ކޮންމެ ކަމެއް ކުރިނަމަވެސް، އެއީ އަޅުކަމެއް ކުރިނަމަވެސް އެކަމެއް ކުރަން ޝައުޤުވެރިވެވޭނީ ތިމާ އެކަމެއް ކުރާ ސަބަބު އެނގިފައި އޮތުމުންނެވެ. އެހެންކަމުން މިބަޔާންކުރަނީ ޙައްޖާއި ޢުމްރާގައި، ފަހާފަ ހުންނަ ހެދުން މުޙްރިމުން ނުލުމުގެ ޙިކުމަތާއި ބެހޭގޮތުން ފަޟީލަތުއްޝައިޚް މުޙައްމަދު އިބްނު ޞާލިޙު އަލްޢުޘައިމީން رحمهالله ވިދާޅުވެފައިވާ ބަސްފުޅެވެ.
ޙައްޖާއި ޢުމްރާގައި، ފަހާފަ ހުންނަ ހެދުން މުޙްރިމުން ނުލުމުގެ ޙިކުމަތް:
الحمد لله
[އާންމުކޮށްލާ ހެދުން މުޙްރިމުން] ނުލުމުގެ ޙިކުމަތަކީ އިންސާނާ އޭނާގެ رَبّއަށް އެތެރެފުށުންނާއި ބޭރުފުށުން މަޑުމޮޅިވެއުޅުން ފުރިހަމަވުމުގެ ގޮތުންނެވެ. އެއީ ރިދާއަކާއި (ރިދާއަކީ: ފިރިހެނުން އިޙްރާމްބަންނައިރު ހަށިގަނޑުގެ މަތީބައިނިވާކުރުމަށް ބޭނުންކުރާ ފޮތިގަނޑެވެ. އިޒާރެއްލުމުންނެވެ. (އިޒާރަކީ: ފިރިހެނުން އިޙްރާމްބަންނައިރު ހަށިގަނޑުގެ ތިރީބައިނިވާކުރުމަށް ބޭނުންކުރާ ފޮތިގަނޑެވެ.) އެންމެ މޮޅު ހެދުންލުމުގެ ކުޅަދާނަކަން ލިބިފައިވާ އެންމެ މުއްސަނދިމީހުންވެސް އެންމެ ފަޤީރުމީހުންނާ އެއްފަދައިންވާތަން ތިބާއަށް ފެންނާނެއެވެ. އެއީ މަޑުމޮޅިކަންފުރިހަމަވުމުގެ ތެރެއިންވާކަމެކެވެ.
އަދިވެސް މުސްލިމުންގެމެދުގައި އޮންނަ އެއްބައިވަންތަކަން ދެއްކުމަށްވެސްމެއެވެ. އަދި އެބައިމީހުން އަޅާހެދުމުގައިވެސް އެބައިމީހުންނަކީ އެއް އުންމަތެއްކަން ދެއްކުމަށްޓަކައެވެ. އެހެންކަމުން އެއްބިނާއެއްގެ ވަށައިގެން އެބައިމީހުން ޠަވާފުކުރެއެވެ. އަދި ހުއްޓިގެންވެސް ތިބެނީ އެއްތަނެއްގައެވެ. އަދި ރޭތައް ހޭދަކުރަނީވެސް އެއްބިމެއްގައެވެ. އަދި [ހިލަ] އުކަނީވެސް އެއްތާކަށެވެ.
ތިންވަނަ ފައިދާއަކީ: ހަމަކަށަވަރުން އިންސާނާ ދުނިޔެއިން ނުކުންނައިރު އޭނާ ނުކުންނާނީ މިފަދަ ގޮތަކަށްކަން އިންސާނާ ހަނދުމަވެއެވެ. އެއްވެސް ޙާލެއްގައި އެންމެ މޮޅު ހެދުމުގައި އޭނާ ނުނުކުންނާނެއެވެ. ނަމަވެސް ނުކުންނާނީ ކަފުނެއްގައެވެ.
والله المستعان
ފަޟީލަތުއްޝައިޚް މުޙައްމަދު އިބްނު ޞާލިޙު އަލްޢުޘައިމީން رحمهالله
“مجموع فتاوى ابن عثيمين” (22/ 136) .
- މަސްދަރު: ދިސަލަފިއްޔާ