ތިބާ ރަނގަޅު ގޮތުގަ ހުއްޓައި ތިބާއާއި ވަކިވާން ބޭނުންވާ ކޮންމެ މީހަކަށްވެސް އެފުރުޞަތު ފަހިކޮށްދޭށެވެ! ފަހަތުން ހިނގައި އާދޭސްކުރަން ނުހަދާށެވެ! ރަނގަޅު މީހުންނާއިއެކު ދެމި ތިބެވޭނީ މަދުބައަކަށެވެ. ގިނަ ބައަކަށް ކެތެއް ނުކުރެވޭނެއެވެ.
ވީމާ ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް އަދި އެއީ ތިމާގެ ޙަޔާތުގެ ބައިވެރިޔާ ކަމަށްވީނަމަވެސް އަދި އެހެން މީހަކު ނަމަވެސް ތިބާ ރަނގަޅު ގޮތުގައި ހުއްޓައި ތިބާއާއި ވަކިވެގެންދާން ބޭނުންވާ މީހާއަށް އެކަން ކުރުމުގެ ފުރުޞަތު ދޭށެވެ. އޭނާ އެގޮތަށް ކަންތައް ކުރާނީ އިންޞާފަށް ލޯބިނުކުރާތީއެވެ. އިންޞާފަށް ލޯބިނުކުރާ މީހެއްގެ ކިބައިން ކުރާނެ ފައިދާއެއް ނުއޮންނާނެއެވެ. ލިބޭނީ ގެއްލުމާއި އަނިޔާއެވެ.
ދެން އޮތީ މީހުންގެ ރުހުން ހޯދަން މަސައްކަތްކުރުމެވެ. އެއްވެސް މީހަކަށް އެންމެންގެ ރުހުމެއް ނުހޯދޭނެއެވެ. ޙައްޤު ގޮތުގައި ހުންނަން ބޭނުންވާ މީހަކަށް ޙައްޤު ޤަބޫލުނުކުރާ މީހުންގެ ރުހުމެއް ނުހޯދޭނެއެވެ. އެއީ ކުރެވޭނެ ކަމެއް ނޫނެވެ.
ވީމާ އެންމެ މުހިންމު ކަމަކީ ހަމައާއި އިންޞާފު ޤަބޫލުކުރާ މީހުންގެ ރުހުން ހޯދަން މަސައްކަތްކުރުމާއި އެނޫން މީހުންގެ ރުހުން ހޯދުމާއިމެދު ނުވެސް ވިސްނުމެވެ.
މީހަކަށް ހެދޭނެ އެންމެ ބޮޑު އެއް ގޯހަކީ ހަމައާއި އިންޞާފު ޤަބޫލުނުކުރާ މީހެއްގެ ރުހުން ހޯދުމަށްޓަކައި ތިމާއަކީވެސް އެމީހުން ފަދަ މީހަކަށް ބަދަލުވުމެވެ. އެއިރުން އެމީހަކަށް ގެއްލޭނީ މިދުނިޔެ އެކަންޏެއްވެސް ނޫނެވެ. ދުނިޔެއާއި އާޚިރަތްވެސް ގެއްލިގެންދާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން