ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ކައިވެނިކުރުމަށްފަހު ބައިވެރިޔާ އަދާކުރަންޖެހޭ ވާޖިބުތައް ލިޔެފައި ބައިވެރިޔާގެ އަތަށް ދިނުމުން ނިމުނީ ކަމަށެވެ. އެއީ ދީނުގައި ބަޔާންވެގެންވާ ކަންކަން ކަމަށްވުމުން އެިރުން ހުރިހާ ކަމެއްވެސް ހުންނާނީ އެންމެ ފުރިހަމައަށް ކަމަށެވެ.
ބުނަން ހެއްޔެވެ؟ އެއީ އެގޮތަށް އަތަށް ދިއްކޮށްލާ ލިޔުމަކުން ފުދެން އޮތް ކަމެއް ނޫނެވެ. ދެމަފިރިންކުރެ ކޮންމެ މީހެއްގެ މައްޗަށްވެސް ދީނީ ގޮތުން ވާޖިބުތަކެއް ހުންނާނެއެވެ. ވީމާ ފުރަތަމަ ކަމަކަށް ކުރަންޖެހޭނެ ކަމަކީ ތިމާގެ މައްޗަށް ހުރި ވާޖިބުތައް ދެމެގަނެ އެވާޖިބުތައް އަދާކުރުމެވެ. އަނެކާގެ ވާޖިބުތައް ކިޔައިދޭންޖެހޭނީ ތިމާގެ ވާޖިބުތައް އަދާކުރަމުންނެވެ.
އާނއެކެވެ! ކައިވެންޏަކީ އަންހެނަކާއި ފިރިހެނެއްގެ މެދުގައި ވެވޭ އެއްބަސްވުމެކެވެ. އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރަން ވެވޭ އެއްބަސްވުމެވެ. އިސްލާމީ ކައިވެނީގައި އެވަރަކުންވެސް އަދި ނުފުދެއެވެ. ކައިވެނީގެ ތެރެއިން ދެމަފިރިންވެސް ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތަކެއްވެސްވެއެވެ.
ބުނަން ހެއްޔެވެ؟ ކުރިން މިބުނި މަގުން އެމީހަކު އެމީހެއްގެ ވާޖިބު އަދާކޮށް ރަނގަޅު ގޮތުގައި ދިރިއުޅެން މަސައްކަތްކުރަނިކޮށް އެމީހެއްގެ ނުފޯރާފަށުން ކަމެއް ދިއަނަމަވެސް އެކަމެއް ރަނގަޅުގޮތުގައި ޙައްލުކުރަން ﷲ ތަޢާލާ މަގުފަހިކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ. ބޭނުންވާނެ ހަމައެކަނި ކަމަކީ ﷲ ތަޢާލާއަށް ތެދުވެރިކަންމަތީގައި ޘާބިތުވެ ހުރުމެވެ.
މިހެންބުނީމާ ޙައިރާންވަނީ ހެއްޔެވެ؟ ރަނގަޅު ގޮތުގައި ދެމަފިރިން އުޅެން މަސައްކަތްކުރަނިކޮށް ކުރެވޭ ކަމެއްގެ ސަބަބުން ބައިވެރިޔާ މާފުނުކުރާނެކަން ޔަޤީންކޮށްގެން ހުންނަ ކިތައް ކަންތައް އެއްވެސް ކަމަކަށް ނުވެ ޙައްލުކުރެވޭ ހެއްޔެވެ؟ ބޮޑެތި މައްސަލަތައް ޖެހުމުން ބޮޑު ހިނގަނޑަކުން ނިންމައިލެވޭ ހެއްޔެވެ؟ އެހެން އެވަނީ އެކަން އެއްވެސް ބޮޑު ކަމަކަށް ނުވެ ޙައްލުވުމަށް ﷲ ތަޢާލާ މިންވަރުކުރައްވަވާތީއެވެ. އެފަދައިން ރަހްމަތް ލެއްވެވުމަށް އެދޭނަމަ ފުރަތަމަ ކަމަކަށްވެސް ދެމަފިރިން ތެދުވެރިވާށެވެ. ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރާށެވެ! ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- ޑރ. ޢަބްދުﷲ ގެ ދަރުސަކުން