މިސްކިތުގެ ޖަމާޢަތަށްދާ މީހުން ކުރީސަފުން ފެށިގެން ޖާގަ ނުފުރައި ތަންތަންކޮޅުގައި ސުންނަތްކުރަން ތިބޭތީ ފަހުން އަރާ މީހުންނަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވެއެވެ. މިކަމަށް އޮތް ޙައްލަކީ ކޮބައިތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.
ނަމާދަށް ހުންނަ މީހާގެ ކުރިކެނޑުމަކީ އެހެން އެއްވެސްގޮތެއް ނެތިގެން ނޫނީ ކުރަން ހެޔޮވާނެވަރުގެ ކަމެއް ނޫނެވެ. އެހެންކަމުން މިއީ ޙައްލުހޯދަނަ މަސައްކަތްކުރަންޖެހިފައިވާ ކަމެކެވެ. އެންމެ ރަނގަޅު ޙައްލަކީ ކުރީ ސަފުން ފެށިގެން ސަފުތައް ފުރަމުން އައުމެވެ. ތަންތަންކޮޅުގައި ސުންނަތްކުރަން ނުތިބުމެވެ. ބަންގިގޮވުމުން ކުރީސަފުން ފެށިގެން ފުރަމުން އަންނަނަމަ ނަމާދަށް ހުންނަ މީހާގެ ކުރިކެނޑުމުގެ މައްސަލަ ވަރަށް ބޮޑަށް ޙައްލުކުރެވޭނެއެވެ.!
މިލިޔުމުން ގިނަ މައުލޫމާތުތަކެއް ލިބިވަޑައިގަންނަވާނެއެވެ!
ޝެއިޚު އުޘައިމީން ރަޙިމަހުﷲ އާއި ސުވާލުކުރެވުނެވެ. ޖަމާޢަތުގައި ނަމާދުކުރަނިކޮށް ޖަމާޢަތުގެ ސަފެއްގެ ކުރިމަތިން ހިނގާފައި ދިޔުން ހުއްދަވާނެ ހެއްޔެވެ؟
ޝެއިޚު ރަޙިމަހުﷲ ޖަވާބުދެއްވިއެވެ. ” ޢިލްމުވެރިން ވަނީ އިމާމުގެ ފަހަތުގައި ނަމާދަށްތިބޭމީހުން(ޖަމާޢަތުގައި) ކުރިކަނޑާ މީހާ ފާފަވެރިވާނެ ކަމާއި މެދު ޚިލާފުވެލައްވާފައެވެ. ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އޭނާ ފާފަވެރިވާނެއެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިބަސްފުޅުގެ މައްޗަށް ޢާންމު މާނައިގައެވެ.
قول النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ: “لو يعلم المار بين يدي المصلي ماذا عليه من الإثم لكان أن يقف أربعين خيراً له من أن يمر بين يديه”. متفق عليه.
"ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ނަމާދަށް ހުންނަމީހާގެ ކުރިކަނޑާމީހާއަށް އޭނާގެ މައްޗަށްހުރީ ފާފަ އެނގޭނަމަ އޭނާ ނަމާދަށްހުރިމީހާގެ ކުރިކެނޑުމުގެ ބަދަލުގައި ސާޅީސް ވަންދެން ހުއްޓިހުރުން އޭނާގެ މައްޗަށް ހެޔޮކަން ބޮޑުވެގެންވެއެވެ.” وأخرجه البزار بلفظ: “لكان أن يقف أربعين خريفاً” އަލްބައްރާޒު މިލަފުޒުން ރިވާކުރައްވާފައިވެއެވެ. "ސާޅީސް އަހަރުވަންދެން ހުއްޓިހުރުން".
މާނައަކީ ހުއްޓިހުރުން ސާޅީސް އަހަރުވަންދެން ހުއްޓި ހުރުން ހޮޔެވެގެންވެއެވެ. އެހެންކަމުން ޙަދީޘްގެ ޢާއްމު މާނައަށް ބަލާފައި ކުރިކެނޑުން (ޖަމާޢަތުގައި އިމާމަށް ތަބާވެގެން ތިބޭ މީހުންގެ) ހުއްދަވެގެން ނުވާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.
އަދި ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ނަމާދަށް ތިބޭ މައުމޫންގެ ކުރިމަތިން ކުރިކެނޑުން ޙަރާމްވެގެން ނުވެއެވެ.
އެއީ މި ދަލީލުގެ މައްޗަށް ރިޢާޔަތްކޮށެވެ.
ابن عباس – رضي الله عنهما – قال: “أقبلت راكباً على حمار أتان، وأنا يومئذ قد ناهزت الاحتلام، ورسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ يصلي بالناس بمنى إلى غير جدار، فمررت بين يدي بعض الصف فنزلت وأرسلت الأتان ترتع، ودخلت في الصف فلم ينكر ذلك أحد"
"އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ރިވާކުރައްވައެވެ. ”ތިމަންކަލޭގެފާނު އަންހެން ހިމާރަކަށް ސަވާރުވެގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްވެސް ފާރެއްނެތް ތަނެއްގައި މިނާގައި ނަމާދުކުރައްވަނިކޮށް އައީމެވެ. އޭރު ތިމަންކަލޭގެފާނުވަނީ ބާލިޣުވުމާ ގާތްވެފައިވާ ޢުމުރުގައެވެ. އަދި ތިމަންކަލޭގެފާނު ހިމާރުގެ މަތީ އިނދެ ސަފުގެ ބައެއްކުރިކެނޑީމެވެ. އަދި ފޭބުމަށް ހިމާރު ވިނަކެއުމަށް ފޮނުވާލީމެވެ. އަދި ސަފަށް ވަދެވަޑައިގަތީމެވެ. އެއްވެސް މީހަކު އެކަމާ އިންކާރު ނުކުރައްވައެވެ."
މިކަމުން ދަލީލުކޮށްދެނީ އިމާމެއްގެ ފަހަތުގައި ނަމާދައްތިބޭ ބައެއްގެ ކުރިކެނޑުން އިންސާނެއްގެ މައްޗަށް ޙަރާމްވެގެން ނުވާކަމެވެ. މިއީ އެންމެ ޞައްޙަ ޤައުލެވެ. އެއީ އިންސާނުންނަށް ނަމާދަށް ތިބޭ މީހުންގެ ކުރި ކެނޑުން ހުއްދަވާނެކަމެވެ. ނަމަވެސް އެމީހުންނަށް ދުއްތުރާ ވެދާނެކަމަށް ބިރުގަންނަ ނަމަ ކުރި ނުކަނޑާށެވެ. ސަބަބަކީ ބައެއްމީހުން ނަމާދުކުރާގެ މީހާގެ ކުރިމަތިން ދާން ފެށުމުން އެމީހުންނަށް ބެލޭގޮތްވެއެވެ. މިކަމުގެ ސަބަބުން ނަމާދުކުރާ މީހުންނަށް ދުއްތުރާފޯރައެވެ. ފަހެ ނަމާދަށް ތިބޭ މީހުންގެ ކުރިނުކަނޑާވާނެ ގޮތެއް އޮތްނަމަ އެގޮތެއް މޮޅު އިތުރުވެގެންވެއެވެ. ނަމަވެސް ކުރިކެނޑިޔަށް އެމީހަކު ފާފަވެރި ނުވާހުއްޓެވެ. އެއީ އަންހެނެއް (އިމާމުގެ ފަހަތުގައި ތިބޭ މައުމޫމުންގެ) ކުރި ކެނޑިކަމުގައި ވިޔަސްމެއެވެ. والله الموفق.
- މަސްދަރު: ދިސަލަފިއްޔާ