާނެ ގޮތް މިންވަރު ނުކުރައްވަވައިފިނަމަ އެމީހުންނަށް ތިބާ ނުވެސް ފެންނާނެއެވެ!
ނަމަވެސް ތިބާގެ ޙިމާޔަތުގައި ތިބާގެ ވަށައިގެން ރަހްމަތުގެ މަލާއިކަތުން ތިއްބަވާނެތެވެ! ވީމާ އެއިން މީހަކަށް ފަހަރެއްގައި ތިބާ ފެނުނަސް ޖެހޭނީ ދެރަވެ ކަރުނައަޅާށެވެ! ވީމާ އެއްވެސް މީހަކު ދައްކާ ވާހަކައަކަށް ނުވަތަ ކުރާ ކޮމެންޓަކަށް ހަމަ އަޅައިވެސް ނުލާށެވެ! ހެޔޮ އަމަލުތައް ކުރުން ގިނަކުރާށެވެ! ﷲ ތަޢާލާ އާއި ކުއްތަންވުމަށް މަސައްކަތްކުރާށެވެ! ދުނިޔެ އާއި އާޚީރަތުގެ ބާއްޖެވެރިއަކަށްވާން ގަދައަޅައި މަސައްކަތްކުރާށެވެ! ޙަޤީޤީ ކާމިޔާބު ލިބުމަކީ ހަމައެއީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން